ދިވެހިރާއްޖޭގެ ފުރަތަމަ އިސްލާމިކް ބޭންކުން އާ އޭޓީއެމެއް މިއަދު ހުޅުވައިފިއެވެ.
މިއީ މާލޭގައި އެމްއައިބީ އިން ހުޅުވި ފަސްވަނަ އޭޓީއެމް ސެންޓަރެވެ.
އޯކިޑްމަގުގެ ބަންޑާރަ މިސްކިތް ކުރިމަތިން ހުޅުވި މި އޭޓީއެމް އިން މިވަގުތު ނެގޭނީ ހަމައެކަނި ފައިސާ ކަމަށާއި، ކައިރި މުސްތަޤްބަލެއްގައި ފައިސާ ޖަމާކުރުމުގެ ޚިދުމަތް ފެށިގެންދާނެ ކަމަށް އެމްއައިބީން ބުންޏެވެ.
އެމްއައިބީން ބުނީ، މި އޭޓީއެމް ސެންޓަރުން ކަސްޓަމަރުންނަށް ފައިސާ ނެގުމުގެ އިތުރުން، އަމިއްލަ އެކައުންޓްތަކުގެ މެދުގައި ފައިސާ ޓްރާންސްފާ ވެސް ކުރެވޭނެ ކަމުގައެވެ. އަދި އެކައުންޓުގެ ބެލެންސް ބެލުމާއި، މިނީ ސްޓޭޓްމެންޓް ނެގުން އަދި ފައިސާ ކާޑުގެ ޕިން ބަދަލުކުރުމުގެ ޚިދުމަތް ވެސް ލިބިގެންދާނެ ކަމުގައެވެ. ކުރިއަށް ހުރި މަސްތަކުގެ ތެރޭގައި އޭޓީއެމްތަކުގެ ފެންވަރު ރަގަޅުކޮށް، ގިނަ ރަށްރަށުގައި އޭޓީއެމްތައް ބެހެއްޓުމުގެ މަސައްކަތް އެ ބޭންކުން ކުރާކަމަށް ވެސް އެމްއައިބީން ބުންޏެވެ.
އެމްއައިބީގެ އެހެން އޭޓީއެމް ތަކެކޭވެސް އެއްފަދައިން އަލަށް ހުޅުވުނު މި އޭޓީއެމުން ވެސް 24 ގަޑިއިރު ޚިދުމަތް ލިބޭނެ އެވެ.
މާލޭގައި ޖުމްލަ ފަސް ސެލްފް ސަރވިސް އޭޓީއެމްގެ ޚިދުމަތް ލިބޭއިރު، ރާއްޖެތެރޭގެ ބައެއް ރަށްރަށުގައި ވެސް އެމްއައިބީގެ އޭޓީއެމް ޚިދުމަތް ލިބެއެވެ. އެގޮތުން ހުޅުލެ އާއި، ސ. ހިތަދޫ އާއި، ޏ. ފުވައްމުލަކާއި، ހދ. ކުޅިދުއްފުށި އަދި ގދ. ތިނަދޫ ހިމެނެއެވެ. މިހުރިހާ ރަށަކާ އެކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެމްއައިބީގެ ޖުމްލަ 13 އޭޓީއެމް މިވަގުތު ވަނީ ޤާއިމުކުރެވިފައެވެ.
އެމްއައިބީން އާ އޭޓީއެމެއް ހުޅުވާފައިވާއިރު، މީގެ ދެދުވަސް ކުރިން އެ ބޭންކުން ވަނީ ހިއްސާ ވިއްކަން ފަށައިފައެވެ. ދެދުވަހުގެ ތެރޭގައި 10 މިލިއަން ހިއްސާ ވިކިފައި ވާކަމަށް އެމްއައިބީން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް