ގާސިމް ގޭ ބަންދަށް ބަދަލު ކުރަން ކަރެކްޝަންސް އިން ނިންމައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޭ ބަންދަށް ބަދަލު ކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ނިންމައިފި އެވެ. އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމެއްގައި މަޖިލީސް މެންބަރުންނަށް ރިޝްވަތު ދެއ...

31 Aug 2017 | 05:55

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޭ ބަންދަށް ބަދަލު ކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ނިންމައިފި އެވެ.

އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމެއްގައި މަޖިލީސް މެންބަރުންނަށް ރިޝްވަތު ދެއްވުމުގެ ނިޔަތުގައި ވާހަކަދެއްކެވި ކަމުގެ ކުށް ސާބިތުވެ ތިން އަހަރުގެ ޖަލު ހުކުމެއް ގާސިމް މައްޗަށް ޣައިރު ހާޒިރުގަ ކުރީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރެ ދަންވަރު އެވެ. ބުރާސްފަތި ދުވަހުން ފެށިގެން ގާސިމް އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮތުމުން އަދި ޖަލު ބަންދަށް ބަދަލު ނުކުރެވި އޮތީ ހޮސްޕިޓަލްގައި އެވެ.

ޖަލަށް ގެންދިއުމުގެ ބަދަލުގައި ގާސިމް ގޭބަންދަށް ބަދަލު ކުރަން ނިންމާ ލިޔުން އޭނާގެ ގާނޫނީ ވަކީލުންނާއި ހަވާލު ކުރީ ރޭ 11:30 ހާއިރު އެވެ. އެ ލިޔުމުގައި ބުނެފައިވަނީ ގޭ ބަންދަށް ބަދަލު ކުރަން ނިންމީ ބަލި ހާލަތު ހުރި ގޮތުން ކަމަށެވެ.

ގާސިމް ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާތީ ރާއްޖެއިން ހެދެން ނެތް ޓެސްޓުތައް ހެދުމަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ އިންތިޒާމު ހަމަޖެއްސުމަށް ކްރިމިނަލް ކޯޓުން ވަނީ ދައުލަތުގެ މުއައްސަސާތަކަށް އަމުރުކޮށްފައި އެވެ.

އެ އިންތިޒާމްތައް ވީހާވެސް އަވަހަކަށް ހަމަޖެހޭނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވެފައި ވަނިކޮށް ދައުލަތުގެ ފަރާތުން ވަނީ އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް