ފޮޓޯ: އެމްއެންޔޫ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އިނޮވޭޓްހަބް އިންކިއުބޭޓާ ޕްރޮގްރާމުގެ ދެވަނަ ބެޗަށް ކުރިމަތިލީ ފަރާތްތަކަށް އަމާޒުކޮށް، ވިޔަފާރީގެ ޚިޔާލެއް ޢަމަލީ ވިޔަފާރިއަކަށް ބަދަލުކުރާނެ ގޮތާ ގުޅޭ ތަމްރީނު ސެޝަނެއް ބާއްވައިފިއެވެ.
އެމްއެންޔޫގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގައި ކުރިއަށް ގެންދިޔަ މި ސެޝަނުގެ ނަމަކީ "ކްރިއޭޓިން ވެލިއު ޕްރޮޕޮޒިޝަންސް އެންޑް ބިޒްނަސް މޮޑެލްސް – ފްރޮމް އަ ބިޒްނަސް އައިޑިއާ ޓު އަ ބިޒްނަސް ވޯތު ޓެސްޓިން" އެވެ.
ދިރާގުގެ ބީޓުބީ ޕްރޮޑަކްޓްސް، ބިޒްނަސް ސޮލިއުޝަންސް ގެ މެނޭޖަރު އަޙްމަދު ޝިނާއު ޢަބްދުލް ޤާދިރު ނަންގަވައިދެއްވި މި ތަމްރީނުގައި، ވިޔަފާރީގެ ޚިޔާލުތައް ކާމިޔާބު ފުރުޞަތުތަކަށް ބަދަލުކުރުމުގެ ޢަމަލީ އުކުޅުތައް ބައިވެރިންނަށް ދަސްކޮށްދީފައިވެއެވެ.
ތަމްރީނުގެ ތެރެއިން ބައިވެރިން ވަނީ ޕްރޮޑަކްޓް ޑެވެލޮޕްމަންޓު ފްރޭމްވޯކްތައް ބޭނުންކޮށްގެން ޢަމަލީ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން، ވެލިއު ޕްރޮޕޮޒިޝަން ތައްޔާރުކުރުމާއި، ވިޔަފާރި މޮޑެލް ބިނާކުރުމާއި، ވިޔަފާރި ތަރައްޤީކުރުމުގެ ސްޓްރެޓެޖީތަކާއި، ޕިޗިން ޓެކްނީކްތައް ވެސް މި ސެޝަނުގައި ކިޔަވައިދީފައިވެއެވެ. މި ތަމްރީނުގެ ބޭނުމަކީ ވިޔަފާރި ފެށުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، އެ ފަރާތްތަކުގެ ވިޔަފާރީގެ ޚިޔާލުތައް ފުރިހަމަކޮށް، ބާޒާރުގައި ހުރި ފުރުޞަތުތައް ދެނެގަނެ، ހުށައެޅޭ ޙައްލުތަކުގެ ފެންވަރު ވަޒަންކުރުމުގެ ޤާބިލުކަން ހޯދައިދިނުމެވެ.
އެމްއެންޔޫ އިނޮވޭޓްހަބް އިންކިއުބޭޓާ ޕްރޮގްރާމަކީ ދިރާގާއި ސްޕާކްހަބް އަދި ލެމަން އައިޑިއާޒް ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މައި ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ހަރަކާތްތެރިވާ އިރު، ރާއްޖޭގައި ވިޔަފާރީގެ ހުނަރު ތަރައްޤީކޮށް އީޖާދީ ވިސްނުން ކުރިއެރުވުމަކީ މި ޕްރޮގްރާމުގެ މައިގަނޑު އެއް އަމާޒެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް