އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ޝެންޒެން ސިޓީގައި ދެ ރޭ މަޑުކުރި ފަސް ތަރީގެ ހޮޓަލަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު ރެކޯޑް މިންވަރަކަށް އިތުރުވެއްޖެއެވެ..
އޭޕެކް ސަމިޓުގައި ބައިވެރިވުމަށް ޓްރަމްޕް ނޮވެމްބަރު 18 އަދި 19 ގައި ޝެންޒެންގެ ދަ ލެންގަމް ހޮޓެލުގައި ހުރި ފަހުންއެ ޢިމާރާތް ވެފައި ވަނީ ޗައިނާގެ ދާޚިލީ ފަތުރުވެރިން ޖަމާވާ މައި ތަނަކަށެވެ.
ސައުތު ޗައިނާ މޯނިން ޕޯސްޓް (އެސްސީއެމްޕީ) ރިޕޯޓުކޮށްފައިވާ ގޮތުގައި ރިޔާސީ ކާރު ބުރުގެ ދަތުރު ނިމުމާ އެކު ޗައިނާގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެ ހޮޓަލާ މެދު ޝައުގުވެރިކަން ފާޅުކުރަން ފެށިއެވެ. ގިނަ މީހުން ހޮޓެލުގެ ދޮރުމައްޗަށް ގޮސް ސެލްފީ ނެގުމުން ފުއްދައިލާ އިރު، ތަނަވަސް ބައެއް ފަރާތްތަކުން ޓްރަމްޕް ހުރި ކަމަށް ބެލެވޭ ޕްރެޒިޑެންޝަލް ސުއިޓް ވެސް ބުކްކޮށްފައިވެއެވެ.
ޝެންޒެންގެ ފޫޓިއެން ޑިސްޓްރިކްޓުގެ މެދުގައި ހުންނަ ދަ ލެންގަމްގައި 352 ކޮޓަރި ހުރެއެވެ. ޔޫރަޕުގެ ކްލެސިކް ޑިޒައިނާއި ޗައިނާގެ ފެނުންތައް ގެނެސްދީފައިވާ އެ ހޮޓެލުގައި ތަފާތު ރެސްޓޯރެންޓުތަކާއި ސްޕާއެއް އަދި ފެން ކުޅީގެ ވަސީލަތްތައް ހިމެނެއެވެ. ބޮޑެތި ބުކިން ސައިޓުތަކުގައިވާ ގޮތުން ނޮވެމްބަރު ފަހުކޮޅު އެ ތަނުގެ ޢާންމު ކޮޓަރިއެއް ރެއަކަށް ގާތްގަނޑަކަށް 1,000 ޔުއާން (ގާތްގަނޑަކަށް 150 ޑޮލަރު) އަށް ލިބެއެވެ. ޕްރެޒިޑެންޝަލް ސުއިޓުގެ އަގު ރެއަކަށް ގާތްގަނޑަކަށް 30,000 ޔުއާން ކަމަށް އަންދާޒާ ކުރެވޭ އިރު، ކައިރީގައި ހުންނަ ޕާކް ހަޔެޓް ޝެންޒެންގެ އެ ފެންވަރުގެ ސުއިޓެއް 100,000 ޔުއާނަށް އެރުމާ އެކު ލެންގަމް ގެ އަގު ހެޔޮ ކަން ފާހަގަކުރެވެއެވެ.
އަގު ހެޔޮ ހޮޓެލެއް ޚިޔާރުކުރި ސަބަބާ މެދު ހޮސްޕިޓެލިޓީ ކޮންސަލްޓެންޓެއް ކަމަށްވާ ޖެންގް ހާއޯޝީ އެސްސީއެމްޕީ އަށް ބުނީ އެމެރިކާގެ ރައީސް ދަތުރުކުރާ އިރު ކޮޓަރީގެ އަގާއި ހޮޓެލުގެ ފެންވަރު ނޫން ކަންކަމަށް އިސްކަން ދެވޭ ކަމަށެވެ. "ސެކިއުރިޓީ ކަންކަން ހަމަޖެހުމުން ދެން އެންމެ ބޮޑު ލަނޑުދަނޑިއަކީ ވަރަށް ބޮޑު ވަފުދެއް ބައިތިއްބާނެ ގޮތެއް ހެދުމެވެ — ރައީސް އަމިއްލައަށް ހުރި ތަނަކީ ޢަމަލީ ގޮތުން ވިސްނާ ކަންކަމުގެ ތެރެއިން އެންމެ ކަމެކެވެ،" ޖެންގް ބުންޏެވެ.
ލެންގަމް ހޮޓެލު ހޮވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޢިމާރާތުގެ ރައްކާތެރިކަން ކަށަވަރުކުރެވޭ ފަސޭހަކަމާއި، ސަމިޓް ބާއްވާ ތަންތަނާ ކައިރިކަމާއި، މުޅި ވަފުދު އެއް ތަނެއްގައި ބައިތިއްބައިލެވޭ ވަރަށް ކޮޓަރި ގިނަވުން ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް