އިޒާންގެ ނަޒަރުން
"އެހެންތަ..؟ އަހަރެންނާ ޗެލެންޖް ކުރަނީތަ؟ ތިއެއްވެސް ބަލާލާނަމޭ... ފަހުދް!!!! " ނިމާލް އެތަނުން މީހަކަށް ގޮވައިލިއެވެ. އެހިނދު އެމީހާ ފޯނުން ކޮންމެވެސް އެއްޗެއް އަޅުވައިލުމަށްފަހު އަހަރެންނަށް ފެންނާނެހެން ދައްކައިލިއެވެ. ފެނުނު މަންޒަރުން އަހަރެންގެ ގައިން ހީބިހަ ނަގައިގަތެވެ. އައި ރުޅީގައި ފޯނު ނަގާ އެއްލައިލަން ބޭނުންވިއެވެ. އަޑު ނެތްތަނަކަށް، ކަރުގެ ހަން ދާ ވަރަށް ނިމާލްގެ ނަމުން ގޮވައިލީމެވެ. އަހަރެން ބޭނުންވީ އެވަގުތު އެތާ ތިބި އެންމެންގެ ދުވަސް ދުއްވާލާށެވެ. ނިމާލް ޖަހައިލީ ނުލަފާ ހިނިގަނޑެކެވެ. އަހަރެންގެ ލޭ ހޫނުވެގެން ދިޔަ ހިނދު އަނެއްކާވެސް ހަޅޭއްލަވައިގަނެވުނެވެ. ބޭނުންވީ ނިމާލް އަނގަމަތީގައި ޖެހި ޖެހީނުން ތިރި އަރުވާލާށެވެ.
"ހާދަ ފަރި ހަރަކާތްތަކެކޭ.. އަހަރެންވެސް ބޭނުންވޭ ޓްރައި ކޮށްލަން.. " ފޯނަށް ބަލަހައްޓައިގެން ހުރެ ނިމާލް ކިޔައިލިއެވެ. އައިސްފައިވާ ރުޅީގައި އަހަރެންގެ މުޅި ހަޑިގަނޑު ތުރުތުރުއަޅައެވެ. އަތާއި ފައި ނައްޓުވަން މަސައްކަތް ކުރަމުން ހަޅޭއްލެވުން ނޫން ކަމެއް އަހަރެންނަކަށް ނުކުރެވުނެވެ. ނިމާލް ހެމުން ހެމުން އައިސް އަނެއްކާވެސް އަހަރެންގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ.
"އިޒާން ތިހީކުރާ ވަރަށްވުރެވެސް ބޮޑަށް އަހަރެން ދިޔައީ އިޒާންގެ ހަރަކާތްތަކަށް ފާރަލަމުން.. އަހަރެންގެ ކޮއްކޮ އިޒާންގެ ލޯބީގައި ދީވާނާ ވަމުން ދިޔައިރުވެސް އަހަރެންނަށް އެނގޭ އިޒާން ހިތުގައި ރަސްކަން ކުރަމުން ދިޔައީ އެހެން މީހެއްކަން.. އެހެންވެ އަހަރެން ދިޔައީ އަހަރެންގެ ކޮއްކޮއަށް އޭނާގެ ލޯބި ހޯދައިދޭން މަސައްކަތް ކޮށް ތައްޔާރުވަމުން.. އިޒާން ނައުރާގެ ލޯތްބަށް ފުރަގަސްދީފިނަމަ ދެން ކަންތައް ކުރަން ޖެހޭނެ ގޮތަކަށްވެސް އަހަރެމެން ދިޔައީ ތައްޔާރުވަމުން.. ފުރުސަތަކަށް ބަލަ ބަލާ ތިއްބާ އިޒާންއާއި ޒޭބާ ކެތްނުކުރެވިގެން ވެއްޖެ..... މިބުނާ އެއްޗެއް އެނގޭ ދޯ؟ ނަސޭޙަތެއް ދެންތަ؟ ކޮންމެ ކޮންމެ ހޮޓެލްއެއްގެ އެކަހަލަ ކަންތައްތައް ކުރުން އެހާ ސޭފެއް ނުވާނެ.. ވިސްނާނުލާ ކުރިކަމަކުން ނިކުތް ނަތީޖާ ފެނިއްޖެއްނު.. ހިތަށް މިއަރަނީ ބޮޑު ސްކްރީނުގައި މިފިލްމު އަޅުވަން.. ވަރަށް ހިޓުވާނެ ޔަގީން.. ތިދެމީހުންނަށް އެންމެ މޮޅު ބަތަލުންގެ އެވޯޑްވެސް ލިބޭނެ.. ނޫންތަ؟"
"ތިކުރެވުނީ ވަރަށް މޮޅު ކަމެއް ކަމަށްތަ ހީކުރީ.. ހެއްދެވި ފަރާތަށް ބިރުގަނޭ ނިމާލް... " ރުޅިއާއި ހިތާމަ އެކުލެވި އަހަރެންގެ ދެލޮލުން ކަރުނަ ފާއްދައިލިއެވެ.
"އަދިވެސް އަހަރެންތަ މިއުޅެނީ ހެއްދެވި ފަރާތަށް ބިރު ނުގަނެގެން.. ކަލޭމެންނެއް ނޫންތަ ބިރެއް ނެތި ފިލްމު ކުޅުނީ... " ނިމާލްގެ އަޑުގައިވީ މަލާމާތެވެ.
"ތިވީޑިއޯ ޑިލީޓް ކުރޭ.. ހަމަމިހާރު ޑިލީޓް ކުރޭ... " ދަތްކުޑިވިކައިލަމުން އަހަރެން ބުނީމެވެ.
"ތިހެން ހަމަ ބުނެލާއިރަށް ޑިލީޓެއް ނުކުރެވޭނެ ދޯ... އެކަމަކު އިޒާން ހާސްވާކަށް ނުޖެހޭނެ.. އަހަރެން ބުނާ ގޮތަށް ކަންތައް ކުރާހާ ދުވަހަކު މިވީޑިއޯ ރައްކާތެރިކަމާއެކު އޮންނާނީ އަހަރެން އަތުގައި.. " ނިމާލް ބުންޏެވެ.
"ކަލޭ ބުނާ ގޮތަކަށް އަހަރެން އެއް ކަމެއްވެސް ނުކުރާނަން.. ކަލޭ ޖެހޭނީ ތިވީޑިއޯ ޑިލީޓް ކުރަން.. އެހެންނޫނީ އަހަރެން ފުލުހުންނަށް މައްސަލަ ހުށައަޅާނަން.. " އަހަރެން ބުނީމެވެ.
"އޯކޭ މައްސަލައެއް ނެތް.. އަހަރެން މިހުރީ ޖަލަށް ދާން ތައްޔާރަށް.. އެކަމަކު ކަލޭ މައްސަލަ ހުށައަޅާ ހިސާބުން ފެށިގެން މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކަށް މިވީޑިއޯ ދޫކޮށްލެވިގެން ދާނެ.. އެހިސާބުން އަހަރެން ޖަލަން ގެންދިޔަސް އެތަނުގައި އެއްވެސް ޝަކުވާއެއް ނެތި އަހަރެން އޮވެދާނަން.. އެކަމަކު އެހިސާބުން އިޒާންގެ ޒޭބާއަށް ވާނީ ކިހިނެއް... ލަދާ ހެދި އެފަކިރުގެ ދުވަސްދާނެ.. ބޭޒާރުވެ މުޅި ދުނިޔެއަށް ފަލީހަތް ވާނެ.. ދެން އެހިސާބުން މީހާ މުޅިން މާޔޫސްވެ ގޮތް ހުސްވެ ހިޔާރު ކުރާނީ އަމިއްލައަށް މަރުވުމުގެ މަގު.. އެހިތާމައިގެ ޒޭބާގެ މައިންބަފައިންވެސް ނިމި ހިނގައިދާނެ.. އިޒާން ބޭނުންތަ އިޒާންގެ ސަބަބުން އާއިލާއެއް ނިމި ދާން.. " ނިމާލް ކިޔަމުން ގެންދިޔައިރު އަހަރެންނަށް މަންޒަރު ސިފަވަމުން ދިޔަ ކަހަލައެވެ. ދެލޯ މަރާ ބާރުކޮށްލެވުނީ އަހަރެންގެ ޒޭބާގެ ކަރުގައި މަޅިއެއް ވާތަން ފެނިއެވެ. އެފަދަ ގޮތަކަށް ޒޭބާ ނިމިގެން ދާން އަހަރެން ބޭނުމެއް ނޫނެވެ. އެވަގުތު ޒޭބާގެ އަބުރާއި އިއްޒަތް ސަލާމަތް ކުރުން އަހަރެންނަށް އެހެން އެއްވެސް ކަމަކަށް ވުރެ މުހިންމުވިއެވެ.
"ވަޓް ޑޫ ޔޫ ވޯންޓް ނިމާލް...! ކަލޭ ކޮންކަމެއް ބޭނުންވަނީ... " ގޮތްހުސްވެފައިވާ މީހަކު ފަދައިން އަހަރެން ބުނީމެވެ. އެވަގުތު ނިމާލްގެ ތުންފަތުގައި ކުޅެލީ ވިހަ ހިނިތުންވުމެކެވެ.
"އިޒާން މާބޮޑު ކަމެއް ކުރަން ނުޖެހޭނެ.. އަހަރެންގެ ބޭނުންވަނީ އެންމެ ކަމެއް.. އެއީ މިހާރު އަހަރެންގެ ހަޔާތުގެ އެންމެ ބޮޑު މަޤްސަދަކީވެސް.. އަހަރެންގެ ކޮއްކޮ ނައުރާގެ އުފަލާއި ހިތްހަމަޖެހުމަށްވުރެ އަހަރެންނަށް މުހިންމު އެއްވެސް ކަމެއް ނެތް.. އިޒާން ޖެހޭނީ ރަސްދަރިކަނބަލަކަށް ކައިވެނި ހުށައަޅާ ފަދައިން ނައުރާއަށް ކައިވެންޏަށް ހުށައަޅަން.. އަހަރެންގެ ކޮއްކޮއަށް ހައްޤު ހުރިހާ އުފަލަކާއި ލޯތްބެއް ދޭން.. ބޭނުންނުވި ނަމަވެސް އިޒާން ޖެހޭނީ ނައުރާއާ ކައިވެނިކުރަން.. އުފަލާއި އަރާމުގައި އަހަރެންގެ ކޮއްކޮ ގެންގުޅެން.. ބުނޭ؟؟ އެއްބަސްތަ؟ " ނިމާލްގެ ފަރާތުން އަންނާނީ އެޖަވާބުކަން އަހަރެންނަށް މާކުރިންވެސް އެނގެއެވެ. އަހަރެންނަށް ހިންދިރުވައިލެވުނީ ވީދެރައިންނެވެ. އެފަދަ މަޖުބޫރީއަކާ އަހަރެންނަށް ދުވަހަކުވެސް ކުރިމައްޗެއް ނުވެއެވެ. އަހަރެން މަރާލަން ބުނެ ނައުރާއާ އިންނަން މަޖުބޫރުކުރިނަމަ މަރާލިޔަސް އަހަރެން އެކަމެއް ނުކުރީމުހެވެ. ނަމަވެސް ޒޭބާގެ އަބުރާއި އިއްޒަތް ވެއްޔާއި މޮޑެވި ދާތަން ބަލަން އަހަރެންނަކަށް ކެތެއް ނުވާނެއެވެ.
"އެއްބަސްނުވެ އެހެން ގޮތެއް ކޮބާ؟ އަހަރެން ނައުރާއާ އިންނާނަން.. އަހަރެންގެ ޒޭބާއަށްޓަކައި.. " އަހަރެން ބުނެލީމެވެ.
"އިޒާން ލޯބިވަނީ ނައުރާދެކެ ނައުރާއަށް ޔަގީންވާން ޖެހޭނެ.. ޒޭބާއާ އެއްވެސް ގުޅުމެއް އޮންނަކަން ނައުރާއަށް އެނގިގެން ނުވާނެ.. އަހަރެންގެ ނައުރާއަށް އޭނާ އެއީ އިޒާންއަށްޓަކައި މިދުނިޔޭގައި ހުރި އެންމެ ޚާއްސަ އަންހެންކުއްޖާ ކަމުގެ އިހުސާސް ކޮށްދެން ޖެހޭނެ.. މިހުރިހާ ކަމަކާ އެއްބަސްވެގެން ނޫނީ އިޒާންއަކަށްވެސް އަދި ޒޭބާއަކަށްވެސް ސަލާމަތެއް ނެތްކަން ހަނދާންކުރާތި... ބުނޭ އެއްބަސްތަ؟" އަނެއްކާވެސް ނިމާލް ބުންޏެވެ.
"ބޭނުންނުވިޔަސް އަހަރެން ޖެހޭނީ އެއްބަސްވާކަށްނު.. ދެން ކީއްކުރަން އިރުއިރުކޮޅާ އެއްބަސްހޭ ތިއަހަނީ" ރުޅި އައިސްފައި އަހަރެން އެހެން ބުނުމުން އަނެއްކާވެސް ނިމާލް ހޭން ފަށައިފިއެވެ.
"ތިބުނީ ރަނގަޅަށް.. ފަހުދް! ޅިޔަނު ދޫކޮށްލާ.. " ފަހުދަށް ބަލައިލަމުން ނިމާލް ބުންޏެވެ. ވެރިޔާގެ ބަހަށް ބޯލަނބާ ފަހުދް އައިސް އަހަރެންގެ އަތާއި ފައިގާ އައްސާފައި ވާތައް ނައްޓުވައިލިއެވެ.
"ގެއަށް ގޮސް ފެންވަރާ ތާޒާ ވެލާ.. ނައުރާ ހޭއަރާއިރު މިތާ އިޒާން ހުންނަން ޖެހޭނެ.. އަހަރެންގެ ނައުރާ އަށް އެންމެ ފުރަތަމަ ފެންނަން ޖެހޭނެ އިންސާނަކީ ތީ.. އަތުގައި މާބޮނޑިއެއް އޮންނަންވާނެ.. ތުންފަތުގައި ވާން ޖެހޭނީ ހިނިތުންވުމެއް.. ސާފުވެއްޖެތަ؟ " އަހަރެން އިންތަނުން ތެދުވި ހިނދު ނިމާލް ބުންޏެވެ. ބަހެއް ނުބުނެ އަހަރެން ދާން އުޅުމުން ނިމާލް އަހަރެންގެ އަތުގެ ފަލަ މަސްގަނޑުގައި ހިފާފައި ހުއްޓުވިއެވެ.
"ތުން ދަމާފައި ތިހެން ދިޔަކަ ނުދޭނަން.. ފަހުދް ކާރުގައި އިޒާން ގެއަށް ގެންގޮސްދޭނެ.. އަހަރެންގެ ޅިޔަނު ގެންގުޅޭނީ ނިކަން އިއްޒަތުގައި.. " ނިމާލް ބުންޏެވެ. ފަހުދް ހިނގައިގަތުމުން އަހަރެންވެސް އޭނާގެ ފަހަތުން ހިނގައިގަތީމެވެ. ނިމާލް ބުނިހާ ގޮތެއް ހަދަން އެދުވަހުން ފެށިގެން އަހަރެންނަށް މަޖުބޫރުވީ އަހަރެންގެ ލޯބިވާ ޒޭބައަށްޓަކައެވެ.
ގެއަށް ދިޔަ ގޮތަށް އެއްޗެހި ބޭލުމަށްފަހު އަހަރެން ވަނީ ފާހާނާއަށެވެ. މާގަނޑު ދޮށުގައި ހުއްޓި ފެން ދޫކޮށްލީމެވެ. ބޮލަށް އޮހެމުން ދިޔަ ފެންތަކުން އެހެންފަހަރު ފަހަރު ލިބޭ ހިތްހަމަޖެހުމެއް އެފަހަރަކު ނުލިބުނެވެ. އޮހެމުން ދިޔަ ފެންތަކުންވެސް އިހުސާސް ކުރެވުނީ ތޫނު ކަށިތަކެއް ހެންނެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ދިރިއުޅުން އެފުށް މިފުށައް ޖެހުނީ ހީވެސް ނުކުރާ ކަހަލަ ގޮތަކަށެވެ. އެކަހަލަ ކަމެއްގެ ޝިކާރައަކަށް އަހަރެން ވެދާނޭ ދުވަހަކުވެސް ހީނުކުރަމެވެ. އަހަރެން ނައުރާއާ އިންނަން އުޅޭކަން އެނގުމުން ޒޭބާ ދެރަވާނެކަން އެނގެއެވެ. ނަމަވެސް ޒޭބާއަށްވުރެ ބޮޑަށް އަހަރެންގެ ހިތަށް އަސަރުކުރަމުން ދިޔައެވެ. ޒޭބާ ދޫކޮށްލަން ޖެހޭތީ އަހަރެންގެ ހިތް ދިޔައީ އެތައް މަރަކުން މަރުވަމުންނެވެ.
ފެންވަރައިގެން ނިކުތްއިރު އެނދުމަތީގައި އޮތް ފޯނު ރިންގުވަނީއެވެ. ސްކްރީނަށް އަރާފައި އޮތް ޒޭބާގެ ނަން ފެނުމުން އަހަރެންނަށް ހިންދިރުވައިލެވުނެވެ. ޒޭބާއާ ވާހަކަ ދައްކާނެ ހިތްވަރެއް އަހަރެންނަކަށް ނުލިބުނެވެ. އެވީޑިއޯ ބަލާފައި އެމީހުން ހެމުން ދިޔަ ގޮތް ހިތަށް އަރާ އަހަރެންނަށް ރުޅި އާދެވުނެވެ. އެއައި ރުޅީގައި އެނދުމަތީގައި އޮތް ފޯނު ނަގާ ދޫރަށް ހޫރައިލީއެވެ. އެވަގުތު ފާރުގައި ޖެހިފައި ފޯނު ފުނޑުފުނޑުވިއެވެ. އަހަރެންނަށް ރޮވެން ފެށުނީ ގޮތްހުސްވެފައިވީ ވަރުންނެވެ. އެފަދަ މަޖުބޫރީއެއް އެހެން މީހަކަށް ކުރިމަތި ނުވޭތޯ ހިތާހިތުން ދުއާ ކުރީމެވެ.
އެނދުގައި ލެގިލައިގެން އިންއިރު އަހަރެންގެ ނަޒަރު ހުއްޓިފައިވީ ތަށިމުށިތައް މަތީގައި ފުނޑު ފުނޑުވެފައި އޮތް އަހަރެންގެ ފޯނަށެވެ. އެހެން އިންދާ އަހަރެންގެ ކޮޓަރީ ދޮރު ހުޅުވާލާފައި މަންމަ ބޯދިއްކޮށްލިއެވެ.
"ދަރިފުޅު ނިދަނީތަ؟ މިއޮތީ މަންމަ ފޯނަށް ޒޭބާ ގުޅާފައި.... " މަންމަ ބުންޏެވެ. އަހަރެން އަތުގެ އިޝާރާތުން މަންމަ ކައިރީ އަހަރެން އޮތީ ނިދާފައޭ ޒޭބާ ކައިރީ ބުނުމަށް ބުނީމެވެ. މަންމަ ހައިރާންވެފައި ހުރެ އަހަރެން ބުނިހެން ޒޭބާ ކައިރީ ބުނުމަށްފަހު އައިސް އަހަރެން ކައިރީގައި އިށީނެވެ.
"ކިހިނެއްވީ އިޒާން..! ދެކުދިން ޒުވާބު ކުރީތަ؟ " އޯގާތެރިކަމާއެކު މަންމަ އެހިއެވެ. އަހަރެން ވިސްނާލީމެވެ. ނައުރާ އާ އިންނަ ވާހަކަ މަންމަ ކައިރީ ބުނެވޭނީ ޒޭބާއާ މައްސަލަ ޖެހި ރުޅިވާ ވާހަކަ ބުނުމަށްފަހުއެވެ. އެހެންނޫނީ ކޮންމެވެސް އެހެން ކަމެއް އުޅޭކަން މަންމައަށް ޔަގީންވާނެއެވެ.
"އަހަރެން ވާހަކައެއް ބުނަން ބޭނުން މަންމާ.. އެކަމަކު ޕްލީޒް ރުޅި ނާންނާތި.. " އަހަރެން ބުނީމެވެ.
"ބައެއް ފަހަރު ކުށްހީއެއްގެ ތެރޭގައި އިންސާނަކަށް ކިތަންމެ ދުވަހެއް ވަންދެން ވެސް ހުރެވިދާނެ.. އަހަރެންނަށްވެސް ވީ އެކަހަލަ ގޮތެއް.. މިވީހާ ދުވަހު އަހަރެންނަށް ހީވީ އަހަރެންވެސް ޒޭބާދެކެ ވަރަށް ލޯބިވެޔޭ.. އެކަމަކު ހަޤީޤީ ލޯބި އެހެން މީހެއް ދެކެ ވެވުމުން މިހާރު އެނގިއްޖެ އަހަރެންނަށް ޒޭބާ ދެކެ ވެވުނީ ހަޤީޤީ ލޯތްބެއް ނޫންކަން.. " އަހަރެން މަންމަޔާ އެވާހަކަ ދައްކަމުން ދިޔައީ ހިތްމަތީގައި ހިލަގަނޑެއް ބާއްވައިގެންނެވެ.
"އިޒާން ކީކޭ ތިކިޔަނީ..؟ އެބައިނގޭތަ ތިކިޔޭ އެއްޗެއް؟ " މަންމަ އިނީ ހައިރާންވީ ވަރުން ބުނާނެ އެއްޗެއް ނޭނގިފައި ކަހަލަ ގޮތަކަށެވެ.
"މީ ހަމަ ތެދެއް މަންމާ.. އަހަރެންނަށް ނަ.. ނައުރާ ދެކެ ވަރަށް ބޮޑަށް ލޯބިވެވިއްޖެ.. އަހަރެން ބޭނުންވަނީ ނައުރާއާ އިންނަން.. " އަހަރެން ބުނީމެވެ.
"އޭރުން ޒޭބާ ކިހާ ދެރަވާނެ.. ތިހެން ހަދާކަށް ނުވާނެއްނު ޒޭބާއަށް.. " މަންމަ ބުންޏެވެ.
"ދެރަވިޔަސް ލޯބި ނުވާ މީހަކާއެކީ ކިހިނެއް އުޅޭނީ.. އިންނަފަހުން އަހަރެން ލޯބި ނުވާކަން އެނގުނީމަ ޒޭބާ ވާ ދެރަ މާބޮޑު ވާނެ.. އޭރުން އެކަކަށްވެސް އުފަލެއް ނުލިބޭނެ.. " އަހަރެން ވާހަކަ ދައްކަމުން ދިޔައީ އިސްޖަހައިގެން އިނދެއެވެ. މަންމަޔާ ހަތަރުކަޅި ހަމަކޮށްފިނަމަ އަހަރެން ބޭޒާރުވެދާނެތީއެވެ. މަންމަޔަށް އެކަމަކަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ގޭގެ ދޮރުގައި ކޮންމެވެސް މީހަކު ޓަކި ޖެހިއެވެ.
"ދެން އިހަށް މަންމަ ދޭ.. އަހަރެން ބޭނުން ނިދަން.. " މޫނު މަތީ ބާލިސް އަޅައިގެން އަހަރެން އޮށޯތީއެވެ. މަންމަ ކޮޓަރިން ނިކުމެ ދޮރު ލައްޕައިލި އަޑު އިވުނެވެ. މިނެޓެއްވެސް ނުވަނީސް މަންމަ އެނބުރި އައިސް އަނެއްކާ ދޮރު ހުޅުވާލައިފިއެވެ.
"އިޒާން ހޯދަން އައިސް އެބަހުރ.. " މަންމަ ބުންޏެވެ.
ކާކު.. ޒޭބާތަ؟ " އަހަރެން އެހީމެވެ.
"ނޫން... ކޮންމެވެސް ފަހުދެކޯ.. " މަންމަ ބުންޏެވެ. އެހިނދު ކައްޓެން ޖެހިހެން އެނދުން ތެދުވެ އަހަރެން ހުރީ ކޮޅަށެވެ. ދުރު ދުރުގައި ފިޔަވަޅު އަޅަމުން ބާރުމިނުގައި ދޮރާ ދިމާލަށް ހިނގައިގަނެވުނެވެ.
ނުނިމޭ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް