މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްގެ ދަށުން، އެމް.އޭ.އެމް ބިޒްނަސް ސްކޫލުގެ ނަމުގައި ތަޢާރަފްކޮށްފައިވާ ބިޒްނަސް ސްކޫލުގެ ފަރާތުން ނ.ހެނބަދޫގައި މިއަހަރުފެށި ހިއުމަން ރިސޯސް މެނޭޖްމަންޓް ލެވެލް 3 ގެ ކޯސް ނިމި، 29 ޑިސެމްބަރ 2017 ގެރޭ ދަސްވެނިމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
އެމް. އޭ.އެމް ބިޒްނަސް ސްކޫލުގެ ހެނބަދޫ ކެމްޕަހުގައި ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ލަންދޫ ކައުންސިލް ޢިދާރާގެ ޒިންމާދާރު ވެރިޔާ އަލްފާޟިލް ހަސަން ނަޞީރު އިބްރާހިމް އެވެ. މިހަފްލާގައި މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްގެ ސީ.އީ.އޯ އާދިލް ރަޝީދާއި އިސްވެރިން ބައިވެރިވި އެވެ.
ނ.ހެނބަދޫގައި ރޭގައި ކުރިޔަށްދިޔަ ހަފްލާގައި 15 ދަރިވަރުން ވަނީ ސެޓްފިކެޓް ޙާޞިލްކޮށްފައެވެ. އަދި މިފަނަރަ ދަރިވަރުން ތެރެއިން އެންމެ މޮޅު ދަރިވަރުގެ ޝަރަފުވެރި މަޤާމް ޙާސިލުކޮށްފައިވަނީ ނ.ހެނބަދޫ މޫންލައިޓް އައިމިނަތު އަޙްމަދު އެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްގެ ސީ.އީ.އޯ އާދިލް ރަޝީދު ވިދާޅުވީ ﷲ ގެ ވާގިފުޅާއެކު ކިތަންމެ ކުދިން މަދުވިޔަސް މިރަށުގައި މީގެ އިތުރު ކޯސްތަކެއް ހިންގަންފަށާނެ ކަމަށެވެ. އަދި ނ.ލަންދޫގައި ފެށުމަށް ތައްޔާރުވަމުންދާ އައި.ޓީ ޕްރޮގުރާމާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އަލްފާޟިލް އާދިލް ރަޝީދު ވިދާޅުވީ އެ ޕްރޮޖެކުޓު ފެށުމުން އައި.ޓީ ދާއިރާއިން މިހިސާބުގަނޑަށް ބޮޑު އިންގިލާބެއް ގެނެވިދާނެކަމަށެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަލްސާގެ ޝަރަފުވެރިމެހުމާން ލަންދޫ ކައުންސިލް ޢިދާރާގެ ޒިންމާދާރު ވެރިޔާ އަލްފާޟިލް ޙަސަން ނަޞީރު އިބްރާހީމް ވިދާޅުވީ މިއީ ވަރަށް އުފާކުރައްވާ ކަމެއްކަމަށާއި މިފަދަކޯސްތައް ރަށުގައި މައިންބަފައިންގެ ކައިރީގައި ތިބެގެން ހެދުމުގެ ފުރުޞަތު ލިބުމަކީ ވަރަށް ބޮޑު ނަޞީބެއްކަމުގައެވެ. އަދި އެފަދަ ފުރުޞަތުތަކެއް ހެނބަދޫގަ އާއި ލަންދޫގައިވެސް ހުޅުވާލަދެއްވާފައިވާތީ އެކަމަށްޓަކައި މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްއަށް ވަރަށްބޮޑަށް ޝުކުރު އަދާ ކުރެއްވި.
މި ޖަލްސާގައި މިކޯސް ހެނބަދޫގައި ހިންގުމަށްޓަކައި އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކުގެ އަގުވަޒަންކޮށް އެފަރާތްތަކަށްވެސް މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްގެ ފަރާތުންވަނީ ހަނދާނީ ލިޔުން ހަވާލުކުރައްވާފައެވެ.
އަގުހެޔޮ އަދި ފެންވަރު ރަނގަޅު ތަޢުލީމް ފޯރިކޮށްދިނުމުގެ އުންމީދުގައި، އެމް.އޭ.އެމް ބިޒްނަސް ސްކޫލުން ސެޓްފިކެޓް ތިނަކުން ފެށިގެން އެސޯސިއޭޓް ޑިގްރީއާއި ހަމައަށް ކޯސްތައް ކުރިޔަށްގެންދެއެވެ. މީގެއިތުރުން، ވީހާވެސް އަވަހަށް ޑިގްރީ އަދި މާސްޓާސް ޑިގްރީގެ ކޯސްތައްވެސް ފަށާނެ ކަމުގެ މައުލޫމާތި ލިބެއެވެ. އެގޮތުން މިކޯސްތައް ބެހިގެންދަނީ 9 ދާއިރާ ތެރޭގައި، ހިއުމެން ރިސޯސް މެނޭޖްމެންޓްއާއި،ލީޑާޝިޕް އެންޑް މެނޭޖްމެންޓްއާއި، ސްޓްރެޓީޖިކް ސޭލްސް އެންޑް މާރކެޓިނގް މެނޭޖްމެންޓްއާއި، ބިޒްނަސް މެނޭޖްމެންޓްއާއި، އަރލީ ޗައިލްޑްހުޑް، ޓްރެވެލް އެން ޓޫރިސަމް މެނޭޖްމެންޓް، ޕްރޮޖެކްޓް މެނޭޖްމެންޓް އަދި އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް ހިމެނެއެވެ.
"މަކިޔަވާނީ ރަށުގަ" މިޝިޔާރުގެ ދަށުން އެމްއޭ އެމް ބިޒްނަސް ސްކޫލް އިންވަނީ އަތޮޅު ތެރޭގައި ވަރަށް ގިނަ ބެޗްތަކެއް ޖެނުއަރީ މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައެވެ. އަދި މީގެ އިތުން މާލޭގައިވެސް ބެޗްތައް ފެށޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް