އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ --
އިސްތިއުމާރީ އިޒްރޭލުން މެދުއިރުމަތީގެ ހަމަނުޖެހުމާ މެދު ޢަމަލުކުރަމުން އަންނަ ގޮތަށް ފާޑު ވިދާޅުވެ، އަސްކަރީ ބާރުވެރިކަމުން ދެމެހެއްޓެނިވި ސަލާމަތެއް ކަށަވަރު ނުކުރެވޭނެ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާ ވިދާޅުވެއްޖެއެވެ.
އޮބާމާ މި ވާހަކަފުޅު ދެއްކެވީ އަންގާރަ ދުވަހު ލިޔުންތެރިއަކާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި އޮބާމާ ވިދާޅުވީ ތާރީޚީ ޝަކުވާތަކާއި ފުން ބައިބައިވުންތަކެއް މައްޗަށް ބިނާވެފައިވާ އަނިޔާގެ ސިލްސިލާއެއް މެދުއިރުމަތީގައި ދެމިއޮތް ކަމަށެވެ. ޔަހޫދީ ރައްޔިތުން ޔޫރަޕުގައި ކުރިމަތިލީ އަނިޔާވެރިކަމުގެ ދިގު ތާރީޚު ޤަބޫލުކުރައްވާ ކަމަށް ވިދާޅުވެ، ހަމަ އެހެންމެ ފަލަސްޠީނު ރައްޔިތުންނަށް ވެސް ބިން ގެއްލުމުގެ ބޮޑު އަނިޔާއެއް ލިބިފައިވާ ކަމަށް އޮބާމާ ފާހަގަކުރެއްވިއެވެ.
"ދެބަސްވެވެން ނެތް ކަމެއް. ހަމައެހެންމެ ދެބަސްވެވެން ނެތް ކަމަކީ އެ މީހުން [ފަލަސްޠީނު ރައްޔިތުންގެ] ބިން ފޭރިގެންފައިވާ ކަމާއި، އެ ކަމުގައި ހައްދު ފަހަނައަޅައި ގޮސްފައިވާ ކަން. އަދި އެ ރައްޔިތުން ބުނީ: 'މިއީ އަނިޔާއެއް، އަހަރެންގެ ބިން އަނބުރާ ބޭނުން'" ކަމަށް އޮބާމާ ވިދާޅުވިއެވެ.
ހަމަނުޖެހުމުގެ ސިލްސިލާ ކަނޑައިލުމުގެ ބޮޑު ޒިންމާ އޮތީ ބާރުގަދަ ފަރާތުގެ ކޮނޑުގައި ކަމަށް ވެސް ވިދާޅުވިއެވެ. ހަމައެކަނި އަސްކަރީ ބާރާއި ޓެކްނޮލޮޖީގެ ކުރިއެރުމުގެ މައްޗަށް ބަރޯސާވެ، ބޭނުން ކޮންމެ ކަމެއް ކޮށް، އެއްވެސް ދޫ ދިނުމެއް ނެތި ކުރިއަށް ދިއުމުގެ ވިސްނުން ގެންގުޅޭ ނަމަ، ކުރު ރާސްތާގައި ކާމިޔާބު ވެދާނެ ކަމަށާއި، ނަމަވެސް އެ އުސޫލުން ދާ ނަމަ އަޚުލާޤީ ބިންގާ ގެއްލޭނެ ކަމަށް ވިދާޅުވިއެވެ.
"މިހާރުގެ އިޒްރޭލު ސަރުކާރު އެ ގޮތް ޚިޔާރުކޮށްފައިވާ ކަމަށް ފެނެ. ހަތް މިލިއަން ފަލަސްޠީނު ރައްޔިތުން އެ ސަރަޙައްދުން ދާނެ ތަނެއް ނެތް ކަން ޤަބޫލުކުރުން އެ ސަރުކާރަށް ލާޒިމު" ކަމަށް އޮބާމާ ވިދާޅުވިއެވެ. "އެއްވެސް ބަޔަކު އަމިއްލައަށް ޤަބޫލުނުކުރާނެ ޙާލަތެއް [ފަލަސްޠީނު] ރައްޔިތުންގެ މައްޗަށް ދެމެހެއްޓުމަކީ ދެމެހެއްޓެނެ ކަމެއް ނޫން" ކަމަށް ވެސް ވިދާޅުވިއެވެ.
އެ ދުވަހު ވެސް ކުރިން ކުއީންސް ޔުނިވާސިޓީ ބެލްފާސްޓުން އޮބާމާ އަށް އޮނަރަރީ ޑޮކްޓޮރޭޓެއް އެރުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް