އައިއޭޔޫގެ އެޑްމިނިސްޓްރޭޓިވް ބޯޑަށް ހޮވުމުން އެހެން ގައުމުތަކުން ކަންކަން އެނގި، ރާއްޖޭގެ ތަޖުރިބާ ހިއްސާ ކުރެވޭނެ: ޑރ. ޝެހެނާޒް

08 Nov 2026 | 14:40
ފޮޓޯ: އެމްއެންޔޫ

ފޮޓޯ: އެމްއެންޔޫ

އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޔުނިވަރސިޓީޒް (އައިއޭޔޫ) ގެ އެޑްމިނިސްޓްރޭޓިވް ބޯޑުގެ ފުލް މެންބަރެއްގެ ގޮތުގައި ހޮވުމުން އެހެން ޤައުމުތަކުން ދަސްކުރާނެ ކަންކަން ހުރި ފަދައިން ރާއްޖޭގެ ތަޖުރިބާ ވެސް ދުނިޔެއާ ޙިއްޞާ ކުރެވޭނެ ކަމަށް ގައުމީ ޔުނިވާސިޓީ )އެމްއެންޔޫ( ވައިސް ޗާންސެލާ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވެއްޖެ އެވެ.

ޑރ. ޝެހެނާޒް މިހެން ވިދާޅުވީ އައިއޭޔޫގެ އެޑްމިނިސްޓްރޭޓިވް ބޯޑުގެ ފުލް މެންބަރެއްގެ ގޮތުގައި އޭނާ އިންތިހާބުވެވަޑައިގެންނެވުމާއި ގުޅިގެންނެވެ. ޑރ. ޝެހެނާޒް އެމަގާމު އަދާ ކުރައްވާނީ މިއަހަރުން ފެށިގެން 2030 ވަނަ އަހަރުގެ ހިންގާ ދައުރުގައި އެވެ.

ޑރ. ޝެހެނާޒް ހޮވިވަޑައިގެންފައިވަނީ އޮސްޓްރޭލިއާގެ ޕާތުގައި ހުންނަ މާޑޮކް ޔުނިވަރސިޓީގައި ބޭއްވި އައިއޭޔޫގެ 17 ވަނަ ޖެނެރަލް ކޮންފަރެންސާ ގުޅިގެން ކުރިއަށް ގެންދިޔަ އިންތިޚާބު ޕްރޮސެސްގައެވެ. މި ބޯޑުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޔުނިވަރސިޓީތަކުގެ ވެރީން ތިއްބަވާއިރު، އެ ބޭފުޅުން ޖަމިއްޔާގެ ހިންގުމާއި ސްޓްރެޓީޖިކް މިސްރާބު ކަނޑައެޅުއްވުމުގައި ބައިވެރިވެވަޑައިގަންނަވައެވެ.

މި އިންތިޚާބާ ގުޅިގެން ޑރ. ޝެހެނާޒް ވިދާޅުވީ އޭނާއަށް ކުރެއްވި އިތުބާރާއި ޔަޤީންކަމަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި މި ޒިންމާ ޤަބޫލުކުރަނީ ޝައުގުވެރިކަމާއި އެކު، އައިއޭޔޫގެ މަސައްކަތަށް ހެޔޮ ގޮތުގައި ޙިއްޞާ ކުރުމުގެ ޢަޒުމުގައި ކަމަށެވެ.

މިއީ ޤައުމީ ޔުނިވަރސިޓީއަށާއި ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާއަށް ވެސް ލިބުނު ބޮޑު ޝަރަފެއް ކަމަށް ވިދާލުވި އެވެ.

ޑރ. ޝެހެނާޒް އިތުރަށް ވިދާޅުވީ "މި ފުރުޞަތުގެ ސަބަބުން ބައިނަލްއަޤުވާމީ މަތީ ތަޢުލީމުގެ މައިދާނުގައި އެމްއެންޔޫގެ ފެންނަ ފެނުން ހަރުދަނާވެ، މާނަހުރި ޕާޓްނާޝިޕްތައް ޤާއިމުވާނެ ކަމަށެވެ. އަދި ދަރިވަރުންނާއި މުވައްޒަފުންނާއި ރިސާޗަރުންނަށް ފައިދާ ލިބޭނެ އައު މަގުތައް ހުޅުވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ހަމަ އެއާއި އެކު ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ބައިނަލްއަޤުވާމީ އެއްބާރުލުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެހެން ޤައުމުތަކުން ދަސްކުރާނެ ކަންކަން ހުރި ފަދައިން ރާއްޖޭގެ ތަޖުރިބާ ވެސް ދުނިޔެއާ ޙިއްޞާ ކުރެވޭނެ ކަމަށް ޑރ. ޝެހެނާޒް ވިދާޅުވިއެވެ.

ޔުނެސްކޯގެ ބެލެނިވެރިކަމުގެ ދަށުން 1950 ގައި އުފެދުނު އައިއޭޔޫއަކީ 120 އަށް ވުރެ ގިނަ ޤައުމުން ގާތްގަނޑަކަށް 600 މެންބަރު ޖަމާކޮށްގެން ހިންގާ، މަތީ ތަޢުލީމުގެ ދާއިރާގެ ދުނިޔޭގެ ފެންވަރުގެ ޖަމިއްޔާއެކެވެ. ޑރ. ޝެހެނާޒް ބޯޑަށް ހޮވިވަޑައިގަތުމާ އެކު، ބައިނަލްއަޤުވާމީ މަތީ ތަޢުލީމުގެ މުސްތަޤުބަލާ ގުޅޭ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެން، ކުދި ޖަޒީރާ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ނަޒަރިއްޔާތައް ބައިނަލްއަޤުވާމީ ފެންވަރުގައި ތަމްސީލުކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް