ޗައިނާއިން ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިޔަށްދާނެ ކަމަށް ދިވެހި ސަރުކާރުން ބުނުމުން ޗައިނާއިން އެކަމަށް މަރުހަބާ ކިޔައި ތައުރީފުކޮށްފި އެވެ.
ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް (ބީއާރްއައި) ގެ ދަށުން ރާއްޖޭގައި ޗައިނާއިން ހިންގާ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިޔަށް ދާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ޝިންހުއާ ނިއުސް އެޖެންސީ އަށް ދެއްވި އިންޓަވިއުއެއްގަ އެވެ. އެ އިންޓަވިއުގައި ޝާހިދު ވިދާޅުވީ އެ މަޝްރޫއުތަކުގެ ތެރޭގައި ރައްޔިތުންނާއި ސީދާ ގުޅުން ހުރި މަޝްރޫއުތައް ހިމެނޭ ކަމަށެވެ.
މިކަމާ ގުޅިގެން ޗައިނާގެ ފޮރިން ސެކްރެޓަރީ ހުއާ ޗުންޔިންގް، ވިދާޅުވީ ރާއްޖޭގައި ޗައިނާ އިން ކުރިއަށް ގެންދާ، ބްރިޖާއި އެއާޕޯޓް އަދި ހައުސިން މަޝްރޫތަކަކީ ދިވެހި ރައްޔިތުންގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅުން ހުރި މުހިންމު މަސައްކަތްތަކެއް ކަމަށެވެ. މި މަސައްކަތްތައް ކުރިއަށް ގެންދަނީ ދެ ގައުމަށް ވެސް ފައިދާވާ ގޮތަށް ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލުތައް އައިސް އާންމު ދިރިއުޅުމުގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ހުއާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޝާހިދުގެ އެ ވާހަކަތަކުން އަންގައިދެނީ ޗައިނާއާ އެކު ރާއްޖޭން ބަދަހި ގުޅުމެއް އުފައްދަން އާ ސަރުކާރުން ބޭނުންވުން ކަމަށެވެ. ދެ ގައުމުގެ ޒަމާންވީ އެކުވެރިކަން ދެމެހެއްޓުމަށް، ރާއްޖޭގެ އާ ސަރުކާރާ އެކު މަސައްކަތްކުރަން ޗައިނާ ތައްޔާރަށް އޮތް ކަމަށް ވިދާޅުވި އެވެ.
އެ އިންޓަވިއުގައި ޝާހިދު ވިދާޅުވީ ޗައިނާގެ ސިލްކް ރޯޑު އެއްބަސްވުމުގެ ދަށުން އަވައްޓެރި އެހެން ގައުމުތަކުންވެސް ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދު ކަމަށްވާ ޗައިނާ އާއި އެކު ވިޔަފާރީގެ ގުޅުންތައް ކުރިޔަށް ގެންދަމުންދާކަމަށާއި ރާއްޖެއިން އެކަމުގައި އެކަހެރި ނުވާނެ ކަމަށެވެ. މި އެއްބެސްވުމުގައި ޗައިނާ އާއި އެކު ރާއްޖެއިން ސޮއި ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
ސިލްކް ރޯޑު އެއްބަސްވުންތަކަކީ އޭޝިއާ، ޔޫރަޕް އަދި އެފްރިކާއާ ޗައިނާ ގުޅުވާލައި ޗައިނާއާ އެކު ވިޔަފާރީގެ ގުޅުންތައް ބަދަހިކުރަން ޗައިނާއިން ހިންގާ ބިޔަ މަޝްރޫއު އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް