އެތައް އަހަރެއް ވަންދެން އެހެން ބާވަތެއް ކަމަށް ހީކުރެވިފައި އޮތް ގަހު ހަރުފައެއް ވަކި ބާވަތެއްގެ ގޮތުގައި އިންޑިއާގެ ސައިންސްވެރިން ކަނޑައަޅައިފި އެވެ.
އިންޑިއާގެ ދިރޭ ތަކެތީގެ ނަސްލު މުއްސަނދި ސަރަހައްދެއް ކަމަށްވާ ވެސްޓަން ގާޓްސް އިން ފެނުނު މި ހަރުފައަށް ދީފައިވާ ސައިންޓިފިކް ނަމަކީ ޑެންޑްރެލެފިސް ބެޑޮމީ އެވެ. އެ ސަރަހައްދުގެ ބައޮޑައިވާސިޓީ، ޚާއްޞަކޮށް ބޮއް ދިރޭ ތަކެއްޗާއި ސޫފާސޫފީގެ ދިރާސާތަކަށް ގިނަ ޚިދުމަތްތަކެއް ކުރި ކާނަލް ރިޗާޑް ހެންރީ ބެޑޮމް ގެ ޝަރަފުގައި މި ހަރުފައަށް "ބެޑޮމްސް ބްރޮންޒްބެކް" ގެ ނަން ވަނީ ހުށަހަޅައިފައެވެ.
ޓެޕްރޮބެނިކާ ޖާނަލް ގައި މިމަހު ޝާއިޢުކުރި ދިރާސާގައި، ކުރިން މި ހަރުފައާ އެއް ބާވަތެއް ކަމަށް ބެލެވިފައި އޮތް ލާޖް-އައިޑް ބްރޮންޒްބެކް ނުވަތަ ޑެންޑްރެލެފިސް ގްރޭންޑޮކިއުލިސް ގެ ތަފްސީލީ ސިފަކުރުންތައް ބަދަލުކޮށް ދެކުނު އިންޑިއާގެ ޑެންޑްރެލެފިސް ބާވަތްތައް ވަކިކުރާނެ ގޮތްތަކެއް ވެސް ހިމަނައިފައިވެއެވެ.
މި ހޯދުމަށް ދިރާސާވެރިން ބޭނުންކުރީ މަގުމަތީ މަރުވެފައި އޮއްވައި ފެނުނު ދެ ހަރުފައާއި، ދިރިހުރި ހަރުފަ ފެނިގެން ރެކޯޑުކުރި މައުލޫމާތާއި، ސިޓިޒެން ސައިންސް ޕްލެޓްފޯމްތަކުގައި ހިއްސާކޮށްފައި ހުރި ފޮޓޯތަކެވެ. އެ ދެ ހަރުފައިގެ ތެރެއިން ފުރާ ފުރިހަމަވެފައިވާ ފިރިހެން ހަރުފައެއް ފެނިފައިވަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހު ކަރްނާޓަކާގެ ދަކްޝިނާ ކަންނަޑާ ޑިސްޓްރިކްޓުގެ ސުލިއާ ސަރަހައްދުގެ މަގެއް މަތިން ކަމަށް ބުނެފައިވެ އެވެ.
ދެ ބާވަތް ވަކިކުރުމުގެ ގޮޮތުން ސިފަތަކުގައި ހުރި ތަފާތުތައް މިހާރު ވަނީ ދެނެގަނެފައި އެވެ. އެގޮތުން ދެ ބާވަތުގެ ހަރުފައިގެ ދޫ ތަފާތު އިރު އެކަތީގައި ތިކިތަކެއް ކަނާތްފަރާތުގައި ހުންނަ ކަމަށް ބުނެފައިވެ އެވެ. ދެ ބާވަތް ދިރިއުޅެން ޚިޔާރުކުރާ މާހައުލު ވެސް ތަފާތެވެ.
ޑައުން ޓު އާތު ގެ ރިޕޯޓުގައިވާ ގޮތުން ލާޖް-އައިޑް ބްރޮންޒްބެކް އުޅެނީ މައިގަނޑު ގޮތެއްގައި ކަނޑުގެ ސަތަހައިން 300 އާއި 1،260 މީޓަރާ ދެމެދުގެ އުސްމިނުގައިވާ ފެހި ވާރޭ ޖަންގަލީގައެވެ. ބެޑޮމްސް ބްރޮންޒްބެކް ދިރިއުޅެނީ ހުޅަނގު ފަރާތުގެ ވައި ޖެހޭ ބައިގައި، 44 އާއި 1،038 މީޓަރާ ދެމެދުގެ ތިރި ސަރަހައްދުތަކުގައެވެ. ޚާއްޞަކޮށް ކޯރުތައް ހިމެނޭ ޖަންގަލީގައާއި ރަބަރު އަދި ފޯކް ދަނޑުތައް ފަދަ ދަނޑުބިންތަކުގައި އެ ހަރުފަ އުޅެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް