މައްސަލަ ބޮޑުވެފައިވާ “ޕެހްރޭދާރް ޕިޔާ ކީ” ދެއްކުން ސޮނީން ހުއްޓާލައިފި

މިދިޔަ މަހު ސޮނީ ޓީވީން ދައްކަން ފެށި ޑްރާމާ ސީރީޒް “ޕެހްރޭދާރް ޕިޔާ ކީ” ދެއްކުން އެ ޗެނަލުން ހުއްޓާލައިފި އެވެ. “ޕެހްރޭދާރް ޕިޔާ ކީ” ގައި ފެނިގެންދަނީ އިންޑިއާގެ ޝާހީ އާއިލާއެއްގެ 18 އަހަރުގެ އަންހެނ...

31 Aug 2017 | 06:50

މިދިޔަ މަހު ސޮނީ ޓީވީން ދައްކަން ފެށި ޑްރާމާ ސީރީޒް “ޕެހްރޭދާރް ޕިޔާ ކީ” ދެއްކުން އެ ޗެނަލުން ހުއްޓާލައިފި އެވެ.

“ޕެހްރޭދާރް ޕިޔާ ކީ” ގައި ފެނިގެންދަނީ އިންޑިއާގެ ޝާހީ އާއިލާއެއްގެ 18 އަހަރުގެ އަންހެން ކުއްޖަކު 10 އަހަރުގެ ފިރިހެން ކުއްޖަކާއި ކައިވެނިކޮށްގެން އުޅޭ ތަނެވެ. މިކަން އިންޑިއާގެ އާންމުންނަށާއި ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާތަކަށް ބަލައިގަންނާކަށް ފަަސޭހައެއް ނުވި އެވެ.

އެ ޗެނަލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ “ޕެހްރޭދާރް ޕިޔާ ކީ” ދެއްކުން ހުއްޓާލީ މިދިޔަ ހޯމަ ދުވަހުން ފެށިގެން ކަމަށެވެ. އަދި ކުއްލިއަކަށް ނިންމި އެ ނިންމުމުގެ ސަބަބުން އެ ޑްރާމާ އުފައްދާ ކުންފުންޏަށް ގެއްލުން ވިޔަސް އެ ޗެނަލުން އިސްކަން ދެނީ ބެލުންތެރިންގެ އެދުމަށް ކަމަށް ބުނެފައިވެ އެވެ.

ޑްރާމާ ދެއްކުން ހުއްޓާލުމުގެ ކުރިން އެ ޗަލުން ވަނީ “ޕެހްރޭދާރް ޕިޔާ ކީ” ދައްކާ ގަޑި ރޭގަނޑު 10:00 އަށް ބަދަލުކޮށްފަ އެވެ. އެއީ ރޭގަނޑު އިރާކޮޅު އެ ޑްރާމާ ދައްކާތީވެސް މީހުން އެއްޗެހި ކިޔުމުންނެވެ.

އެ ޑްރާމާ ދެއްކުން ސޮނީން ހުއްޓާލާފައި މިވަނީ އެކި ގޮތް ގޮތަކަށް އެ ސީރީޒް އާއި ދެކޮޅަށް ކެމްޕެއިން ކުރުމަށް ފަހު ވަރުގަދަ ޕެޓިޝަނެއް އިންޑިއާގެ މައި ސަރުކާރުގެ ޓެކްސްޓައިލް އެންޑް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރު ސްމްރިތި އިރާނީއަށް ހުށަހަޅާފަ ވަނިކޮށެވެ. އެ ޕެޓިޝަންގައި އެދިފައިވަނީ އެ ޝޯ އުފެއްދުން ހުއްޓާލުމަށް އެންގުމަށެވެ. އެ ޕެޓިޝަންގައި އެތައް ލައްކަ ބަޔަކު ސޮއި ކޮށްފައިވެ އެވެ.

މިކަމާ ގުޅިގެން “ޕެހްރޭދާރް ޕިޔާ ކީ” ގެ ޑައިރެކްޓަރު ސުމީތް މިއްތަލް ބުނެފައިވަނީ  އެ ޝޯއަކީ އާންމުންނަށް ނުބައި މެސެޖެއްދީ އެ ޝޯއިން ފެނިގެންދާ ކަންކަން ކުރުމަށް ބާރު އެޅުމުގެ ގޮތުން ދައްކާ ޝޯއެއް ނޫންކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް