ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ހުރިހާ ހައްޖާޖީންނަށް އަރަފާތު ބިމަށް ދެވުނު ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.
އެކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ވިދާޅުވީ ރާއްޖެއިން މީހުން ހައްޖަށް ގެންދިޔަ އަމިއްލަ ތިން ޖަމާއަތާއި ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ހުރިހާ ހައްޖާޖީންނަށް އަރަފާތު ބިމަށް ދެވުނު ކަމަށެވެ. އަދި ހުރިހާ ހައްޖާޖީންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
ހުރިހާ ހައްޖާޖީން އަރަފާތަށް ގޮސް ނިމުނީ ސައުދީ ގަޑިން މެންދުރު 1:30 އެހާއިރު އެވެ. ކުރިން ހަމަ ޖެހިފައި އޮތީ މިއަދު ފަތިހާއި ހެނދުނު ދިވެހި ހައްޖުވެރިން އަރަފާތަށް ދިއުމަށެވެ. އެކަމަކު މާބޮޑަށް ލަސްވީ ބަހުގެ އިންތިޒާމް ހަމަ ނުޖެހިގެން ކަމަށް ސައުދީގައި ހައްޖުވެރިންނާއި އެކު އަޅުކަން އަދާ ކުރަމުންދާ ނޫސްވެރިއަކު މައުލޫމާތު ދެ އެވެ.
އޭނާ ބުނީ އެހެން އަހަރުތަކުގައި ހައްޖުވެރިންގެ ދަތުރުގެ ކަންތައް ހަމަޖައްސަނީ، އެ ގުރޫޕަކުން އިހްތިޔާރު ކުރާ އޭޖެންޓެއް ކަމަށެވެ. އެކަމަކު މި ފަހަރުގެ އޭޖެންޓް ކަނޑައެޅީ ސަރުކާރުން ކަމަށް ކުންފުނިތަކާއި ހަވާލާދީ އޭނާ ބުންޏެވެ.
މިއަދުގެ އިރު އޮއްސުމާ އެކު އަރަފާތު ބިމުން ހައްޖުވެރިން ފޭބުމަށް ފަހު ދިޔައީ މުޒްދަލިފާ އަށެވެ. މާދަމާ ހެނދުނުން ފެށިގެން ޖަމްރާ އަށް ހިލަ އުކުން އޮންނާނެ އެވެ. އިހުރާމް ކަނޑާނީ އޭގެ ފަހުންނެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދެ މިލިއަނަށްވުރެ ގިނަ މުސްލިމުން ބައިވެރިވި ކަމަށް ސައުދީން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް