ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރިއެރުވުމަށް މެދުނުކެނޑި މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި އެކްސް މެދުވެރި ކުރައްވާ ކުރެއްވި ޕޯސްޓެއްގައި އެވެ. އެ ޕޯސްޓުގައި އެމަނިކުފާނު ވަނީ ދަނޑުވެރިންނާއި އެ ސިނާއަތުގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށް ތަހުނިޔާ ދަންނަވާފައި އެވެ.
އެ މެސެޖުގައި ރައީސް ވިދާޅުވީ، ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވާ ޤައުމެއްގައި އަމިއްލަ ފަސްގަނޑުގައި ކާބޯތަކެތި ހެއްދުމަކީ ޤައުމީ އިސްތިޤުލާލާ ސީދާ ގުޅިފައިވާ ކަމެއް ކަމަށެވެ. ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގަށް އަންނަ ލޮޅުންތަކާއި ދަތުރުފަތުރުގެ ހުރަސްތަކުން ޤައުމު ރައްކާތެރިކުރެވޭނީ ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކޮށްގެން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ދަނޑުވެރިކަމުގެ ދާއިރާ ފުޅާވެއްޖެނަމަ ބޭރު ފައިސާ ޤައުމުގައި ހިފެހެއްޓި، ރަށްރަށުގައި ވަޒީފާގެ ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށް ރައީސް ފާހަގަކުރައްވާފައިވެއެވެ. ސަރުކާރުން އަމާޒުހިފާފައި އޮތީ ވަކި ބާވަތްތަކެއް ބޭރުން ނުގެނެސް، ރާއްޖެއަށް ބޭނުންވާ މިންވަރަށް ހައްދައި ބާޒާރަށް ނެރެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި، ތިމާވެށްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިންނަށް ނަފާ އިތުރުވާނެ މަގު ކޮށާދިނުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދެވުމަކީ އެ މަނިކުފާނުގެ ޢަޒުމެއް ކަމަށެވެ.
ދަނޑުވެރިންގެ ދުވަހަކީ ޤައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި އިޤުތިޞާދު ސިންދަފާތުކުރުމުގައި ދިވެހި ދަނޑުވެރިން އަދާކުރާ ދައުރު ފާހަގަކުރުމަށް ކޮންމެ އަހަރަކު ފާހަގަކުރާ މުނާސަބަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް