ފޮޓޯ: އެމްއެންޔޫ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ޕްރައިމް ކެއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ފާމަސީ ދާއިރާގެ ޢަމަލީ ތަމްރީނާއި ތަޖުރިބާ ފުޅާކުރުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެމްއޯޔޫގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޢާއިޝަތު ޝެހެނާޒް އާދަމެވެ. ޕްރައިމް ކެއާ އިންވެސްޓްމަންޓުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަޙުމަދު މުޙައްމަދު ދީދީއެވެ. ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ދެ ފަރާތުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެއްބަސްވުމުގެ ދަށުން ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ދަރިވަރުންނާއި ލެކްޗަރާއިންނާއި ދަސްވެނިވެފައިވާ ފަރާތްތަކަށް ފާމަސީތަކުގައި ޕްރޮފެޝަނަލް ބެލެހެއްޓުމުގެ ދަށުން ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ދެ ފަރާތުން ވެސް އެއްބަސްވެފައިވަނީ ހަމަހަމަކަމާއި އިޙުތިރާމާއި ދެ ފަރާތަށް ފައިދާ ކުރާ ގޮތެއްގައި، ރާއްޖޭގެ ޤާނޫނުތަކާ އެއްގޮތަށް މި ޕާޓްނާޝިޕް ކުރިއަށް ގެންދިޔުމަށެވެ.
ޔުނިވަރސިޓީ ތަޢުލީމާއި އިންޑަސްޓްރީއާ ދެމެދު ގުޅުން ބަދަހިވުމުން، ޞިއްޙީ ދާއިރާގެ ބޭނުންތައް ފުއްދައިދެވޭ ފެންވަރުގެ ޤާބިލު ދަސްވެނީން ތައްޔާރުކުރެވޭނެ ކަމަށް ދެ ފަރާތުގެ މަންދޫބުން ފާހަގަކުރެއްވިއެވެ. ކްލާސް ރޫމުގައި ކިޔަވާ ފިލާވަޅާއި ޢަމަލީ ތަޖުރިބާ ގުޅުވާލުމުން ފާމަސީ ދާއިރާއަށް ނުކުންނަ ފަރާތްތައް ވަޒީފާގެ މައިދާނަށް ފުރިހަމައަށް ތައްޔާރުކުރެވި، ކެރިއަރުގެ ފުރުޞަތުތައް ހުޅުވިގެންދާނެ ކަމަށް ވެސް ބެލެވެއެވެ.
މި ޕާޓްނާޝިޕަކީ އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ ވެސް ގުޅޭ އެއްބަސްވުމެކެވެ. އެ ގޮތުން ތިން ވަނަ ލަނޑުދަނޑި ކަމަށްވާ ރަނގަޅު ޞިއްޙަތާއި ދުޅަހެޔޮކަމާއި، ހަތަރު ވަނަ ލަނޑުދަނޑި ކަމަށްވާ ފެންވަރު ރަނގަޅު ތަޢުލީމާއި، 17 ވަނަ ލަނޑުދަނޑި ކަމަށްވާ ބައިވެރިވެގެން ލަނޑުދަނޑިތައް ހާސިލުކުރުމާ މި އެއްބަސްވުން ސީދާ ގޮތުން ގުޅެއެވެ. ހެލްތު ސައިންސަސް ދާއިރާގެ ތަޢުލީމުގެ ފެންވަރު މަތިކޮށް، ޤައުމީ ތަރައްޤީއަށް ބާރު އެޅުމަށް އެމްއެންޔޫން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ސޮއިކުރުން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް