ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންތިޒާމްކޮށްގެން މިއަދު ހާއްސަ ރޯދަ ވީއްލުމެއް ބާއްވަން ނިންމައިފި އެވެ.
އެޗްޑީސީން މައުލޫމާތު ދޭގޮތުގައި ހައްޖު ދުވަހަކީ އަހަރުގައި އަންނަ އެންމެ މާތް ދުވަސްކަމުން މިއަދުގެ ރޯދަ ވީއްލުމަކީ ހުޅުމާލޭ ރައްޔިތުންގެ ތެރެއިން މިއަދު ރޯދަ ހިފާ ހުރިހާ އާންމުންނަށް ދެވޭ ހަދިޔާއެއް ކަމަށެވެ.
ރޯދަ ވީއްލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މަސްޖިދުލް ޝެއިހް ގާސިމް ބިން އަލްތާނީ (ހުޅުމާލޭ ބޮޑު މިސްކިތް) ގައި އެވެ. ރޯދަ ވީއްލުމުގައި ބައިވެރިވާ ފަރާތްތަކުން ހަވީރު 6:15 އަށް ދިއުމަށް ދައުވަތުދީފަ ވެ އެވެ.
މި ހާއްސަ ރޯދަ ވީއްލުމުގެ އިތުރުން މިފަހަރުގެ އަޟްހާ އީދު ސަގާފީ ކުޅީވަރުތަކާއި އެކު ބޭއްވުމަށް ވަނީ ހަމަޖެހިފައި އެވެ. އެޗްޑީސީން އިންތިޒާމް ކުރާ އީދު ކުޅިވަރުތަކާއި ހަރަކާތްތައް އޮންނާނީ ހުޅުމާލޭ ބޮޑެތި މަގުތަކުގަ އާއި ސެންޓްރަލް ޕާކުގައި އެވެ.
މާދަމާ ހެނދުނު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް ފަހު އުޟްހުޔާ ކަތިލުން ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މާދަމާ ހަވީރު ހުޅުމާލޭ ބޮޑެތި މަގުުތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސަގާފީ ހިނގާލުމުގައި ކޯޑި އާއި މާލި އަދި ބޮޑު މަސް ކުޅުން ހިމެނެ އެވެ. އަދި މާދަމާ ރޭ ސެންޓްރަލް ޕާކުގައި މިއުޒިކް ޝޯއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް