މިއީ ކައިވެންޏަށްފަހު ދެމީހުން އެކަކު އަނެކަކާއި ވަކިން އުޅެންވީ ވާހަކައެއްނޫނެވެ. މިއީ ކައިވެންޏަށްފަހު ދެމަފިރިން އެމީހުންގެ އާއިލާއާއި ވަކިން އުޅެންވީ ވާހަކައެވެ.
ކައިވެންޏަށްފަހު އަންހެން ކުއްޖާގެ އާއިލާއާއެކު އުޅޭނަމަ ފިރިހެންކުއްޖާއާއި އެއާއިލާއާއި މައްސަލަ ޖެހެން މެދުވެރިވުން ގާތެވެ. ނަމަވެސް އެންމެ އާއްމުކޮށް މައްސަލަ ޖެހެނީ އަންހެންކުއްޖާ އޭނާގެ ފިރިމީހާގެ އާއިލާއާއިއެކު އުޅޭއިރު އެމީހުންނާއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން މައްސަލަ ޖެހެނީ އަންހެންކުއްޖާއާއި އެނާގެ މައިދައިތައާއި ނުވަތަ އަންހެން ކުއްޖާއާއި އޭނާގެ ފިރިމީހާގެ ދައްތައަކާއި ދެމެދެވެ. މިހެންވުމަށް މެދުވެރިވާ ބައިވަރު ސަބަބުތައް އެބަހުއްޓެވެ.
އެންމެ ފުރަތަމަކަމަށް ބަލާލާއިރު މައްސަލަޖެހުމަށް މެދުވެރިވާ އެއްކަމަކީ މައިދައިތަ ނުވަތަ ދައްތަ ކައްކާ ގޮތަށް އަންހެންކުއްޖާއަށް ނުކެއްކުމެވެ. މިއީ ހަޤީގަތުގައި މައްސަލައަކަށް ވާންޖެހޭކަމެއް ނޫނެވެ. ކޮންމެ މީހަކުވެސް ކައްކާނީ ތަފާތުކޮށެވެ. އެކަކު ކައްކާ ކުކުޅު ރިހައިގައި ލާ ރަހަ ބަރާބަރަށް ހަމަޔަށް އަނެކަކު ކައްކާ ކުކުޅު ރިހައިގައެއް ނުލާނެއެވެ. އެއީ ކެއްކުމުގައި ތަފާތުތަކެއް ކޮންމެ މީހަކުވެސް ގެންގުޅޭނެތީއެވެ. ވީމާ ތިމާ ކެއްކީމައި ލާ ރަހަ ނުލައިގެން ޅީދަރިޔަކީ ކައްކަން ނޭންގޭ ކުއްޖެއްގޮތުގައި ކަ ނޑައެޅޭކަށް ނޯންނާނެއެވެ. އަދި އެކަން އެއީ މައްސަލައަކަށް ހެދުމަކީވެސް ކޮށްގެން ވާނޭ ކަމެއްނޫނެވެ.
މީގެ އިތުރުން މައިދައިތަ ނުވަތަ ގޭގެ އެންމެ ބޮޑަށް ހުންނަ މީހާ ހޭލުމާއެކު ނުވަތަ ހޭލުމުގެ ކުރިން ޅީދަރި ހޭލައި މަސައްކަތް ކުރަން ފަށަންޖެހޭކަމަށް ބުނާ ނުފެންނަ ގަވައިދެއް ހެދިފައިވެއެވެ. މިއީވެސް ދެކޮޅު ޖެހޭ ވާހަކައެއް ނޫނެވެ. ތެދެކެވެ. އުޒުރެއްނެތި މެންދުރު ވަންދެން ނިދުމަކީ ކޮށްގެންވާނެ ކަމެއްނޫނެވެ. ނަމަވެސް ފަޖުރު ތަރިޔާއެކު ތެދުވެ މަސައްކަތަށް ނިކުތުންވެސް އެއީ ކުރުން މަޖުބޫރު ކަމަކަށް ވެގެން ނުވާނެއެވެ.
ދެން އޮތް މައްސަލައަކީ ޅީދަރިންނަކީ ގޭގެ ހުރިހާ ކަމެއް ކުރަން ގެންނަ ކުއްޖެއްކަމަށް އާއިލާއިން މީހަކަށް ނުވަތަ ބަޔަކަށް ވިސްނިފައި އޮތުމެވެ. އޭނާއަށް އެންމެ ކަމެއް ކުރަން ނޭންގުނަސްވެސް އެއީ އެއްވެސް މަސައްކަތެއް ކުރަން ދަންނަ ކުއްޖަކަށް ނުވުމެވެ. އަދި އަވައްޓެރިން ގާތުގައާއި ރައްޓެހިންގާތު އޭނާގެ ގޯސް ވާހަކަ ދެއްކުމެވެ. ގޭގެ ހުރިހާ މަސައްކަތެއްގެ ޒިންމާ އޭނާ އުފުލަން ޖެހުމެވެ.
މިހުރިހާ ކަމަކުން ލިބޭ ހިތްހަމަނުޖެހުމުގެ ސަބަބުން ނުވަތަ މިކަންކަމާ ދެރަވުމުގެ ސަބަބުން އަންހެންކުއްޖާ ޝަކުވާ ކުރަނީ އޭނާގެ ފިރިމީހާ ގާތުގައެވެ. އާއިލާގެ މީހުންވެސް ޅީދަރީގެ ޝަކުވާ ކުރަނީ ފިރިހެން ކުއްޖާ ގާތުގައެވެ. އެންމެ ފަހުން ހަދާނެ ގޮތް ހުސްވެ މަންމަ ނުވަތަ އާއިލާއަށް ވުރެ އެހެން މީހަކު އިސްނުކުރަން ފިރިހެން ކުއްޖާއަށް ޖެހެނީ އަނބިމީހާއާއި ވަކިވާށެވެ.
ނަމަވެސް މިނޫން ހައްލެއްވެސް މިކަމަށް އެބައޮތެވެ. ކައިވެންޏަށްފަހު އާއިލާއާއި ވަކިން ދިރިއުޅުމެވެ. ދެމަފިރިން އެކަނި އުޅުމެވެ. އޭރުން މައިދައިތަ ބޭނުންވާގޮތަށް ނުވަތަ އެހެން މީހަކު ބޭނުންވާ ގޮތަށް ކަމެއް ނުވެގެން މައްސަލައެއް ނުޖެހޭނެއެވެ. އަންހެންކުއްޖާ ބޭނުން ވަގުތަކު ބަދިގެޔަށް ނިކުމެވޭނެއެވެ. އެއްޗެއް ހަލާއްކުވެގެން ނުވަތަ ނުބައިކޮށް ކެއްކިގެން އޭނާގެ އަގުވެއްޓޭނެ ގޮތަކަށް ވާހަކަ ދައްކާނެ މީހަކު ނުހުންނާއެވެ. އަރާމު ކުރަން ބޭނުންވަގުތަކު އަރާމު ކުރިޔަސް އެވާހަކަ ދައްކާނެ މީހަކު ނުހުންނާނެއެވެ. އާއިލާ ތެރޭގައި ޖެހޭ މައްސަލަތައް މަދުވާނެއެވެ. އަނބިމީހާގެ ޝަކުވާތައް ހާސްތަން މަދުވާނެއެވެ. އަދި ހަމަ އެހެންމެ ލޯބީގެ ދަރުބާރަކީ ހަމައެކަނި ކޮޓަރިކަމުގައެއްވެސް ނުވާނެއެވެ.
ކަން މިހެން އޮތް ނަމަވެސް ބައެއް ދެމަފިރިން ނުހަނު ލޯބިން އެމީހުންގެ އާއިލާއާއެކު އުޅެއެވެ. އަދި މައިދައިތަ ނުވަތަ ފިރިމީހާގެ ދައްތައާއި އަންހެންކުއްޖާއާއި ނުވަތަ އާއިލާގެ އެހެން މީހަކާއިވެސް މައްސަލައެއް ނުޖެހި އުޅޭ އާއިލާތައް މަދެއްނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް