ވާހަކަ: އަބަދުވެސް އިންތިޒާރު ކުރާނަން – ހަތްދިހަ ހަތްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... އަނެއްކާވެސް އެ ޖިންނި އޮތްތަނުން ތަންކޮޅެއް ދުރަށް ވިއްސައިގެން ދިޔައެވެ. އެވަގުތު ޖިންނީގެ އަނގައިން ބިރުވެރި އަޑެއް ނިކުތެވެ. ކުއްލިއަކަށް ގަދަފަދަ އަޑަކާއެކު ޖެހިގެން ހުރި ...

28 Mar 2024 | 08:08

ކުރީގެ އަދަދާއި ގުޅޭ...

އަނެއްކާވެސް އެ ޖިންނި އޮތްތަނުން ތަންކޮޅެއް ދުރަށް ވިއްސައިގެން ދިޔައެވެ. އެވަގުތު ޖިންނީގެ އަނގައިން ބިރުވެރި އަޑެއް ނިކުތެވެ. ކުއްލިއަކަށް ގަދަފަދަ އަޑަކާއެކު ޖެހިގެން ހުރި ބަނބުކެޔޮ ގަހުގެ މަތިން ކަޅުކުލައިގެ އޮލަ ދުންގަނޑެއް އެނބުރެމުން ތިރިއަށް ފައިބަން ފެށިއެވެ. އެންމެވެސް އެދިމާއަށް ބަލާލިއެވެ. ދުންގަނޑު ބިމަށް ފައިބައި ނިމުމުން ދުންގަނޑު ބިންމައްޗަށް ފެތުރުމަށްފަހު އެ ދުންގަނޑުގެ ތެރެއިން ތެދުވީ ސިފަ ހުތުރު ބިޔަ ޖިންނިއެކެވެ. އެ ޖިންނީގެ ބޮޑުދެލޯ ހީވަނީ ރަތްކުލައިގެ ނާށި އަނގުރު ގަނޑެއް ހެންނެވެ. ބޮޑު ދެކަންފަތެކެވެ. މުޅި އަގައިން ފާޑެއްގެ ދަވަތަކެއް ފައިބަމުން ދިޔައެވެ. މުޅި ގައިގައި ކެހެރި ފާޑުގެ ދިގު ކެހެރިތައް ފަޅާފައި ހުއްޓެވެ. ހަށިގަނޑުގެ އެކިތަންތަނުން ފާޑެއްގެ ދިޔަތަކެއް ފައިބަމުން ދެއެވެ.

"އަހަރެންގެ ދަރިފުޅަށް އަނިޔާ ކުރުން ހަމަ މިހާރު ހުއްޓާލާ....! އެހެން ނޫނީ ކަލޭމެންގެ ދުވަސް ދުއްވާލާނަން...." ކަލޭމެންގެ ދަރިފުޅު މަރާލާނަން....!" ބިރުވެރި ބާރު އަޑަކަށް އެޖިންނި ހަޅޭއްލަވައި ގަތެވެ.

"ކަލެއަށް ކުރެވޭނެ އެއްވެސް ކަމެއްނެތް....! މިތަނުން ދުރަށްދޭ....! އެހެން ނޫނީ އަހަންނަން ޖެހޭނީ ކަލޭވެސް އަންދާލަން...." ފަންޑިތަހަދާ މީހާ ބާރު އަޑުން ގޮވާލިއެވެ.

އެވަގުތު ފަންޑިތަ ހަދާމީހާ އަނެއްކާވެސް އެއްޗެއް ކިޔަވާލުމަށްފަހު އޭނާ އަތުގައި އޮތް ފޮށައަށް ފުމެލުމަށްފަހު ފޮށާ ދުރަށް ފޮޅާލިއެވެ. ފޮށާ ފޮޅާލުމާއެކު ނާޝިދުގެ ސިފައިގައި ބިންމަތީގައި އޮތް ޖިންނި ފާޑެއްގެ އަޑެއް ލައްވަމުން ތެޅިފޮޅެން ފަށައިފިއެވެ. ފަހުން އައި ޖިންނި އޭނާގެ ދިއްލިފައިވާ ބޮޑު ދެލޮލުން ފަންޑިތަ ހަދާމީހާއާއި ދިމާއަށް އަލިފާން ގަނޑެއް ފޮނުވާލިއެވެ. އެ އަލިފާންގަނޑު ގަޔާ ދިމާއަށް އަންނަން ފެށުމުން ފަންޑިތަ ހަދާމީހާ އަލިފާން ގަނޑުން ސަލާމަތް ވުމަށްޓަކައި އަތުގައިއޮތް ފޮށާ އެދިމާއަށް ދިއްކޮލިއެވެ. އެވަގުތު އެ އަލިފާން ގަނޑުން ފޮށާގައި ރޯވެ ފޮށާ އަނދަން ފެށިއެވެ. ފަންޑިތަ ހަދާ މީހާ އޭނާގެ އަތުގައި އަނދަމުންދިޔަ ފޮށާ ދުރަށް ހޫރާލިއެވެ. ހަމަ އެވަގުތު ބާރު އަޑަކާއެކު އެޖިންނި ބޮޑު ދުންގަނޑަކަށްވެ ބިންމަތީގައި އެބުރެން ފެށިއެވެ. ބަލަން ތިބި މީހުންނަށްވެސް ވާއެއް ނުވާއެއް ނޭނގެއެވެ. މުޅިތަނަށް ވެރިވެފައިވަނީ ބިރުވެރި އަޑުފައްގަނޑެކެވެ. ދުންގަނޑު އެނބުރެމުން މައްޗަށް އަރަމުން ގޮސް ކުއްލިއަކަށް މުޅި ތަނަށް ވެރިވެފައިވާ ގަދަ އަޑުފަށްގަނޑު މަޑުވެ މުޅިތަން ސާފުވެއްޖެއެވެ. މުޅިތަން ސާފުވި އިރު ނާޝިދުގެ ސޫރައިގައި އޮތް ޖިންނި އާއި ފަހުން އައި ޖިންނިވެސް އެތާކު ނެތެވެ. ބިންމައްޗަށް ވެއްޓިފައިއޮތީ ހުމޭދާ އެކަންޏެވެ. އޭރު ހުމޭދާގެ ހަށިގަނޑުގައި އެއްވެސް ބާރެއް ނެތެވެ. އެހެންނަމަވެސް ރޮމުން ރޮމުން ކޮންމެވެސް އެއްޗެއް ބުނެވޭތޯ ހުމޭދާ މަސައްކަތް ކުރަމުން ގެންދިޔައެވެ. ޙަސީނާ ދުވެފައި ގޮސް ހުމޭދާ ގާތުގައި ބިންމަތީގައި އިށީނދެ ހުމޭދާގެ ބޯ ނަގައި ހަސީނާގެ އުނގުގައި ބޭއްވިއެވެ.

"ދަރިފުޅާ....! ދަރިފުޅާ...! ކީކޭ ތިކިޔަނީ....! މަންމައަށް ސާފުވާ ގޮތަށް ބުނެބަލަ....! ޒާހިރާ....! ފެންތައްޓެއް ގެނެސްދީބަލަ....! ޒާހިރާ އާއި ދިމާއަށް ބަލާލަމުން ހަސީނާ ގޮވާލިއެވެ.

އެވަގުތު ޚާލިދުވެސްގޮސް ހުމޭދާ ގާތުގައި އިށީނދެ ހުމޭދާ ބިންމަތިން ނެގުމަށް މަސައްކަތް ކުރިއެވެ.

"ކިހިނެތްތަ މި މަންޖެއަށް މިވީ....؟ ކިހިނެތްތަ މިވީ....؟" ފަންޑިތަ ހަދަން ހުރި މީހާއާއި ދިމާއަށް ބަލާލަމުން ޚާލިދު ސުވާލު ކުރިއެވެ.

"މިގޭގައި އުޅުނު ޖިންނިގެ ބައްޕަ އެއައީ.... އައިސް އެ ޖިންނި ގޮވައިގެން އެދިޔައީ.... އެޖިންނި ދަމުން ތިކުއްޖާއަށް ވަރަށް އަނިޔާކޮށްފަ އެދިޔައީ.... އެމަންޒަރު ނުފެނުނު ކަމުގައި ވިޔަސް ތިއޮތީ ވަރަށް ވަރު ކޮށްލާފަ.... އަސްލު ސަލާމަތްވާ ވަރުގެ އެތިފަހަރެއްނޫން ހެދީކީ.... އެހެން ނަމަވެސް ﷲ ގެ ރަޙްމަތް ފުޅުން އަހަރެންކުރި ކަންތަކުގެ ބާރުވެސް އެ ޖިންނި އެ ކުރި ކަންތަކަށްވުރެ ވަކި ބާރު ކުޑައެއްނުވި.... އިރާދަކުރެއްވިއްޔާ މަޑުމަޑުން ހުރިހާ ކަމެއްވެސް ދެން ރަނގަޅު ވަމުންދާނީ...." ޚާލިދުއަށް ބަލަހައްޓައިގެން ހުރެ ފަންޑިތަ ހަދާ މީހާ ވާހަކަ ދެއްކިއެވެ.

"މަންމާ.... މަންމާ.... އަހަރެންގެ... އަހަރެންގެ... ދަރި... ދަރިފު...ޅު..." ހުމޭދާ ވާހަކަ ދެއްކޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ.

"ދޭބަލަ...! ދޭބަލަގޮސް ކުޑަމަންޖެ ގޮވައިގެން އަންނަން... މިހާރު އެމަންޖެ ހޭލަފާނެ...." ހަސީނާ، ޢާއިޝާ އަށް ބަލާލުމަށްފަހު ބުނެލިއެވެ.

"ކުޑަދަރިފުޅު ގޮވައިގެން އެދިޔައީ.... އެމީހުން އެމީހުންގެ ދަރިފުޅު އެ ގެންދިޔައީ...." ފަންޑިތަ ހަދާ މީހާ އިސްދަށަށް ޖަހާލައިގެން ހުރު ވާހަކަ ދެއްކިއެވެ.

"ކީކޭ... ؟ ގެންދިޔައީ ޔޭ....؟" ހަސީނާ ޙައިރާންވެފައި ސުވާލު ކުރިއެވެ.

"އާނ.... ދިޔައިރު ގޮވައިގެން އެދިޔައީ.... އެއީ ޖިންނީންގެ ނަޞްލުވެސް ހިއްސާކުރާ ކުއްޖެއްނު....! ރަނގަޅު ގޮތަކީވެސް ގެންދިޔުން... އަހަރުމެން އިންސާނުންގެ ތެރޭގައި ޖިންނިއެއް ކިހިނެތް ގެންގުޅޭނީ.... އެކުއްޖާ މިގޭގަ ގެންގުޅެންޏާ އެކުއްޖާގެ ޢާއިލާގެ މީހުން އެކުއްޖާއާއި ބައްދަލު ކުރަންވެސް އަންނާނެ.... އެހެންވީމާ ރަނގަޅު ގޮތަކީވެސް އެއީ...." ހުމޭދާއާ ދިމާއަށް ބަލަންހުރެ ފަންޑިތަ ހަދާ މީހާ ވާހަކަ ދެއްކިއެވެ.

ހުމޭދާ އޭރުވެސް ރޮމުން ގެންދިޔައެވެ.

"މަގޭ ދަރިފުޅު.... އެމަންޖެ ގެނެސްދީ.... ހެޔޮނުވާނެ ގެނެސްދީ.... މަންމާ.... އެމަންޖެ ގެނެސްދީ..... ހުމޭއަކަށް އެމަންޖެއާ ނުލާ ދިރިއެއް ނޫޅެވޭނެ.... މަންމާ.... ޕްލީސް...!" ހުމޭދާ، އޭނާގެ މަންމަގެ އުނގުގައި ބޯއަޅައިގެން އޮވެ ރޮމުން ގެންދިޔައެވެ.

"ހިނގާ ގޭތެރެއަށް ގޮސް އެނދުގައި އޮށޯވެލަން.... އޭރުން ދަރިފުޅު ކުޑަކޮން ހަމައަކަށް އެޅިދާނެ.... ފަހުން ދެން ތިވާހަކަތައް ދައްކާނީ.... މިހާރު ކުޑަކޮށް އޮށޯވެލަން ހިނގާ...." ހުމޭދާ ބިންމަތިން ނެގުމަށް މަސައްކަތް ކުރަމުން ޚާލިދު ވާހަކަ ދެއްކިއެވެ.

ހުމޭދާ ބިންމަތިން ނެގުމަށްޓަކައި ނާޞިރުވެސް އެހީތެރިވިއެވެ. ޚާލިދު އާއި ނާޞިރު އާއި އަދި ހަސީނާ، ހުމޭދާ ބިންމަތިން ނަގައިގެން ގޭތެރެއަށް ވެއްދިއެވެ. އޭރުވެސް ހުމޭދާގެ ހަށިގަނޑުގައި މާބޮޑު ބާރެއް ނެތެވެ.

"ކިހިނެތް މި މަންޖެއަށް ދެން ހަދާނީ....؟ މިކަން ރަނގަޅުވޭތޯ ކޮންމެވެސް ކަމެއް ކޮށްދީބަލަ...." ފަންޑިތަ ހަދާ މީހާއަށް ބަލާލަމުން ޚާލިދު ވާހަކަ ދެއްކިއެވެ.

"އާނ... ތިކަމަށް ވަރަށް އަވަހަށް ކަމެއް ކުރަންޖެހޭނެ.... އަދި ތަވީދެއް އަޅުވަންޖެހޭނެ... އެހެން ނޫނީ އެމީހުންގެ އުނދަގޫ ފޯރާނެ... ދެން އިތުރަށް ކައިރިއަށް ނާދެވޭ ވަރުގެ ކަމެއް ކުރަން ޖެހޭނެ...." ފަންޑިތަ ހަދާ މީހާ ގޭތެރެއަށް ވަންނަމުން ވާހަކަ ދެއްކިއެވެ.

މާލޭގެ ރަސްފަންނުގެ ޖޯލިފަތީގައި އިށީނދެލައިގެން އިން ނާޝިދުގެ ދެލޯ މަޑުމަޑުން ހުޅުވާލީ ކޮންމެވެސް މީހަކު އައިސް ކައިރީގައި އިށީންހެން ހީވެގެންނެވެ. ނާޝިދުގެ ދެލޮލުން ފޭބި ކަރުނަތަކުން ދެކޯތާފަތްވަނީ ތެމިފޯވެފައެވެ.

"ހިނގާ ދެން ގެއަށްދާން....! މިހާރު އަށެއް ޖަހަނީ....! ފަސްގަޑިބައިގަ މިތަނަށް އައިގޮތަށް...." ރާއިދު، ނާޝިދުގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

"ރާއިދު، ދުވަހަކުވެސް ނާޝިދުއަށް ހުމޭ ފެންނާނެތަ....؟ ކިހާދުވަހެއް ވަންދެން ނާޝިދު ހުމޭއަށް އިންތިޒާރު ކުރަންޖެހޭނެބާ....؟ ނާޝިދު އާ ނުލާ ހުމޭ ދިރިއުޅެމުންދާއިރު، މިހާ ދުވަސްވީއިރުވެސް ކީއްވެ ނާޝިދުއަށް ހުމޭއާ ނުލާ ދިރިއުޅެން ދަސްނުވެގެން މިއުޅެނީ....؟" ވިލިނގިއްޔަށް ބަލަހައްޓައިގެން އިނދެ ނާޝިދު އަސަރާއެކު ވާހަކަ ދައްކަމުން ދިޔައެވެ.

"ހުމޭގެ ހަނދާންތައް ހިތުން ފޮހެލަން ނާޝިދު މަސައްކަތް ކޮށްބަލަ....! ކޮންމެ ދުވަހު މިތަނަށް އައިސް ވިލިނގިއްޔަށް ބަލަން އިނދެގެން ތި ހަނދާންތައް ހިތަކުން ފޮހެވިގެނެއް ނުދާނެ... ނާޝިދުވެސް ތިކަމުން ދުރުވާން ކޮންމެސް މަސައްކަތެއް ކުރަންޖެހޭނެ...." ނާޝިދުގެ އަތުގައި ހިފަހައްޓާލައިގެން އިނދެ ރާއިދު ވާހަކަ ދެއްކިއެވެ.

"އެ ވިލިނގިލީގައި ނާޝިދު، ހުމޭއާއެކު ހޭދަކުރި ދުވަސްތައް ކިހިނެތް ނާޝިދު ހަނދާން ނައްތާލާނީ....! މިހެން އިންނައިރުވެސް ނާޝިދަށް ހީވޭ ބައެއް ފަހަރު ވިލިނގިލީގެ އެގަސްތަކުގެ ތެރެއިން ހުމޭ ފެންނަހެންވެސް.... ހިނގާބަލަ މާދަން ހަވީރު ވިލިނގިއްޔަށް ދާން...." ވިލިނގިއްޔަށް ނަޒަރު ހުއްޓާލައިގެން އިނދެ ނާޝިދު ވާހަކަ ކުރިއަށް ގެންދިޔައެވެ.

"ތިހެން ކިޔައިގެން ކޮންމެ ހަފްތާއަކު ދެތިން ދުވަހަކު ވިލިނގިއްޔަށްވެސް އެބަގެންދަމެއްނު.... ވިލިގިއްޔަކު ހުމޭއެއް ނޫޅެއެއްނު.... ހުމޭ އުޅޭނަމަ، ނޫނީ ހުމޭ ނާޝިދު ބޭނުންނަމަ އެންމެ ފަހަރަކު ނަމަވެސް ފޯނުކޮށްލީހެއްނު..... ވަރަށް ނުބުނަން ހުރެފަ މިބުނަނީ.... ރާއިދު ބޭނުމެއް ނޫން ނާޝިދު ދެރަކުރާކަށް... އެކަމަކު މިވާހަކަ ނުބުނެ ހުރުގެންވެސް ނާޝިދަށް އުފަލެއް ނުލިބެއެއްނު...." ނާޝިދު އާއި ދިމާއަށް ބަލަން އިނދެ ރާއިދު ބުނެލިއެވެ.

"ބުނެބަލަ....! ކީކޭ ބުނަން ތިއުޅެނީ....؟ ނާޝިދު ޙައިރާން ވެފައި އިނދެ ސުވާލު ކޮށްލިއެވެ.

"ރާއިދު ބުނަން މިއުޅެނީ ތީގަ އޮތީ ދެގޮތޭ.... އެއްގޮތަކީ ހުމޭ މިހާރު ދުނިޔޭގައި ނެތުން..... ނޫނީ ހުމޭ، ނާޝިދު މަތިން ހަނދާން ނައްތާލުން...." ދުރު ބަލަހައްޓައިގެން އިނދެ ރާއިދު ވާހަކަ ދެއްކިއެވެ.

"ރާއިދު، ތިހެން ނުބުނޭ....! ނާޝިދު ދުނިޔޭގައި ހުއްޓަ ހުމޭ މިދުނިޔެއާއި ވަކިވެގެނެއް ނުދާނެ... ނާޝިދުގެ ހިތެއް ނުބުނެ ހުމޭ ނާޝިދުއަށް ބޭވަފާތެރިވެދާނެ ހެނެއް... އަހަރުމެން ދެމީހުން އެކަކު އަނެކަކާ ވަކިނުވާން ހާދަ ވަޢުދުތަކަކާ އަހުދުތަކެއް ވީމޭ... އެކަން އެންމެ ރަނގަޅަށް އެނގޭނެ އެކަކު ރާއިދަކީ... ދެން ކީއްވެ ރާއިދު ތިހެން ބުނަންވީ....؟" ރާއިދު އާ ދިމާއަށް ބަލާލަމުން ނާޝިދު ވާހަކަ ދެއްކިއެވެ.

"ދެން ހިނގާ ގެއަށް ދާން....! ލަސްވެގެން ސަމީރާއްތަ ދެފަހަރު ގުޅައިފި....!" ނާޝިދުގެ އަތުގައި ހިފާލަމުން ރާއިދު ބުނެލިއެވެ.

ރާއިދު، ކައިރީގައި ހުރި ފުރޮޅުލީ ގޮނޑި ނާޝިދު އާ ކައިރިކޮށްލިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 31 މާރިޗް 2024، އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް