މާލޭގައި ގަވާއިދާ ޚިލާފަށް ބަނގުރާ ވިއްކުމުގެ ވިޔަފާރިކޮށް ޑެލިވަރީކޮށްދެމުން ދިޔަ ނެޓްވޯކުގައި ހިމެނޭ ދިވެހި މީހާ ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގަ ފުލުހުން ހައްޔަރުކޮށްފައިވަނީ ހ. ކަރޯގެ، މާލެ، މުޙައްމަދު ރަޝްވާން ޢައްބާސް (53އ) އެވެ. ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި މި ނެޓްވޯކުގެ އެންމެ އިސް މީހަކީ ރަޝްވަން އެވެ.
ފުލުހުން އޭނާ ހައްޔަރު ކުރީ މިމަހުގެ 13 ވަނަ ދުވަހު އެވެ. އަދި އިއްޔެ ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރި އެވެ.
މާލޭގައި ފުޅާދާއިރާއެއްގައި ގަވާއިދާ ޚިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ފުލުހުން ހިންގި އޮޕަރޭޝަނުގައި ހެންވޭރު ގެއެއް ބަލައިފާސްކޮށްފައިވާއިރު އެގެއިން 826 ފުޅި ބަނގުރާ އަތުލައިގެންފައިވެ އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބަނގުރާ ފުޅިތައް ފެނުނު އެޕާޓްމެންޓުތަކަކީ ރަޝްވަންގެ އޮފީސް ހިންގާ ތަނެކެވެ.
މި މައްސަލާގައި މީގެ ކުރިން ވަނީ ތިން ބިދޭސީން ހައްޔަރު ކޮށްފައެވެ. އެ އެންމެނަކީވެސް ބަންގްލަދޭޝް ފިރިހެނުންނެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް