ކާތަކެތި ހަޖަމީ ނިޒާމުގެ ތެރެއިން ދަތުރުކުރާ ވަގުތަކީ ކޮންމެ މީހެއްގެ ހަށިގަނޑާއި ދިރިއުޅުމުގެ އާދަތަކާ ގުޅިފައިވާ ކަންކަން ކަމަށް ބުނޭ --
ކާތަކެތި އަނގައިން ފެށިގެން ހަޖަމުކުރުމުގެ ނިޒާމުގެ އެންމެ ފަހު މަރުހަލާއާ ހަމައަށް ދަތުރުކުރާ ގޮތާއި އެކަމަށް ހޭދަވާ ވަގުތު އެކި މީހުންގެ މެދުގައި ތަފާތުވާ ގިނަ ސަބަބުތަކެއް ހުރިކަން ދިރާސާތަކުން ހާމަވެއެވެ.
އިންސާނާގެ ހަޖަމުކުރުމުގެ ނިޒާމުގައި މައިގަނޑު ފަސް މަރުހަލާއެއް ހިމެނެއެވެ. ފުރަތަމަ މަރުހަލާގައި ކާތަކެތި އަނގައަށް ލައި ހަފައި ކުޅުގައި ހިމެނޭ މާއްދާތައް ކާބޯހައިޑްރޭޓް ބައިބައިކުރަން ފަށައެވެ. އެއަށް ފަހު ކާތަކެތި ކާ ހޮޅިން ލައިފައި މައިދާއަށް ފޯރަނީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. މައިދާއަށް ވާސިލުވުމުން ހަޖަމީ އެންޒައިމްތަކާ އެކު ކާތަކެތި މެހި ދެ ގަޑީރާއި ހަތަރު ގަޑީރާ ދެމެދުގެ ވަގުތެއް ހޭދަވެ ފެން ހެޔޮވަރެއްގެ ބައްޓަމަކަށް ބަދަލުވެއެވެ.
ހަތަރު ވަނަ މަރުހަލާގައި ކުޑަ ގޮހޮރަށް ވާސިލުވާ ކާތަކެތި ހަތަރު ގަޑީރާއި ހަ ގަޑީރާ ދެމެދުގެ ވަގުތެއްގައި ދަތުރުކުރެއެވެ. ކުޑަ ގޮހޮރުގެ ތިން ބައި ކަމުގައިވާ ޑުއޮޑީނަމް ޖެޖޫނަމް އަދި އިލީއަމް ގައި އެންޒައިމްތަކާއި ބައިލް ބޭނުންކޮށް ޕްރޮޓީން ކާބޯހައިޑްރޭޓް އަދި ފެޓް ފަދަ މާއްދާތައް ލޭގެ ތެރެއަށް ދަމައިގަނެއެވެ. ފަހު މަރުހަލާގައި ބާކީ ހުންނަ ބައި ބޮޑު ގޮހޮރަށް ގޮސް 12 ގަޑީރާއި 48 ގަޑީރާ ދެމެދުގެ ވަގުތެއް ނެގެއެވެ. މި މުއްދަތުގައި ފެނާއި އިލެކްޓްރޯލައިޓްތައް ބޮޑު ގޮހޮރުން ދަމައިގަނެ ބާކީ ބައި ބޮޑުކަމުދާ ތަކެއްޗަށް ބަދަލުވެއެވެ.
ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި މައިދާ ހުސްވާން 3.3 ގަޑިއިރާއި ހަތް ގަޑިއިރާއި ދެމެދުގެ ވަގުތެއް ނަގައެވެ. ކުޑަ ގޮހޮރުން ދަތުރުކުރާ ވަގުތު 3.3 ގަޑީރާއި ހަތް ގަޑީރާ ދެމެދުގައި ހުންނައިރު ބޮޑު ގޮހޮރުގެ ދަތުރު 15.9 ގަޑީރާއި 28.9 ގަޑީރާ ދެމެދެވެ. މުޅި ހަޖަމީ ނިޒާމުގެ ޖުމްލަ ދަތުރު 23 ގަޑީރާއި 37.4 ގަޑީރާ ދެމެދު ދެމިގެންދެއެވެ.
ކާތަކެތި ހަޖަމުވާ ބާރުމިން މީހުންގެ މެދުގައި ތަފާތުވާ ސަބަބުތައް ގިނައެވެ. ކެއުމުގެ ބާވަތް މީގެ ތެރެއިން އެންމެ ބޮޑު ދައުރެއް އަދާކުރާއިރު ސާދާ ކާބޯހައިޑްރޭޓް އަވަހަށް ހަޖަމުވެ ޕްރޮޓީނާއި ފެޓް ގިނަ ކެއުންތައް ހަޖަމުވާން ގިނައިރު ނަގައެވެ.
މޭވާ ފަދަ ފައިބަރު ގިނަ ކެއުންތައް ނިޒާމުގެ ތެރެއިން ފަސޭހައިން ކުރިއަށް ދާއިރު މަހުގެ ބާވަތްތައް ފުރިހަމައަށް ހަޖަމުވާން ދެ ދުވަހާއި ތިން ދުވަހާ ދެމެދުގެ މުއްދަތެއް ނެގުން އެކަށީގެންވެއެވެ. މީގެ އިތުރުން ޢުމުރު ހަގު މީހުންގެ ހަޖަމުވުން ދޮށީ ޢުމުރުގެ މީހުންނަށް ވުރެ ހަލުއިވެއެވެ. ހަށިގަނޑުގެ މެޓެބޮލިޒަމް މަތި ނަމަ ހަޖަމުވާން ނަގާ ވަގުތު ކުރުވެ ފެން ބޯ މިންވަރު އެކަށީގެންވާ ވަރަށް ނެތް ނަމަ ބަނޑު ހަރުވެ ދަތުރު ލަސްވެއެވެ.
ހަމައެހެންމެ ކަސްރަތު ކުރާ ވަރު އިތުރުވުމުންވެސް ކާތަކެތި ނިޒާމުގެ ތެރެއިން ދައުރުވާ ބާރުމިން ހަލުއިވެއެވެ. ބައެއް ސިއްހީ ހާލަތްތައް ކަމުގައިވާ އައިބީއެސް ހަކުރު ބަލި ތައިރޮއިޑް ބައްޔާއި ހަޖަމީ ނިޒާމުގެ އެކި މައްސަލަތަކުގެ ސަބަބުންވެސް ހަޖަމުވާ މުއްދަތު ފާހަގަކޮށްލެވޭ މިންވަރަކަށް ތަފާތުވެއެވެ.
މި ހުރިހާ ސަބަބުތައް ގުޅިގެން ކާތަކެތި ހަޖަމީ ނިޒާމުގެ ތެރެއިން ދަތުރުކުރާ ވަގުތަކީ ކޮންމެ މީހެއްގެ ހަށިގަނޑާއި ދިރިއުޅުމުގެ އާދަތަކާ ގުޅިގެން ތަފާތުވާ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް