ޗައިނާގެ ޗެންގްޑޫ --
ޗައިނާގެ އެންމެ ބޮޑެތި ސިނާޢީ ސަހަރުތަކުގެ ތެރޭގައި ހިމެނޭ ޗެންގްޑޫ ގެ ކުރީގެ މޭޔަރު، ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.
ޗައިނާގެ ޕްރޮސެކިއުޓަރުންނާ ހަވާލާދީ ޝިންހުއާ އިން ބުނާ ގޮތުގައި ވަންގް ފެންގްޗާއޯ ހައްޔަރުކުރުމުގެ އަމުރަކަށް އެދުނީ ޗައިނާގެ ސުޕްރީމް ޕްރޮސެކިއުޝަން އިންނެވެ.
ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ އުސޫލުތަކާއި، ޗައިނާގެ ގާނޫނުތަކާއި ޚިލާފުވުމުގެ ތުހުމަތުގައި މިދިޔަ ޖޫން މަހު ވާންގް ވަނީ ޕާޓީގެ މަގާމުތަކުން ވަކިކޮށްފައެވެ. އަދި ރަސްމީ މަގާމުންވެސް ދުރުކުރެވުނީ ރިޝްވަތުގެ ތުހުމަތުކުރެވޭތީކަމަށް ޗައިނާގެ ކަމާ ބެހޭ އިދާރާތަކުން އޭރު ވަނީ ހާމަކޮށްފައެވެ.
ކޮވިޑްގެ ބަލިމަޑުކަން އެންމެ ފުރަތަމަ ފެށި ސިޓީކަމަށް ބެލެވޭ ޗައިނާގެ ވޫހާންގެ މޭޔަރުކަމުގައި ކޮވިޑްގެ ދުވަސްވަރު ހުންނެވި ޒޫ ޝިއަންގްވަންގް ވެސް 9 މިލިއަން ޑޮލަރުގެ ރިޝްވަތުގެ މައްސަލައެއްގައި 14 އަހަރަށް ޖަލަށް ލާން މިދިޔަ ހަފްތާގައި ވަނީ ހުކުމްކޮށްފައެވެ.
އަދި މީގެ އިތުރުން ޗޮންގިންގް ގެ ކުރީގެ މޭޔަރ ހުއާން ކީފާންގް ވެސް ޕާޓީގެ އުސޫލުތަކާއި ޤާނޫނާއި ޚިލާފްވެފައިވާކަމަށް ތުހުމަތުކޮށް، އޭނާގެ މައްސަލަވެސް ކޮމިއުނިސްޓް ޕާޓީގެ ސެންޓްރަލް ކޮމިޝަން ފޮރ ޑިސިޕްލިން އިންސްޕެކްޝަން އިން ބަލަމުން އަންނަކަމަށް ޝިންހުއާ އިން ވަނީ ރިޕޯޓްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް