އަރުޖުން ބިޖްލާނީގެ އަންހެނުން ނޭހާ ސުވާމީ --
އިންޑިއާގެ ޓީވީ ތަރި އަރުޖުން ބިޖްލާނީގެ އަންހެނުން ނޭހާ ސުވާމީ، ކީރިތި ރަސޫލާ ﷺ ގެ ނަންފުޅާއި މާތް ﷲ ގެ އިސްމުފުޅު ލިޔެފައިވާ ޓީޝާޓެއް ލައިގެން ހުރި މަންޒަރު ސޯޝަލް މީޑިއާގައި ފެތުރި ބޮޑެތި ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން އެ ދެމަފިރިން މާފަށް އެދިއްޖެއެވެ.
މި ކަންތައް ފެށުނީ މުމްބާއީގައި ބޭއްވި ނޭހާގެ އުފަންދުވަހުގެ ހަފުލާގެ ފޮޓޯތަކާއި ވީޑިއޯތައް އޮންލައިންކޮށް ދައުރުވާން ފެށި ހިސާބުންނެވެ. އެ ފޮޓޯތަކުގައި ނޭހާ ލައިގެން ހުރި ޓީޝާޓުގައި ދީނީ ލިޔުންތައް ފެންނަން ހުރުމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެއީ ދީނީ އިހުސާސްތަކަށް އިހުތިރާމެއް ނެތި ކުރި ކަމެއް ކަމަށް ސިފަކޮށް ނުރުހުން ފާޅުކޮށްފައެވެ.
ދެމަފިރިން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ޓީޝާޓަކީ ތައިލޭންޑުގެ ބެންކޮކަށް ކުރި ދަތުރެއްގައި ސަޕޯޓަރެއްގެ ފަރާތުން ހަދިޔާއެއްގެ ގޮތުގައި ނޭހާއަށް ލިބުނު އެއްޗެއް ކަމަށެވެ. ޓީޝާޓުގައި ލިޔެފައިވާ ޢިބާރާތުގެ މާނަ ނޭހާއަށް އެއްގޮތަކަށް ވެސް ނޭނގޭ ކަމަށާއި، އެއްވެސް ދީނަކަށް ކުޑައިމީސް ކުރުމުގެ ނިޔަތެއް ނެތް ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މާފަށް އެދުނު ނަމަވެސް ސޯޝަލް މީޑިއާގައި ނޭހާއަށް އިންޒާރުތަކާއި ހަޑިހުތުރު ބަސްތައް ރައްދުކުރަމުންދާތީ އަރުޖުން ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ނޭނގި ތިބެ ހިނގި ކަމެއްގެ ސަބަބުން ބުލީކޮށް އިންޒާރު ދިނުމުގެ ބަދަލުގައި އިހުތިރާމާ އެކު މައްސަލަ ހައްލުކުރުމަށް ދެމަފިރިން ވަނީ ޢާންމުންގެ ކިބައިން އެދިފައެވެ.
މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ޚިޔާލު ތަފާތުވުންތައް އަދިވެސް ދަނީ ކުރިއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް