ދުނިޔޭގެ އެންޓިމައިކްރޯބިއަލް ރެޒިސްޓެންސް (އޭއެމްއާރު)އާއި ގުޅޭ ހޭލުންތެރިކުރުމުގެ ހަފުތާއާ ގުޅުވައިގެން، ބޭހަށް ޖަރާސީމު ހޭނުމުގެ މައްސަލައާ ބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގުޅިގެން މިއަދު ބާއްވައިފިއެވެ.
ނޮވެމްބަރު 18 އިން 24 އަށް ފާހަގަކުރާ މި ހަފުތާގެ ޝިޢާރަކީ "ވަން ހެލްތް، ވަން އެކްޝަން: ޕްރިވެންޓް އޭއެމްއާރު ނައު" އެވެ. މި ސެޝަންގެ ބޭނުމަކީ ޖަރާސީމު ބޭހަށް ހޭނުމުން އިންސާނުންގެ ޞިއްޙަތާއި ޖަނަވާރާއި ގަސްގަހާއި ވެށީގެ ރައްކާތެރިކަމަށް ކުރާ ނޭދެވޭ އަސަރާ މެދު ހޭލުންތެރިކަން އިތުރުކުރުމެވެ. ހަމައެއާ އެކު، ޒިންމާދާރު ގޮތެއްގައި އެންޓިމައިކްރޯބިއަލް ބޭސް ބޭނުންކުރުމުގެ މުހިންމުކަން ބައިވެރިންނަށް ހާމަކޮށްދިނުމަކީ ވެސް މި ހަރަކާތުގެ ލަނޑުދަނޑިއެކެވެ.
އެންޓިމައިކްރޯބިއަލް ބޭސް ގޯސް ގޮތުގައި ނުވަތަ މާ ގިނައިން ބޭނުންކުރުމުން ޖަރާސީމު ބޭހަށް ހޭނި، ބައްޔަށް ފަރުވާ ދިނުން ދަތިވާ ގޮތް މި ސެޝަންގައި ބައިވެރިންނަށް ސާފުކޮށްދީފައިވެއެވެ. އެ މައްސަލަ ހައްލުކުރުމަށް ތަފާތު ދާއިރާތައް ގުޅިގެން ޒިންމާދާރު ޢަމަލީ ފިޔަވަޅު އެޅުމަށް ވެސް އެ ސެޝަންގައި ބާރުއަޅާފައިވެއެވެ.
މި ގުޅުމުގެ ތެރެއިން އެމްއެންޔޫ އާއި އެމްއެފްޑީއޭ އިން ވަނީ ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، ޒިންމާދާރު ގޮތެއްގައި ބޭސް ބޭނުންކުރުން ކުރިއެރުވުމާއި، އިންސާނުންނާއި ޖަނަވާރާއި ވެށީގެ ޞިއްޙަތު ހިމާޔަތްކުރުމަށް އެއް ބައެއްގެ ގޮތުގައި މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ދީފައެވެ.
މި ހަރަކާތުގެ ތެރެއިން ތަޢުލީމީ މުއައްސަސާތަކާއި ރެގިއުލޭޓަރީ އިދާރާތައް ގުޅިގެން ޢާންމު ޞިއްޙަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ އިތުރުން ފެނާއި ބިމުގެ ދިރުންތައް ރައްކާތެރިކުރުމުގެ މުހިންމުކަން ވެސް ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް