އެއް ސަހަރެއްގައި ބަހުލޫލު ނަމަކަށް ކިޔާ މީހަކު އުޅުނެވެ. ދިރިއުޅެމުން ދިޔައީ ވަކިން ގެ އެއްގައި އެވެ. އެ ގޭގެ ކުރިމަތީގައި ބޫޓު މަރާމާތު ކުރާ މީހަކު އުޅުނެވެ. އަދި ބޫޓު މަރާމާތު ކުރާ މީހާގެ ގޭގެ ކުޑަދޮރެއް ބަހުލޫލު އުޅޭ ގެއާއި ދިމާއަށް ހުންނަ ކަމުން ބަހުލޫލު އުޅޭ ގޭތެރޭގައި ހިނގާ ކަންކަން އެ ކުޑަދޮރުން ފެންނާނެ އެވެ.
ދިރިއުޅުމުގައި ކުރާ މަސައްކަތުން ލިބޭ ފައިސާ ރައްކާކުރުމުގައި ބަހުލޫލު މަސައްކަތް ކުރާ ގޮތަކީ ލިބޭ ފައިސާ ފޮތިތައް ގޭތެރޭގައި ވަޅުލުމެވެ. އަދި ބޭނުމެއް ޖެހިއްޖެ ނަމަ ބޭނުންވާވަރަށް ފައިސާ ފޮތި ނެގުމަށްފަހު ބާކީ ވަޅުލުމެވެ.
ދުވަސްތައް މި ބީދައިން ގުނަމުންދަނިކޮށް އެއްދުވަހަކު ބަހުލޫލު ބޭނުމެއް ޖެހިގެން ފައިސާ ފޮއްޗެއް ނަގަން ބެލި އިރު ފައިސާ ވަޅުގައި ފައިސާއެއް ނެތެވެ. މިކަމުގައި ބަހުލޫލު އެންމެ ފުރަތަމަވެސް ޝައްކު ކުރީ، ބޫޓު މަރާމާތު ކުރާ އަވަށްޓެރިޔާއަށެވެ.
ބަހުލޫލު އަވަށްޓެރިޔާގެ ގެއަށް ގޮސް އޮލަ ވާހަކައެއް ފެށި އެވެ. ވާހަކަ ދިގުލަމުން ދިގުލަމުންގޮސް ބޫޓު މަރާމާތު ކުރާ މީހާއާއި ގާތް ގުޅުމެއް ބިނާކޮށްފި އެވެ. އަދި ކަމަކު އެދެން އެބަ އޮތް ކަމަށް ބުނެފި އެވެ.
ބަހުލޫލު: އަވަށްޓެރިޔާ ގާތު ބޮޑު ކަމަކު ކިޔަންވެފައި އެބަ އޮތް.
ބޫޓު މަރާމާތު ކުރާ މީހާ: އަވަށް ބުނޭ !
ބަހުލޫލު: އަހަންނަކީ ފައިސާވެރިއެއް، އެތައް ގެއެއްގައި އެތައް ފައިސާއެއް ރައްކާ ކޮށްފައިވާނެ އެހެނަސް އަހަންނަކީ ނުކިޔަވާ ހުރި މީހެއް ކަމުން ހިސާބު ކިތާބު ބެލެހެއްޓުމުގައި އަހަރެން އެހާ މޮޅެއް ނުވާނެ، މިކަމުގައި އެހީތެރިވެދެވިދާނެތަ !؟
ބޫޓު މަރާމާތު ކުރާ މީހާ: އާދެ، ވެވިދާނެ!
އެއަށްފަހު ބަހުލޫލުގެ މިލިކިއްޔާތުގައި ހަތަރު ގެއެއް ހުރި ވާހަކައާއި އެއިން ކޮންމެ ގެއެއްގައި ވަޅުލާފައި އެތައް ބައިވަރު ފައިސާއެއް ހުންނާނެ ވާހަކަ، ބޫޓު މަރާމާތުކުރާ މީހާގެ ގާތުގައި ބުންޏެވެ. އަދި އިތުރު ރައުޔަކަށް އެދުނެވެ.
އަވަށްޓެރިޔާ ކުރެން ބަހުލޫލު އެހި އެވެ. އެ ހުރިހާ ގެއެއްގައި ހުރި ހުރިހާ ފައިސާއެއް، އަހަރެން މިހާރު ދިރިއުޅެމުން އަންނަ ގޭގައި ވަޅުލާން އެބަ ހިޔާލު ކުރަމެވެ. އަވަށްޓެރިޔާގެ ހިޔާލަކީ ކޮބައިހެއްޔެވެ.
އަވަށްޓެރިޔާ ބުންޏެވެ. ތިއީ ހަމަ ފައްކާ ހިޔާލެކެވެ. އުޅޭތަނެއްގައި ހުރުމުން ރައްކާތެރިވާނެ ނޫންހެއްޔެވެ.
އަވަށްޓެރިޔާ ދިން މޮޅު ހިޔާލަށް ޝުކުރުކޮށް ގެއިން ދެތިން ގޯނި ކޮނޑު ޖަހައިގެން ބަހުލޫލު ގެއިން ނިކުމެގެން ދިޔައީ އަވަށްޓެރިޔާގެ ކުރިމަތިންނެވެ.
-------------------
ބޫޓު މަރާމާތުކުރާ އަވަށްޓެރިޔާ ހިތާ ހިތާ ބުނެލި އެވެ. ވަގަށްނެގި ފައިސާ ފޮތިތައް ހަމަ އެ ވަޅަށް އަޅަން ވީ އެވެ. ބަހުލޫލަށް ޝައްކު ނުވާނީ އޭރަށެވެ. އަދި ބަހުލޫލުގެ މިލްކިއްޔާތުގައި ހުރިއްޔާ ހުރި ފައިސާއެއް ގެނެސް ގޭ ދޮށުގައި ފޮރުވުމުން، އެ ފައިސާތައް އެކުގައި ވަގަށް ނަގާނީ އެވެ.
ބޫޓު މަރާމާތުކުރާ މީހާ ވަގަށް ނެގި ފައިސާ ފޮތިތައް އަލުން އެ ވަޅަށް އަޅައި ފަސް އަޅައިފި އެވެ. އަދި ބަހުލޫލުގެ އިންތިޒާރުގައި ހުއްޓާ ދެ ކޮނޑަށް ބަރުކޮށް ގޯނި އަރުވައިގެން ބަހުލޫލު އަންނަތަން ފެނުނެވެ.
ބަހުލޫލު އޭނާގެ ގެއަށް އައިސް ގޭގައި ދޮރުތައް ލެއްޕުމަށްފަހު ގެނައި، ހިލަ ގޯނިތައް ބިންމަތީގައި ބެހެއްޓުމަށްފަހު ގޭގައި ހުރި ފައިސާ ވަޅު ބަލައިލި އެވެ. އަލްހަމްދުލިﷲ ، އެ ފައިސާތައް ފެންނަން ހުރުމުން ބަހުލޫލު ގެނައި ހިލަ ގޯނިތައް ވަޅަށް ހުސްކުރުމަށްފަހު ގޯނިތަކަށް ފައިސާ ބަރުކޮށް އެ ގެ ދޫކޮށް ދިއުމަށް ދަތުރު ފަށައިފި އެވެ. ގޭ ދޮރުމަތީގައި އަވަށްޓެރިޔާ ހުރެފައި ސުވާލު ކޮށްލި އެވެ.
ތިޔައީ ކޮން ގޯނިތަކެއް ހެއްޔެވެ. ؟
ބަހުލޫލު ބުންޏެވެ. މިއީ ވަޅު ކޮނެފައި ބާކީވި ވެލި ތަކެވެ. މިދަނީ އުކާލާށެވެ. އެނބުރި އަންނާންދެން ގޭ ދޮށުގައި ކުރަކާލި ކަނޑާލަދޭށެވެ. އަވަށްޓެރިޔާއަށް ފުރިހަމައަށް އިތުބާރު ކުރަމެވެ.
ނިމުނީ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް