ފިނޭންސް މިނިސްޓްރީ --
މާލީ ހިދުމަތްތަކާއި، ރިއަލް އެސްޓޭޓް އަދި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާއަށް އައި ކުރިއެރުމާއެކު، 2026 ވަނަ އަހަރުގެ އޮގަސްޓް މަހު ރާއްޖޭގެ އިގްތިސާދު ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 2.4 އިންސައްތަ ކުރިއަރައިފި ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ ބިއުރޯއިން ޢާއްމުކޮށްފައިވާ އިޤްތިޞާދީ ކުރިއެރުން ވަޒަންކުރާ "މަންތްލީ އިންޑިކޭޓަރސް އޮފް އިކޮނޮމިކް ގްރޯތް" (އެމް.އައި.އީ.ޖީ) ރިޕޯޓުގައިވާ ގޮތުން، އޮގަސްޓް މަހު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހުރީ 9.64 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 9.41 ބިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރުވުމެކެވެ. އަދި މިއީ 2026 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 5.4 އިންސައްތައިގެ ކުރިއެރުމެކެވެ.
އިގްތިސާދީ ކުރިއެރުމަށް އެންމެ ބޮޑު ހިއްސާއެއް ވެފައިވަނީ މާލީ ހިދުމަތްތަކުގެ ދާއިރާއިންނެވެ. މީގެ އިތުރުން ރިއަލް އެސްޓޭޓް ހަރަކާތްތަކާއި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާއިން ވެސް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާލީ ހިދުމަތްތަކުގެ ދާއިރާ ވަނީ 21.9 އިންސައްތަ ކުރިއަރައި، 748 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ މާލީ މުއާމަލާތްތަކާއި އިންޝުއަރެންސްގެ ހިދުމަތްތައް އިތުރުވުމާ ގުޅިގެން އައި ބަދަލެކެވެ. މީގެ އިތުރުން ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި 8.1 އިންސައްތަ ކުރިއަރައި 864 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، އިމާރާތްކުރުމުގެ ދާއިރާ ވަނީ 10.4 އިންސައްތަ ކުރިއަރައި 487 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
އިގްތިސާދުގެ އެންމެ ބޮޑު ދާއިރާއަކީ އަދިވެސް ފަތުރުވެރިކަމުގެ ހިދުމަތްތައް ހިމެނޭ ހޮސްޕިޓާލިޓީ އަދި ފުޑް ސާވިސަސް ދާއިރާއެވެ. މިއީ އިގްތިސާދީ ކުރިއެރުމުގެ 23.1 އިންސައްތައެވެ. މި ދާއިރާއިން 2.23 ބިލިއަން ރުފިޔާ އުފައްދާފައިވާއިރު، މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 0.7 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މިއީ މިއަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 10.6 އިންސައްތައިގެ ކުރިއެރުމެކެވެ. މި ކުރިއެރުން އައިސްފައިވަނީ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު އިތުރުވުމާ ގުޅިގެން ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ދަތުރުފަތުރާއި މުއާސަލާތީ ހިދުމަތްތަކުގެ ދާއިރާއަކީ އިގްތިސާދުގެ 11.7 އިންސައްތަ ހިއްސާކުރާ ދާއިރާއެވެ.
މި ނިމިދިޔަ އޯގަސްޓް މަހުގެ އިޤްތިޞާދީ ކުރިއެރުން 10.06 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ޖެނުއަރީ މަހުގެ ފަހުން އިޤްތިޞާދީ ކުރިއެރުން މިހާ މަތީ މިންވަރަކަށް ރިކޯޑުކުރެވުނު ފުރަތަމަ ފަހަރެވެ. މީގެއިތުރުން، މިއީ 2024 ވަނަ އަހަރުގެ އޯގަސްޓް މަހު ރިކޯޑުކުރެވުނު 8.65 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 11.4 އިންސައްތައިގެ ކުރިއެރުމެކެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޖޫން މަހު އިޤްތިޞާދީ ހަރަކާތްތައް ދަށްވުމަށްފަހު، ޖުލައި އަދި އޮގަސްޓް މަހު ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތައް ވަނީ ބާރުމިނެއްގައި ކުރިއަރަން ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް