ބޮޑު ދާ މަސްވެރިކަން މަނާކުރާ ގަރާރު ބަލައިގެންފި

އިންޑިއާ ކަނޑުގައި ބޮޑު ދާ ޖަހައިގެން ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަން މަނާކޮށް ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށް ގޮވާލައި ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ހުށަހެޅުއ...

31 Jul 2019 | 10:21

އިންޑިއާ ކަނޑުގައި ބޮޑު ދާ ޖަހައިގެން ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަން މަނާކޮށް ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށް ގޮވާލައި ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ހުށަހެޅުއްވި ގަރާރު، ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފި އެވެ.

އެ ގަރާރު ތަޅުމަށް ބަލައިގަންނަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާގުންނެވެ.

އެ ގަރާރުގައި ވަނީ، ދިވެހިރާއްޖެއަކީ އަބަދުވެސް ތިމާވެއްޓާ ރައްޓެހި ގޮތަށް ހަމައެކަނި ދޮށީގެ މަސްވެރިކަން ކުރާ ބަޔަކަށް ވީ ނަމަވެސް ދެމެހެއްޓެނިވި އުސޫލުތަކާ ހިލާފަށް ބޮޑު ދާ ޖަހައިގެން އިންޑިއާ ކަނޑުގެ ސަރަހައްދުގައި ބައެއް އެހެން ގައުމުތަކުގެ އުޅަނދުތަކުން މަސްވެރިކަން ކުރަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ގަރާރު އިތުރަށް ދިރާސާ ކުރަން އިގްތިސާދީ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.

މަޖިލީހުން ދެން ބަލައިގަތް ގަރާރުތަކުގެ ތެރޭގައި މާ ކަނޑުގައި ކަންނެލި ޖަގަހަތަކެއް ގާއިމު ކުރުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ހުށަހެޅުއްވި ގަރާރާއި، ބޭރުގެ ބޯޓުފަހަރު ރާއްޖެ އައިސް ދިވެހި މަސްވެރިންގެ އަތުން މަސް ގަތުމަށް ހުއްދަ ދިނުމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހްމަދު ހުށަހެޅުއްވި ގަރާރު ހިމެނެ އެވެ.

ބޭރުގެ މަސް ބޯޓުފަހަރު ރާއްޖޭގެ ކަނޑުތަކުގައި މަސްވެރިކަން ކުރުން ހުއްޓާލުމަށް ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ހުށަހެޅުއްވި ގަރާރާއި، ރަށު ކައުންސިލްތަކާއި އަމިއްލަ ފަރާތްތައް ގުޅިގެން ރަށްރަށުގައި ގޭދޮށު މަސް ފެކްޓަރީ ގާއިމު ކުރުމަށް ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ހުށަހެޅުއްވި ގަރާރު ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް