އިޒާންގެ ނަޒަރުން
"ސަރ.. ސަރ ކީއްތިކުރަނީ..؟ މީހުން އެބަ ބަލާ ޕްލީޒް ދޫކޮށްލާ.. " ލަދުގަތްވަރުން އަހަރެން ބުނަމުން ދިޔައީމެވެ. ނަމަވެސް ނިމާލްއަށް އެއަޑު އިވޭހެނެއްވެސް ހިޔެއް ނުވެއެވެ. އޭނާ އަހަރެން ގެންގޮސް ކޮއްޕާލީ ހޮސްޕިޓަލްގެ ރޫމެއްގެ ކުރިމައްޗަށެވެ. ވެއްޓެން ދިޔަ ހިނދު ފަރިތަކަމާއެކު އަހަރެންގެ ހަޑިގަނޑު ކޮންޓްރޯލް ކޮށްލީމެވެ. އަހަރެން ކައިރިއަށް ރުޅި އައީ އެހިސާބުންނެވެ. މަސައްކަތް ކުރާތަނުގެ ވެރިޔާއެއް ކަމަކު ވީގޮތެއް ނުބުނެ އެހެން ނުހެދޭނޭ ހިތަށް އެރިއެވެ. ފަތިވަރު ގޮވައިގަންނަ އަނގަ ހުޅުވައިލިތަނުން ކުރިމަތީގައި ހުރި ކޮޓަރީގެ ދޮރު ނިމާލް ހުޅުވައިލިއެވެ. ފެނުނު މަންޒަރުން އަހަރެންގެ ދެލޯ ބޮޑުވެ އަނގަ ތަންމިނަށް ހުޅުވުނެވެ. ދިމާލަށް ހުރި އެނދުގައި އެއްވެސް ހަރަކާތެއް ނެތި އެއޮތީ ނައުރާއެވެ. އޭނާގެ ވަށައިގެން މެޝިންތައް ގުޅާފައެވެ. ކުއްލިއަކަށް މިވީ ކިހިނެއް ހެއްޔޭ ހިތަށް އެރިއެވެ. އަހަރެންނަށް ބަލައިލެވުނީ ނިމާލްއަށެވެ. ނިމާލްގެ ދެލޮލުން ފެންނަމުން ދިޔައީ އަނގުރު އަލިފާން ކަހަލަ ރުޅިއެވެ.
"ނައުރާ.. އަށް.. ކިހިނެއްވީ........" އަހަރެންނަށް ބުނަން އުޅުނީމެވެ. ނަމަވެސް ހަމައެވަގުތު ނިމާލް އޭނާގެ ބާރު އަޑުން ގާޑްސް އޭ ގޮވާލައިފިއެވެ. އެއަޑަށް އަހަރެން ސިހުނެވެ. އެހިނދު ބުންވަރު ހުރި ބައިމަތި ފުޅާ ބިޔަ ފިރިހެނެއް އައިސް އަހަރެންގެ އަތުގެ ފަލަމަސްގަނޑުގައި ހިފައިފިއެވެ. އަނެއްފަރާތުންވެސް ދެމީހަކު އައިސް ގައިގާ ހިފެހެއްޓިއެވެ. މިވަނީ ކީއްކަން ދެނެގަންނަން ވިސްނާލާނެ ފުރުސަތެއް އަހަރެންނަކަށް ނުލިބުނެވެ. އެމީހުން އަހަރެން ދަމަމުން ގެންގޮސް ވެއްދީ ހުސްކޮށް ހުރި ކޮޓަރިއަކަށެވެ. ގޮނޑިއެއްގައި އަހަރެން ބޭންދުމަށްފަހު ގޮނޑިއާ ލައި ބަނދެއްޖެއެވެ. އެކޮޓަރިއަށް ވަދެ ދޮރު ލައްޕައިލި ނިމާލް އަހަރެންނާ ދިމާލަށް ބަލައިލީ އަލިފާނުގެ ބެލުމަކުންނެވެ.
"ކަލޭމެން މޮޔަވެގެންތަ ތިއުޅެނީ! ދޫކޮށްލާ އަހަރެން... " އަހަރެން ހަޅޭއްލަވައިގަތީމެވެ. އަހަރެންގެ ދެއަތާ ދެފައިގާ އައްސާފައިވާ ވާތައް ނެއްޓޭތޯ މަސައްކަތް ކުރަން ފެށީމެވެ. ނަމަވެސް އެމީހުން އަހަރެން އައްސާފައިވަނީ ތަނެއް ގުޑުވާލެވޭ ވަރަށް ވުރެ މާ ބާރަށެވެ. އަހަރެންގެ ކުރިމަތީގައި ހުއްޓެމުން ނިމާލް އޭނާގެ ޖީބުން ނެގި ވަޅި ފެނި އަހަރެންގެ ދެލޯ ބޮޑުވިއެވެ.
"ބިރުގަތީތަ؟ ހާސްނުވޭ.. ވަޅިފަދަ ނުރައްކާތެރި ތަކެއްޗަކީ އަހަރެންގެ ޓޯއީސް.. " ނިމާލްގެ އަޑުގައި ނުރައްކާތެރި ގޮތެއް ހުއްޓެވެ. އަތުތެރޭގައި ފަރިތަކަމާއެކު އޭނާ ވަޅި ގެންގުޅެމުން ދިޔަ ގޮތުން އަހަރެންނަށް އެހެން ދިމާލަކަށް ބެލޭވަރެއް ނުވިއެވެ.
"ހިނގާ ދޯ އަސްލު މައުލޫއަށް ދާން.. " ނިމާލް އެހެން ބުނި ވަގުތު އެތަނުން މީހަކު އައިސް އަހަރެންގެ ކުރިމަތީގައި އިތުރު ގޮނޑިއެއް ބެހެއްޓިއެވެ. އެގޮނޑީގައި އިށީނދެ ހަމަޖެހިލަމުން ނިމާލް އެއްފައިމައްޗަށް އަނެއްފައި ލައިފިއެވެ.
"ތަންކޮޅެއް ކުރީގެ ވާހަކައެއް ކިޔައިދޭނަން.. އޭރު ނައުރާ އުޅުނީ ގްރޭޑް އެކެއްގައި.. އޭރު އަހަރެން ކިޔަވަމުން ދިޔައީ ގްރޭޑް އަށެއްގައި.. އިންޓަވަލް ގަޑީގައި އެއްދުވަހު އަހަރެންނަށް ފެނުނީ ނައުރާ ރޮމުން ރޮމުން އޭނާގެ ކްލާހުން ނިކުތްތަން.. އަހަރެންނަށް ހުރެވުނު ތަނެއްވެސް ނޭނގުނު.. ނައުރާ ކައިރީ ސުވާލު ކުރުމުން ބުނީ އެކްލާހުގައި އުޅުނު އެހެން ފިރިހެން ކުއްޖަކު ނައުރާ އެންމެ ފަހުން ގަތް އަގުބޮޑު ފަންސުރު ހަލާކު ކޮށްލީކަމަށް.. އަހަރެން ކައިރިއަށް އައީ އަމަށަކު ރުޅިއެއް ނޫން.. އެނގޭތަ ކީއްވެކަން.. ކޮންމެހެން އެކުއްޖާ ފަންސުރު ހަލާކު ކޮށްލީމައެއް ނޫން.. އަހަރެން އިންތިހާއަށް ލޯބިވާ ކޮއްކޮގެ ލޮލުން ކަރުނަ އޮހޭތަން ފެނި.. ދެން ވީ ގޮތެއް އެނގޭތަ؟ އަޅެ ގެސްކޮށްބަލަ؟ " ނިމާލް އެހިއެވެ.
"އަހަރެންނަކަށް ނޭނގެ.. މިގޮތަށް ނޫނަސް ވާހަކަ ދެއްކި ދާނެއްނު.. " އަހަރެން ބުނީމެވެ. ނިމާލް ދައްކަމުން ދިޔަ ވާހަކަ އަޑުއެހުމުގެ ކުޑަވެސް ޝައުޤެއް އަހަރެންގެ ނެތެވެ.
"އޯކޭ ގެސްނުކުރެވުނެއްނު.. އަހަރެން ބުނެދޭނަން.. އޭގެ އަނެއް ދުވަހު ފެނުނީ އެފިރިހެންކުއްޖާ އޭނާގެ އަމިއްލަ ގޭގައި އޭނަގެ ކޮޓަރިތެރޭގައި މަރުވެފައި އޮއްވާ... އެނގޭތަ އޭނަ މަރުވީ ކިހިނެއްކަން.. އެންމެން ހީކުރަނީ އެސޮރު ނިދީގައި މަރުވީކަމަށް.. ޤުދުރަތީ މަރެއް ކަމަށް.. ހަހަހ.. ހަހަހަހަ... " ނިމާލް ހެމުން ދިޔަ ގޮތުން އަހަރެންގެ ހިތަށް ބިރުވެރިކަން އިހުސާސްވަމުން ދިޔައެވެ. އަހަރެންގެ ހިތް ބުނަމުން ދިޔައީ އެކުޑަ ފިރިހެން ކުއްޖާ މަރާލީ އޭނާ ކަމުގައެވެ.
"ޔެސް! ރަނގަޅަށް ތިހީވީ.. އެސޮރު އެހާ އަރާމުކޮށް ނިދާފައި އޮއްވަ މޫނު މަތީގައި ބާލީސް އަޅާ ނޭވާ ހާސްކޮށްލީ.. އެސޮރު މަރަށް ތެޅުނު ގޮތް މިހާރުވެސް ވަރަށް ފްރެޝްކޮށް އަހަރެން ހަނދާން އެބަހުރި.. އާހް! އެކަމުން އެއޮއް ލިބޭ ހިތްހަމަޖެހުމެއް... " ނިމާލް އެހެން ބުނެލި ގޮތުން އަހަރެންގެ ހަށިގަނޑުގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ. އަހަރެންގެ ކުރިމަތީގައި އެއިނީ އިންސާނެއްގެ ސިފައިގާ އިން ޖަނަވާރެކޭ ހިތަށް އެރިއެވެ.
"ކަމޯން އިޒާން! އިޒާންގެ ކޮއްކޮއެއް ހުރި ނަމަ އެނގުނިސް އެކޮއްކޮ ރޯތަން ފެނުނީމަ ހިތަށް އަސަރުކުރާވަރު.. ދެން އެވާހަކައެއް ނޫނޭ އިނގޭ! ނައުރާގެ ލޮލުން ވެއްޓޭ ކަރުނަ ތިއްކެއްގެ ބަދަލު އަހަރެން ހިފަނީ އެކަރުނަ ތިކި ވެއްޓެން މެދުވެރިވި ފަރާތުން.. އެއީ އަދި ނައުރާ ރޯތަން ފެނުނީމަ ވާގޮތް.. މިހާރު ބަލާބަލަ.. އޭނަ އެއޮއް ހަނގުރާމަ ކުރަނީ މަރާ.. އޭނައަށް އެހެން ހެދި މީހާއަށް އަހަރެން ކިހާވަރެއް ކޮށްލާނެހެން ހީވޭ.. " ކުއްލިއަކަށް ނިމާލް އޭނާގެ ނުރައްކާތެރި ބެލުން އަހަރެންގެ ލޮލަށް އަމާޒުކޮށްލައިފިއެވެ. ބިރުން ގޮސް އަހަރެންގެ ހިތް ހީވަނީ މޭ ފަޅާލާފައި ނިކުންނަން އުޅޭ ހެންނެވެ. އިރުއިރުކޮޅުން ބެލެމުން ދިޔައީ ނިމާލް އޭނާގެ އަތުތެރޭގައި ގެންގުޅެމުން ދިޔަ މިޔަ ތޫނު ވަޅިއަށެވެ.
" އަހަރެން ނައުރާއަށް އެއްވެސް އަނިޔާއެއް ނުކުރަން.. ހުވާ ގަންދީ އަހަރެން ނައުރާ ގައިގާ އިނގިލި ކުރިވެސް ޖައްސާނުލަން.. " ތުރުތުރު އަޅާ އަޑަކުން އަހަރެން ބުނީމެވެ.
" އެނގޭ!! އިޒާން ނައުރާއަށް އަނިޔާ ކުރީ އޭނާ ގަޔަށް އަތްލައިގެނެއް ނޫން.. އެނގޭތަ ކަލޭ އަހަރެންގެ ކޮއްކޮއަށް އެހެން ހެދީ ކިހިނެއްކަން؟ " ކުއްލި ހަރަކާތަކާއެކު ނިމާލް އައިސް އަހަރެންގެ އަނގައިގައި ހިފާ ފިތައިގަތެވެ. ވަޅި އޮތީ އަހަރެންގެ ކަރުގައި ޖައްސާފައެވެ. އަހަރެން ލައި ލައި ހުރި ނޭވާ ވެސް ހީވީ އެތެރޭގައި ތާށިވިހެންނެވެ. ގުޑިލަންވެސް ނުކެރިފައި އިނީ އެވަޅީގެ ތޫނުކަން އިހުސާސްވެދާނެތީއެވެ.
"ކަލޭ އަހަރެންގެ ކޮއްކޮގެ އިހުސާސްތަކާ ކުޅުނީ.. ހިތްފުރުނީމަ އެފަކީރުގެ ހިތްހަލާކު ކޮށްލާފައި ދިޔައީ.. ކަލޭ ދިން ހިތާމަޔަށް ކެތްނުކުރެވިގެން އަމިއްލައަށް މަރުވާން މަސައްކަތް ކުރީ.. ކާލި ބޭސްތަކެއްގެ ސަބަބުން ފުރާނައަށް ގެއްލުންވެ އެއޮތީ އޮތް ގޮތް... ދެން ކަލޭ ވިސްނާލަބަލަ އަހަރެން ކަލެއަށް ހަދާލަން ބޭނުންވާނެ ގޮތް ގޮތް.. މިވަޅިން ކުދި ކުދި ކޮށް ކޮށާލާ އެއްލާލަން ހިތަށް އަރަނީ.. އެކި ގުނަންވަންތައް ވަކި ވަކި ކޮށްލުމަށްފަހު ފައިން އަރާ ޗިސް ޗިސް ކޮށްލަން ބޭނުންވަނީ.. " ނިމާލް ވާހަކަ ދައްކަމުން ދިޔައިރު އަހަރެން ބިރުން ގޮސް ތުރުތުރު އަޅައެވެ. ގަޔަށް ލެވެން ކައިރިވެފައި ވަނިކޮށް ނިމާލް ދުރަށް ޖެހިލައިފިއެވެ. އެހިނދު އަހަރެންނަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. ނިމާލް އަހަރެންނަށް ފުރަގަސް ދެމުން ވަޅި ޖީބަށް ކޮއްޕައިލިއެވެ.
"އެކަމަކު ކީއްކުރާނީ.. އަހަރެންނަށް ކަލޭ މަރާލެވެންވެސް ނެތް.. ލޯ ހުޅުވާލުމާއެކު އެންމެ ފުރަތަމަވެސް ސުވާލު ކުރާނީ ކަލެއާ ބެހޭގޮތުން... މަރުވެއްޖޭ ބުނެފިއްޔާ އަހަރެންގެ ކޮއްކޮވެސް މިދުނިޔޭގައި ހުންނަން ބޭނުންނުވާނެ... އެހާވެސް ނައުރާ އިޒާން ދެކެ ލޯބިވޭ.. " ނިމާލްގެ އަޑަށް މޮޅިވެރިކަމެއް ވެރިވިއެވެ.
"ސްކޫލް ދައުރުއްސުރެ ފެށިގެން ނައުރާގެ ހިތުގައި ލިޔެވިފައިވީ އެންމެ ނަމެއް.. އެއީ ކަލޭގެ ނަން. އަހަރެންގެ ކުންފުނިން ކަލެއަށް ވަޒީފާ ދިނީވެސް އަހަރެންގެ ކޮއްކޮގެ އެދުމުގެ މަތިން.. ކަލެއަށް ވަކިން ކެބިން އެއް ދީ މަތީ މަޤާމު ދިނީ އަހަރެންގެ ކޮއްކޮ ކަލޭ ދެކެ ލޯބިވާލެއް ބޮޑުކަމުން.. ނަމަވެސް ކަލޭ އޭނާގެ އިހުސާސްތަކާ ކުޅުނީ.. އެންމެ ފުރަތަމަވެސް ނައުރާ ކަލޭ ކައިރީ އެހި ދޯ ލޯބިވާ ކުއްޖެއް ހުރޭތޯ.. މީހަކާ އިންނަން ގަސްދުކުރަންތޯ.. އެކަމަކު ކަލޭ ޖަވާބުގައި ބުނީ ނޫންކަމަށް.. ދެން ކޮންމެވެސް ދުވަހަކުން މީހަކާ އިންނަން ޖެހޭނެތާއޭ ކަލޭ ބުނީ.. އެކަމުގެ ސަބަބުން ނައުރާގެ ހިތުގެ އުއްމީދު އާލާވި.. ކަލޭ އޭނަ ގޮވައިގެން ފިލްމަށް ގޮސް ކާން ގޮސް އޭނަ ހިތް އެދޭހާ ކަމެއް ކުރީ އެފަކީރުގެ އިހުސާސްތަކާ ކުޅުމުގެ ބޭނުމުގައި ނޫން ދެން ކޮންކަމަކު..؟ އަހަރެން ކަލޭ މަރައެއްނުލާނަން... އެކަމަކު ކަލޭގެ ލޯބިބެރިޔާއާ ކައިވެނި ކުރިޔަކަވެސް ނުދޭނަން.. ޒޭބާ ދޯ އެމަންޖެއަށް ކިޔަނީ؟"
ނިމާލް ޒޭބާގެ ނަން ކިޔައިލި ހިނދު އަހަރެން ގައިގާ ތުރުތުރު އަޅައިގަތެވެ. އަހަރެންނަށް ކޮންމެ ގޮތެއް ހެދިޔަސް ޒޭބާއަށް ގޮތެއް ވާކަށް އަހަރެން ނޭދެމެވެ.
"ނިމާލް ޕްލީޒް!! މީ އަހަރެމެން ދެމީހުން ދެމެދުގައި އޮތް ކަމެއް.. މިކަމުގެ ތެރެއަށް ޒޭބާ ނުވައްދާ.. ނިމާލް ބޭނުންވަންޏާ އަހަރެން ނައުރާ ކައިރިން މާފަށް އެދޭނަން.. " އަވސް އަވަހަށް އަހަރެން ބުނީމެވެ.
"މާފޭ..! ކަލޭ އަށް ހީވީ އަހަރެމެން ކަލޭގެ މާފު ބޭނުންވެގެން އުޅޭ ކަމަށްތަ؟ " ނިމާލްގެ އަޑު ބާރުވެގެން ދިޔައެވެ.
"ދެން؟ ދެން ކޮންކަމެއް ބޭނުންވަނީ.. އަހަރެން ނައުރާ ދެކެ ލޯބިނުވަންޏާ ކީއްތަ ކުރާނީ..؟ " އަހަރެންވެސް ހަމަ އެބާރުމިނުގައި ބުނީމެވެ. އެހިނދު ކުއްލި ހަރަކާތަކާއެކު ނިމާލް އަހެރެންގެ އަނގަމަތީގައި ގޮށްމުށުން ޖަހައިފިއެވެ. ވީތަދުން އަހަރެންގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ.
"ލޯބި ނުވިޔަސް ކަލޭ ޖެހޭނީ ނައުރާ ކައިރީ ލޯބިވާ ވާހަކަ ބުނަން.. އަދި ނައުރާއާ ކައިވެނި ކުރަން.. " އަހަރެންގެ އިސްޖެހެން ދިޔަ މޫނު ނިމާލް ހިފެހެއްޓީ އިސްތަށިގަނޑުގައި ހިފާފައެވެ. އަހަރެންގެ އިސްތަށިގަނޑުގައި ހިފާފައި އޭނަ އަހަރެންގެ މޫނު މައްޗަށް ނެގިއެވެ. " އަޑުއިވިއްޖެތަ؟ ކަލޭ ޖެހޭނީ ނައުރާ އާ އިންނަން..."
"ނުވާނެ ތިކަމެއް... ޒޭބާ ނޫން މީހަކާ އަހަރެން ކައިވެންޏެއް ނުކުރާނަން... " މަރާލިޔަސް ޒޭބާ ނޫން މީހަކާ އިންނަން އަހަރެންނަށް އެއްބަހެއް ނުވެވޭނެއެވެ.
"އެހެންތަ..؟ އަހަރެންނާ ޗެލެންޖް ކުރަނީތަ؟ ތިއެއްވެސް ބަލާލާނަމޭ... ފަހުދް!!!! " ނިމާލް އެތަނުން މީހަކަށް ގޮވައިލިއެވެ. އެހިނދު އެމީހާ ފޯނުން ކޮންމެވެސް އެއްޗެއް އަޅުވައިލުމަށްފަހު އަހަރެންނަށް ފެންނާނެހެން ދައްކައިލިއެވެ. ފެނުނު މަންޒަރުން އަހަރެންގެ ގައިން ހީބިހަ ނަގައިގަތެވެ. އައި ރުޅީގައި ފޯނު ނަގާ އެއްލައިލަން ބޭނުންވިއެވެ. އަޑު ނެތްތަނަކަށް، ކަރުގެ ހަން ދާ ވަރަށް ނިމާލްގެ ނަމުން ގޮވައިލީމެވެ. އަހަރެން ބޭނުންވީ އެވަގުތު އެތާ ތިބި އެންމެންގެ ދުވަސް ދުއްވާލާށެވެ.
ނުނިމޭ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް