ދުލުން ދައްކާ ވާހަކަތަކުގެ ސަބަބުން މީސްތަކުން ނަރަކައަށް އެއްލައިލެވޭނެ: ޚުތުބާ

16 Oct 2026 | 10:56
އިސްލާމީ މަރުކަޒުގައި ކުރެވުނު ހުކުރު ނަމާދެއް -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިސްލާމީ މަރުކަޒުގައި ކުރެވުނު ހުކުރު ނަމާދެއް -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ދުލުން ދައްކާ ވާހަކަތަކުގެ ސަބަބުން މީސްތަކުން ނަރަކައަށް އެއްލައިލެވޭނެކަން ނަބަވީ ޙަދީޘްތަކުން ސާބިތުވާކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

"މުސްލިމުންގެ އަބުރާއި ޢިއްޒަތް" މި މައުޟޫޢަށް ޚާއްޞަކުރި ޚުޠުބާގައި ބުނެފައިވާގޮތުގައި މާތް ﷲ އިންސާނާ ޝަރަފުވެރިކުރައްވައި، އޭނާގެ ކަރާމާތަށް ބުރޫއަރާފާނެ އެންމެހައި ކަންކަން ނަހީކުރައްވާފައިވާ ކަމަށެވެ. އިސްލާމީ ޝަރީޢަތުގެ ފަސް މައިގަނޑު މަޤުޞަދުގެ ތެރޭގައި އިންސާނާގެ އަބުރު ޙިމާޔަތްކުރުން ހިމެނޭކަން ވެސް އެ ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

ޙައްޖަތުލްވަދާޢުގެ ޚުޠުބާއިން ދަލީލު ދައްކަމުން ޚުޠުބާގައި ބުނީ، މައްކާ އާއި ޙައްޖުމަހާއި އެ ދުވަސް ޙުރުމަތްތެރިވީ ފަދައިން، މުސްލިމުންގެ ލެޔާއި މުދަލާއި އަބުރާއި ހަށިގަނޑު ވެސް ޙުރުމަތްތެރިވެގެންވާ ކަމަށެވެ. ގެފުޅު ވަށައި ޠަވާފުކުރައްވަމުން ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވީ ގެފުޅުގެ ޙުރުމަތަށްވުރެ ވެސް މާތް ﷲ ގެ ޙަޟުރަތުގައި މުއުމިނެއްގެ ޙުރުމަތް މާ މަތިވެރިވެގެންވާ ކަމަށެވެ. ހަމައެހެންމެ ޖިސްމާނީ އަނިޔާއެއް ދިނުމަށްވުރެ މީހެއްގެ އަބުރު ކަތިލުމުން ލިބޭ ގެއްލުން މާ ބޮޑުވެ، މުޖުތަމަޢުގެ އެއްބައިވަންތަކަން ރޫޅި އިޖުތިމާޢީ ފޭރާން ވީދިގެންދާ ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ.

ޢިއްފަތްތެރި އަންހެނުންނަށް ޤަޛުފުކޮށް ހަތަރު ހެކިން ނުގެނެވޭ ފަރާތްތަކުގެ ގައިގައި 80 އެތިފަހަރުން ޙައްދުޖެހުމަށާއި، އެ ބަޔަކީ ފާސިޤުން ކަމުގައި ކަނޑައަޅައި ދުވަހަކުވެސް ހެކިބަސް ޤަބޫލު ނުކުރުމަށް އިސްލާމީ ޝަރީޢަތުގައި އަންގަވާފައިވާ ކަމަށް ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ. މީގެ އިތުރުން ސޫއްޒަނު ކުރުމާއި ޖާސޫސްކުރުމާއި ޣީބަބުނުން އެއްކޮށް ޙަރާމްކުރައްވާފައިވާކަން ވެސް ބަޔާންކޮށްފައިވެއެވެ.

މީސްމީޑިއާ މެދުވެރިކޮށް ހިންގާ ނުރަނގަޅު ޢަމަލުތަކަށް އިޝާރާތްކުރައްވައި ޚުޠުބާގައި ވިދާޅުވީ، ތެދުދޮގު ބެލުމެއް ނެތި ޒާތީ ހަސަދައިގެ ތެރެއިން މީހުންގެ އަބުރު ކަތިލެވެމުންދަނީ ޅަ ދަރީންގެ ކުރިމަތީގައި ކަމަށާއި، މާދަމާގެ ޤައުމާ ހަވާލުވާ ޖީލަށް ދެއްކެނީ ކޮން ފަދަ ނަމޫނާއެއްކަން ވިސްނައިލަންޖެހޭ ކަމަށެވެ.

ދުލުގެ ނުރައްކާތެރިކަން ބަޔާންކުރައްވަމުން ޚުޠުބާގައި ގެނެސްފައިވާ ޙަދީޘެއްގައި ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ: "މީސްތަކުން ބޯކޮޅު ވަތަށް ނަރަކައަށް އެއްލައިލެވެނީ އެބައިމީހުން ދައްކާ ވާހަކަތަކުގެ ސަބަބުން ނޫންހެއްޔެވެ؟" ހަމައެއާއެކު ދުލާއި ލަދުވެތި ގުނަވަން ރައްކާތެރިކޮށްފި މީހަކަށް ސުވަރުގެ ލިބޭނެ ކަމުގެ ޔަޤީންކަން ރަސޫލާ ﷺ ދެއްވާފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ.

ޚުޠުބާ ނިންމައިލީ، އެހެން މީހުންގެ އަބުރެކޭ އެއް ބީދައިން ތިމާގެ އަމިއްލަ އަބުރު ވެސް ޝައްކު އުފެދިދާ ފަދަ ހާލަތްތަކުން ދުރުހެލިވެ ރައްކާތެރިކުރުމަށް ގޮވައިލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް