އެމްއެންޔޫގެ ފަހި ދުވަހެއްގައި ކޯސްތަކާއި ގުޅޭ މައުލޫމާތު ދެނީ -- ފޮޓޯ: އެމްއެންޔޫ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ 2027 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކަށް ވަނުމަށް ހުޅުވާލައިފި އެވެ.
އެ ކޯސްތަކަށް ވަނުމަށް ހުޅުވާލީ މިމަހުގެ 15 ވަނަ ދުވަހު އެވެ. މުއްދަތު ހަމަވާނީ އަންނަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުގެ މެންދުރު 2:00 ގައި އެވެ.
އެމްއެންޔޫއިން ބުނީ ކޯސްތަކަށް ވަނުމަށް ޝައުޤުވެރިވާ ފަރާތްތަކުން portal.mnu.edu.mv މެދުވެރިކޮށް އޮންލައިންކޮށް ހޯމު ހުށަހެޅޭނެއެވެ. ހުށަހެޅެން ހުރި ޕްރޮގްރާމްތަކުގެ ތަފްސީލާއި ކިޔަވައިދެވޭ ދާއިރާތައް courses.mnu.edu.mv އިން ބެލޭނެ ކަމަށް އެ ޔުނިވަރސިޓީން ބުނެފައިވެއެވެ.
ހުށަހަޅާ ލިޔެކިޔުންތައް އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމަށް ފަހު، އެއް ފައިލެއްގެ ގޮތުގައި ސާފުކޮށް ކިޔައިލެވޭ ޕީޑީއެފް ފޯމެޓުގައި އަޕްލޯޑް ކުރުމަށް އެމްއެންޔޫން އިރުޝާދު ދީފައިވެއެވެ. އެ ޔުނިވަރސިޓީން ބުނީ އޮކްޓޫބަރު / ނޮވެމްބަރު 2026 ގައި އޭ ލެވެލް ނުވަތަ އެޗްއެސްސީ އިމްތިޙާނު ހެދި ދަރިވަރުންނަށް ފުރަތަމަ މަރުހަލާގައި އޭއެސް ލެވެލް ނަތީޖާއާއި ސްކޫލް މޮކް ނަތީޖާ ހުށަހެޅޭނެ ކަމަށާއި، ނަމަވެސް ހުށަހެޅުމުގެ މުއްދަތު ހަމަވުމުގެ ކުރިން ފައިނަލް ނަތީޖާ ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ނަމަވެސް ބެޗެލާ އޮފް ނާސިން، ބެޗެލާ އޮފް ސައިކޮލޮޖީ، ބެޗެލާ އޮފް މެޑިކަލް ލެބޮރެޓަރީ ސައެންސް، ބެޗެލާ އޮފް އޮކިއުޕޭޝަނަލް ތެރަޕީ، ބެޗެލާ އޮފް ސްޕީޗް ލެންގުއެޖް ޕެތޯލޖ، އަދި އެމްބީބީއެސް ހިމެނޭ ހަ ޕްރޮގްރާމަކަށް ދަރިވަރުން ހޮވާނީ ހުށަހެޅުމުގެ މުއްދަތު ނިމުމަށް ފަހު ނަތީޖާއަށް ބެލުަމަށް ފަހު އެވެ.
ފޯމް ހުށަހެޅުމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް [email protected] އަށް އީމެއިލް ކުރެވޭނެ ކަމަށާއި، 1445 ނަންބަރަށް ގުޅައިގެން ވެސް އެހީ ލިބޭނެ ކަމަށް އެމްއެންޔޫން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް