ކ. ގާފަރު ކައިރިން ބަންޑުންޖެހި ލޭންޑިންގ ކްރާފްޓަކުން ކަނޑުވި މީހުން ސަލާމަތްކުރުމުގައި ފާހަގަކޮށްލެވޭ ހިތްވަރެއް ދެއްކި ތިން އޮފިސަރަކަށް ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް މިއަދު އަރުވައިފިއެވެ.
ޝަހީދު ހުސައިން އާދަމް ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތުގައި މެޑަލް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދެވެ. މެޑަލް ލިބުނު ތިން އޮފިސަރުންނަކީ ސީނިއަރ ސާޖަންޓް އަހްމަދު އާމިރު (2245) އާއި ކޮންސްޓަބަލް މުހައްމަދު ލަހްފާން (6279) އަދި ކޮންސްޓަބަލް އަލީ ޒިދާން (5852) އެވެ.
"ހޯކްސް ވޮޔޭޖް" ނަމަކަށް ކިޔާ ލޭންޑިންގ ކްރާފްޓް ކ. ގާފަރު ކައިރީގައި ބަންޑުންޖެހީ 2026 ޖުލައި 31 ވަނަ ދުވަހުގެ ހެނދުނު 08:50 ހާއިރުއެވެ. އެ އުޅަނދުގައި ދަތުރުކުރި 10 މީހުން ކަނޑަށް ވެއްޓުނު އިރު، ގަދަ ކަނޑުގެ ތެރޭގައި މި ތިން އޮފިސަރުން ކުރި މަސައްކަތުން، މާތް ﷲ ގެ ރަހްމަތްފުޅާ އެކު އޭގެ ތެރެއިން އަށް މީހަކު ވަނީ ސަލާމަތްކޮށްފައެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ވަނީ ނުރައްކާތެރި ވަގުތުތަކުގައި ފުލުހުންގެ ކިބައިން ފެންނަންޖެހޭ ހިތްވަރާއި އިހްލާސްތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. އޮފިސަރުން ދެއްކެވި ހިތްވަރަށް ތައުރީފު ކުރައްވައި، ގޮންޖެހުންތަކާ ކުރިމަތިލާއިރު ގުޅިގެން މަސައްކަތްކުރުމާއި އޮޕަރޭޝަނަލް ގޮތުން ތައްޔާރަށް ތިބުމުގެ މުހިންމުކަން ވެސް ސީޕީ ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ ފުރާނައާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރާ އޮފިސަރުންގެ އަގުވަޒަންކުރުމަކީ ދިވެހި ފުލުހުންގެ ހިދުމަތުން އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް