ވާހަކަ: އަބަދުވެސް އިންތިޒާރު ކުރާނަން – ހަތްދިހަ އަށްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ރާއިދު، ކައިރީގައި ހުރި ފުރޮޅުލީ ގޮނޑި ނާޝިދު އާ ކައިރިކޮށްލުމަށްފަހު ރާއިދުގެ އެހީތެރިކަމާއެކު ނާޝިދު ޖޯލިން ގޮނޑިއަށް ބަދަލުވިއެވެ. އޭރުވެސް ނާޝިދުގެ ލޮލުން ކޮންމެވެސް ވަރަކަ...

31 Mar 2024 | 07:57

ކުރީގެ އަދަދާއި ގުޅޭ...

ރާއިދު، ކައިރީގައި ހުރި ފުރޮޅުލީ ގޮނޑި ނާޝިދު އާ ކައިރިކޮށްލުމަށްފަހު ރާއިދުގެ އެހީތެރިކަމާއެކު ނާޝިދު ޖޯލިން ގޮނޑިއަށް ބަދަލުވިއެވެ. އޭރުވެސް ނާޝިދުގެ ލޮލުން ކޮންމެވެސް ވަރަކަށް ކަރުނަ ފައިބަމުން ދިޔައެވެ. ނާޝިދު ގޮނޑީގައި ބޭންދުމަށްފަހު ގޮނޑީގެ އަތްގަނޑުގައި ހިފަހައްޓާލައިގެން ރާއިދު ގޮނޑި ދުއްވަމުންގޮސް ރަސްފަންނުން ނުކުމެގެން މަޖީދީމަގުގެ ހަލަބޮލި މާހައުލުގައި ހިނގަމުންދިޔައެވެ.

ރާއިދު، ނާޝިދު ގޮވައިގެން ގެއަށް ދިޔައިރު ހުރީ ވަރަށް ލަސްވެފައެވެ.

"މިއަދު ހާދަލަމުން ތިޔައީ.... ލަސްވެގެން މަންމަ މިހާރު ދެ ފަހަރު ރާއިދުއަށް ފޯނުވެސް ކޮށްފިން...." ނާޝިދު ފެނުމުން ނާޝިދުގެ މަންމަ ސަމީރާ ބުނެލިއެވެ.

"އާނ.... ނާޝިދު ވިލިނގިއްޔަށް ދާންވެގެން ބޮޑާހާކަނީ ހަމަ.... އެހެންވެ ލަސްވީ...." ނާޝިދުގެ ބޮލުގައި ފިރުމާލަމުން، ސަމީރާ އަށް ބަލަންހުރެ ރާއިދު ވާހަކަ ދެއްކިއެވެ.

"ދަރިފުޅު އަދިވެސް ތި ހިޔާލުތައް ދޫކޮށްލާކަށް ނުވޭތަ....؟ މިހާރު އޭގެ ފަހުން ކިހާ ދުވަހެއް މިވަނީ..... ދަރިފުޅު އަވަހަށް ރަނގަޅުވާނީވެސް ތިކަހަލަ ކަންކަމާ ނުވިސްނިއްޔާ...." ނާޝިދު އާއި ދިމާއަށް އަންނަމުން ސަމީރާ ވާހަކަ ދެއްކިއެވެ.

"އެކަމާ ނުވިސްނާހުރެވޭތޯ ބަލަނީ.... އެކަމަކު އެކަނިވާ ބައެއް ފަހަރުތަކުގައި އެކަމާ ހަމަ ވިސްނެނީ....." މަންމަ އާ ދިމާއަށް ބަލަން އިނދެ ނާޝިދު ބުނެލިއެވެ.

"ތި ޚިޔާލުތަކުން ދުރުވެވޭތޯ މަސައްކަތް ކުރަންވެގެން ވިލިނގިލިން މާލެއަށް ބަދަލުވީވެސް.... އެހެންވީމާ ދެން އެހާ ގިނައިން ވިލިނގިއްޔަށް ދާނެ ކަމެއްނެތް...." ސަމީރާ އައިސް ނާޝިދުގެ އަތުގައި ހިފާލަމުން ވާހަކަ ދެއްކިއެވެ.

"ނުދަމޭ ދޯ.... ރާއިދު ނުގެންދިޔަ...." ރާއިދު އާ ދިމާއަށް ބަލާލުމަށްފަހު ނާޝިދު ބުނެލިއެވެ.

"އާނ.... މަންމަ ބުނިހެން އެހާ ގިނައިން ވިލިނގިއްޔަށް ދާނެ ކަމެއްނެތް.... ތި ހަނދާންތަކާ ދުރަށްދެވޭތޯ މަސައްކަތް ކުރަންވީ...." ރާއިދުގޮސް ސޯފާގައި އިށީންނަމުން ބުނެލިއެވެ.

"ހިނގާ ދެން ކާން.... ހަވީރު، ސައިތައްޓެއް ބުއިގޮތަށް ތިހުންނަނީ.... މިހާރު ދަރިފުޅު ކެޔުމާ ދުރުކަމުން އެބަދަލު ހަށިގަނޑުންވެސް އެބަ ފެނެޔޭ.... ގައިގައި ވަރުޖެހޭ ވަރަށް ކޭމަ އަވަހަށް ރަނގަޅުވާނީ.... މިރޭ ރާއިދުވެސް ދާންވާނީ ކައިގެން.... ދެކުދިން ހިނގާ އަވަހަށް ކާން...." ސަމީރާ ނާޝިދު އިން ގޮނޑީގައި ހިފާލަމުން ބުނެލިއެވެ.

ރާއިދުވެސް ތެދުވެގެން އައިސް ނާޝިދު އިން ގޮނޑީގައި ހިފައިގެން ގޮސް ކާމޭޒު ދޮށުގައި ހުރި ގޮނޑީގައި ނާޝިދު ބޭންދިއެވެ. ނާޝިދު ބަލިވި ފަހުން ރާއިދުއަށް ލިބޭ ހުރިހާ ހުސްވަގުތެއް ހޭދަކުރަމުންދަނީ ނާޝިދުއަށް އެހީތެރިވުމަށްޓަކައި ނާޝިދު މެންގޭގައެވެ.

"މަންމަގެ ރައްޓެއްސަކު މިއަދު ބުނި އޭނަ ދަންނަ މީހަކުވެސް ނާޝިދުހެން ނުހިނގިގެން ކޮންމެސް ރަށަކަށްގޮސް ދިވެހިބޭސްކޮށް ތެޔޮ ދަމާ ވެލި މޮޑެގެން މިހާރު އަމިއްލައަށް ހިނގާލާއުޅެވެޔޯ.... މަންމަ ބުނިން އެއީ ކޮންރަށެއްގެ މީހެއްތޯ ބަލާލަ ދެއްޗޭ.... އޭރުން އަހަރުމެންނަށްވެސް އެރަށަށް ގޮސް އެމީހާއަށް ދައްކާލައިގެން ގޮތެއް ވޭތޯ ބެލިދާނެތާ...." ނާޝިދުގެ ތައްޓަށް ބަތް އަޅާދެމުން ސަމީރާ ވާހަކަ ދެއްކިއެވެ.

"އާނ... މިހާރު ވަރަށް ގިނަ ޑޮކްޓަރުންނަށް ދެއްކިއްޖެތާ، އިތުރު ކުރިއެރުމެއް ނުލިބެއެއްނު.... ރާއިދުއަށްވެސް ހީވަނީ ތިއީ ރަނގަޅު ގޮތެއްހެން...." ބަތްކޮޅެއް އަނގަޔަށް ލަމުން ރާއިދުވެސް ބުނެލިއެވެ.

"ރާއިދުއަށް ޗުއްޓީ ލިބޭނެތަ...؟" ސަމީރާ ސުވާލުކޮށްލިއެވެ.

"ތިރަށަކަށް ފުރާ ދުވަހެއް އެނގުނީމަ ޓްރައީ ކުރާނީ.... ހީވަނީ ލީވް އޯކޭވާނެހެން.... ބޮސްވެސް މިހާރު ވަރަށް ހެލްޕްޕުލް ވާނެ.... އެހެންވީމާ ލީވް ލިބޭނެހެން ހީވަނީ....." ފެންފޮދެއް ބޯލަމުން ރާއިދު ވާހަކަ ދެއްކިއެވެ.

ހަފްތާއެއް ފާއިތުވެގެން ދިޔައިރު ހުމޭދާގެ ބައްޔަށާއި ހަށިގަނޑަށްވެސް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ލިބެމުންދިޔައެވެ. އެހެން ނަމަވެސް އަދިވެސް ކޮންމެ ރެޔަކު އިރުއޮއްސޭގަޑީގައި ބޮލުގައި ރިއްސާތީ، ފަންޑިތަހަދާ މީހާ ގެނެސްގެން ކިޔަވަމުން ގެންދިޔައެވެ.

"އެމަންޖެގެ ކަންތައް ކިހިނެތް ކުރިއަށްދަނީ....! އަލިމަގެއް އެބަ ފެނޭތަ....؟ ފަންޑިތަހަދާ މީހާ ފެންތައްޓަކަށް ކިޔަވާފަ ހުމޭދާގެ ދެފައިގައާއި ދެ އަތުގައި ހާކާލުމަށްފަހު ނުކުތުމުން ޚާލިދު ސުވާލު ކޮށްލިއެވެ.

"އިރާދަ ކުރެއްވިޔާ ދެން މަޑުމަޑުން ރަނގަޅުވަމުންދާނީ.... ކިރިޔާ އެ ސަލާމަތްވީ....! އެހެން ނަމަވެސް އެމަންޖެ އަތުގައި އެޅުވި ތަވީދު ދުވަހަކުވެސް ނުނަގާތި.... އެ ތަވީދު އޮތްހާ ހިނދަކު އެ ޖިންނިއަކަށް އަންނާކަށް ނުކެރޭނެ.... އެހެން ނޫނީ އުނދަގޫ ކުރަން އަންނާނެ.... މިދުވަސްކޮޅު ވަރަށް ބަލައިގެން ގެންގުޅެންވާނީ.... ރޭގަނޑު ދެނަމާދު ދޭތެރޭގައި ގެއިން ބޭރަށް އަދި ނުކުމެގެން ނުވާނެ...." ފަންޑިތަ ހަދާމީހާ ވާހަކަ ދެއްކިއެވެ.

"ނަޞީބެއް މިހިސާބުންވެސް އެކަންތައްގަނޑު އެނގުނުކަން....! ހިޔެއް ނުކުރަން އެހާ ފަސޭހައިން އެ ޖިންނި މިތަނުން ފޮނުވާލެވިދާނެ ކަމަކަށްވެސް...." ޚާލިދު، ފަންޑިތަ ހަދާމީހާއަށް ބަލާލުމަށްފަހު ބުނެލިއެވެ.

"ދެން އިރާދަ ކުރެއްވިޔާ އެކަންތައް އެ ނިމުނީ....! ދެން އެންމެ މުހިންމު ކަމަކީ އެމަންޖެ އަތުގައި އެއޮތް ތަވީދު ނެގިޔަ ނުދީ ބޭއްވުން.... އޭރުން ރަނގަޅުވާނެ....! ދެން ގޮސްލާނަން...." ފަންޑިތަހަދާ މީހާ ނުކުންނަށް ހިނގައިގަންނަމުން ބުނެލިއެވެ.

ފަންޑިތަހަދާ މީހާ ދިޔުމުން ޚާލިދުގޮސް ހުމޭދާ ކޮޓަރިއަށް ވަތްއިރު ހުމޭދާ އެނދުގައި އޮށޯވެލައިގެން އޮތެވެ. ކައިރީގައި ހުމޭދާގެ މަންމަ ހަސީނާ އާއި ޒާހިރާ އިށީނދެލައިގެން ތިއްބެވެ.

"ކިހިނެތް މިހާރު...؟. އަދިވެސް ވަރަށް ބޮޑަށް ބޮލުގައި ރިއްސާތަ....؟" ހުމޭދާގެ އެނދު ކައިރީގައި ހުއްޓެމުން ޚާލިދު ބުނެލިއެވެ.

"އަދިވެސް ބޮލުގައި ރިއްސާތި އެ އުޅެނީ.... އެކަމަކު ފަންޑިތަހަދާ މީހާ ބުނި މަޑުމަޑުން ރަނގަޅުވަމުންނޭ ދާނީ...." ހުމޭދާގެ ބޮލުގައި ފިރުމާލަމުން ހަސީނާ ބުނެލިއެވެ.

"ދަރިފުޅު މާބޮޑަށް ވިސްނަނިއްޔޭ.... ވިސްނަންޏާ އެއްވެސް ކަމެއް ރަނގަޅެއް ނުވާނެ.... އިރާދަކުރެއްވިއްޔާ މިހާރު ހުރިހާ ކަމަކުން ތި ސަލާމަތްވީ.... ދެން ވިސްނާނެ ކަމެއްނެތް.... މަޑުމަޑުން ދެން ރަނގަޅު ވެދާނެ...." ހުމޭދާ އާ ދިމާއަށް ބަލަންހުރެ ޚާލިދު ވާހަކަ ދެއްކިއެވެ.

"ބޭބީއާ ދޭތެރޭ ވިސްނެނީ...." ހުމޭދާ މަޑުމަޑުން ބުނެލިއެވެ.

"އެއްވެސް ކަމަކާ ވިސްނާނެ ކަމެއް ނެތް.... ތިކަމާވެސް ނުވިސްނާ.... ބޭބީ އެމީހުން ރަނގަޅަށް ގެންގުޅޭނެ.... ދެން ދަރިފުޅުވެސް އަބަދު ގޭގައި ނޯވެ މަދުމަދުން ބޭރަށް ނުކުންނަށް ފަށަންވީ.... އޭރުން ދެން މަޑުމަޑުން ހަމައަކަށް އެޅެން ފަށާފާނެ...." ޚާލިދު، ހުމޭދާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

ގަޑިން ހެނދުނު ހަގަޑި ބައިވަނީއެވެ. ސަމީރާ އުޅެނީ ސައިތައްޔާރު ކުރުމަށްޓަކައި ބަދިގޭގައެވެ. މިއަދަކީ ނާޝިދުއަށް ބޭސް ކުރުމަށްޓަކައި ފުރަން ހަމަޖެހިފައިވާ ދުވަހެވެ. ފްލައިޓްގެ ޗެކިން ފެށޭގަޑިއަކީ ހެނދުނު ނުވަގަޑި ތިރީހެވެ. ނާޝިދު އަށް ސައިތަށި ތައްޔާރު ކުރުމަށްފަހު ސަމީރާ ބިސްގަނޑެއް އަޅަންހުރެ ގަޑިއަށް ބަލާލިއެވެ. އޭރު ހަތެއް ޖަހަނީއެވެ. ސަމީރާ އަވަސް އަވަހަށް ނާޝިދުގެ ކޮޓަރިއާ ދިމާއަށް ދިމައެވެ.

"ދަރިފުޅާ....! ދަރިފުޅާ....! ނާޝިދު....! ހޭލަން އުޅޭ.... ސައިބޮއިގެން ފުރަން ތައްޔާރުވާންވީ.... މިހާރު އެއޮށް ހަތެއް ޖެހީ....!" ސަމީރާ ކޮޓަރީގެ ދޮރުގައި ދެފަހަރަކު ޓަކި ޖަހާލިއެވެ.

"ހޭލާ މިއޮތީ.... ރާއިދު އެބައަންނަމޯ...." މަންމަގެ އަޑު އިވިގެން ނާޝިދު އެތެރެއިން ގޮވާލިއެވެ.

ނާޝިދު އޮތީ ހޭލާކަން އެނގުމުން ސަމީރާ ސިޓިންރޫމަށްގޮސް ސޯފާގައި އިށީނދެލިއެވެ. އެރަށަށް ދިޔުމަށްފަހު އެކޮޅުގައި ހުންނާނެ ތަނެއް އަދި ހަމަޖެހިފައި ނެތުމާއެކު މާލެއިން ފުރުމުގެ ކުރިން އެރަށަށް ގޮސް އެރަށުގައި ހުންނާނެ ތަނެއް ހަމަޖައްސަން ބޭނުންވިއެވެ. ސަމީރާ ފޯނު ނަގައިގެން އެރަށުގެ ގެސްޓްހައުސްތައް ބަލަމުން ގެންދިޔައެވެ. އަދި ދެތިން ގެސްޓްހައުސް އެއް ބެލުމަށްފަހު ބުކިން ހަދާލިއެވެ. އެވަގުތު ގެއަށް އައިސްވަނީ ރާއިދެވެ.

"ކޮބާ ނާޝިދު... ހޭލައިފިތަ....؟" ނާޝިދުގެ ކޮޓަރިއާ ދިމާއަށް ހިނގައިގަންނަމުން ރާއިދު ސުވާލު ކުރިއެވެ.

"އާނ... ރާއިދު އެބައާދެޔޭ ކިޔާފަ އެބައޮތް....! ދޭ އަވަސް ކޮށްލައިގެން ދެކުދިން ސައިބޯން އަންނަން...." ރާއިދުގެ ސުވާލަށް ސަމީރާ ޖަވާބު ދިނެވެ.

ރާއިދު، ކޮޓަރިއަށް ގޮސް ނާޝިދު ރެޑީކޮށްލައިގެން، ނާޝިދު ގޮވައިގެން ވަރަށް އަވަހަށް ބޭރަށް ނުކުމެއްޖެއެވެ.

"އަވަހަށް ހިނގާ ދެކުދިން ސައިބޯން.... ސައިހަދާފަ އެހެރީ....!" ސަމީރާ ތެދުވަމުން ބުނެލިއެވެ.

"އަސްލު ކޮން ރަށަކަށްތަ އަހަރުމެން ފުރަން މިއުޅެނީ....!" މޭޒު ދަށުގައި އިށީންނަމުން ނާޝިދު އަހާލިއެވެ.

ނުނިމޭ... ވާހަކައިގެ އާ ބައެއް، 02 އޭޕްރީލް 2024، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް