މިއަދު އެމްއެންޔޫއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ދުވަސް
އިނގިރޭސިވިލާތުގެ މަތީ ތަޢުލީމުގެ ފެންވަރު ކަށަވަރުކޮށްދޭ މިނިވަން އިދާރާ، ކޮލިޓީ އެޝުއަރެންސް އެޖެންސީ ފޯ ހަޔަރ އެޑިއުކޭޝަން (ކިއުއޭއޭ) އިން ދޭ "އިންޓަރނޭޝަނަލް ކޮލިޓީ އެކްރެޑިޓޭޝަން" (އައިކިއުއޭ) ގެ މިޑް-ސައިކަލް ރިވިއު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ކާމިޔާބުކަމާއެކު ފުރިހަމަކޮށް، 2023 ވަނަ އަހަރު ލިބުނު ބައިނަލްއަޤުވާމީ ދަރަޖަ ދަމަހައްޓައިފިއެވެ.
މި ރިވިއުއިން ފާސްވުމާ ގުޅިގެން، އެމްއެންޔޫގެ ބައިނަލްއަޤުވާމީ އެކްރެޑިޓޭޝަންގެ މުއްދަތު މިހާރު ވަނީ އޮކްޓޫބަރު 2028 ގެ ނިޔަލަށް އިތުރުވެފައެވެ. މި އެކްރެޑިޓޭޝަނަކީ ޔޫރަޕުގެ މަތީ ތަޢުލީމީ ދާއިރާގެ ފެންވަރު ހިފެހެއްޓުމަށް ކަނޑައަޅާފައިވާ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ބިނާކޮށް ދެވޭ ދަރަޖައެކެވެ. ފަސް އަހަރުގެ މުއްދަތަށް ދެވޭ މި އެކްރެޑިޓޭޝަންގެ މެދުތެރެއިން ކުރިއަށްގެންދާ މި ރިވިއުއިން ފާސްވުމަކީ ލާޒިމު ކަމެކެވެ.
ކިއުއޭއޭގެ ރިވިއު ޓީމުން ފާހަގަކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރު އެންމެ ފުރަތަމަ އެކްރެޑިޓޭޝަން ލިބުނު ފަހުން، އެމްއެންޔޫ އިން ވަނީ ތަޢުލީމީ ފެންވަރު މަތިކުރުމުގައި ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ.
މިކަމާ ގުޅޭގޮތުން ކިއުއޭއޭގެ ހެޑް އޮފް އިންޓަރނޭޝަނަލް ކޮލިޓީ އެޝުއަރެންސް އެންޑް އެންހާންސްމަންޓް ޕިއަރސް ވޯލް ވިދާޅުވީ "ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބޭފުޅުންނާއެކު މަސައްކަތް ކުރުމަކީ ވަރަށް ބޮޑު އުފަލެއް" ކަމަށާއި، މި ގުޅުން ކުރިއަށް އޮތް ތަނުގައި ވެސް ދެމިއޮންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ ޤައުމީ ޔުނިވަރސިޓީގައި ކިޔަވައިދިނުމާއި އުނގެނުމާއި ދިރާސާކުރުމުގެ ހުރިހާ ދާއިރާއެއްގައި ވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ފެންވަރު ހިފެހެއްޓުމަށް ކަމަށެވެ. އެގޮތުން މި އެކްރެޑިޓޭޝަނަކީ ތަޢުލީމީ ގޮތުން ޤާބިލު ބައެއްގެ އިތުރުން، މުޖުތަމަޢަށް ބަދަލު ގެނެސް ޤައުމު ބިނާކުރުމުގައި ހަރަކާތްތެރިވެވޭ ފެންވަރު ރަނގަޅު މީހުން ބިނާކުރުމަށް ކުރާ މަސައްކަތަށް ލިބުނު އިތުރު ބާރެއް ކަމަށް ވައިސް ޗާންސެލަރ ވިދާޅުވިއެވެ.
މި ކާމިޔާބީއާއެކު، ކިއުއޭއޭ ކޮމިއުނިޓީގެ ފުރިހަމަ ބައިނަލްއަޤުވާމީ މެންބަރުކަން ވެސް އެމްއެންޔޫއަށް ވަނީ ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް