މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ އެކި ސަރަޙައްދަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރާވެހި ވައިގަދަވާނެކަމަށް މޫސުމާބެހޭ އިދާރާއިން ލާފަކޮށްފައިވާތީ، އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން ބުނެފައިވަނީ ކަނޑުދަތުރު ކުރައްވާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ޔަގީންކުރުމަށް މިފުރުސަތުގައި ހަނދުމަފުޅުކޮށް އަރުވާ ކަމަށެވެ. ވަކިން ހާއްސަކޮށް، މުދާ އުފުލާ އުޅަނދުތައް ބަރުކުރުމުގައި ހުއްދަ ދެވިފައިވާ މިންގަނޑަށްވުރެ ބަރު ނުކުރެއްވުމަށާއި، ފަސިންޖަރުން އުފުލާ އުޅަނދުފަހަރުގައި ސަލާމަތީ އާލާތްތައް ފަސޭހައިން އަތުޖެހޭ ގޮތަށް ބެހެއްޓުމަށް އިލްތިމާސްކުރާ ކަމަށެވެ. އޭގެ އިތުރުން، މުވާސަލާތު ކުރުމަށް ބޭނުންކުރާ ސެޓްފަދަ ތަކެތި ރަނގަޅަށް މަސައްކަތްކުރޭތޯ ޔަގީންކުރެއްވުމަށްފަހު ނޫނީ ދަތުރު ނުފެއްޓެވުމަށް ދަންނަވާ ކަމަށެވެ.
"މޫސުމަށް އަންނަ މިފަދަ ބަދަލާއެކު، ފަޅުތެރޭގެ އޮޔަށް ބަދަލުއައިސް ދިމާވާ ހާދިސާތަކުގެ ސަބަބުން އެފަދަ ތަންތަނުގައި އަޅާފައިހުންނަ އުޅަނދުފަހަރަށް މީގެ ކުރިންވެސް ގެއްލުންތައް ލިބިފައިވުމާއެކު، އެތަންތަނުގައި އުޅަނދު އެޅުމުގައި ރައްކާތެރިކަން ކަށަވަރުކުރުމާއި ނަގިލި ކަހާލުންފަދަ ކަމެއް ދިމާވެދާނެކަމަށްޓައި ސަމާލުވެ، ރަނގަޅަށް ބެލެހެއްޓުމަށްވެސް މިފުރުޞަތުގައި އިލްތިމާސްކުރަމެވެ." ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ވިއްސާރަވެ މަގުމަތީގައި ފެންހެދިފައި އޮންނަ ވަގުތުތަކުގައި މަގު މަތީ ހިނގާ މީހުންނާއި އެއްޗެތި ދުއްވާ ފަރާތްތަކުންވެސް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ދަންނަވާ ކަމަށާއި ވަކިން ޚާއްޞަކޮށް މަގުތަކުގައި ފެންހެދިފައި އޮންނަ ވަގުތުތަކުގައި ބާރު ސްޕީޑުގައި ދުއްވުމަކީ ނުރައްކާތެރި ޙާދިސާއެއް ކުރިމަތިވެ ދުއްވާ މީހާ އަށާއި މަގު ހިނގާ މީހުންނަށް އަދި ދުއްވާ އުޅަނދަށްވެސް ބޮޑެތި ގެއްލުންތަކެއްލިބި އިޢާދަ ނުކުރެވޭފަދަ ގެއްލުމަކާ ކުރިމަތި ވެދާނެކަމެއްކަމަށް ވާތީ އެކަންކަމަށްވެސް ރައްޔިތުން ސަމާލުކަން ދިނުމަށްވެސް މިފުރުޞަތުގައި ލޮބުވެތި ރައްޔިތުންނަށް އިލްތިމާސް ކުރާ ކަމަށެވެ.
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަބަދުވެސް އެޅުމަށާއި މުދަލަށް ލިބޭ ގެއްލުންތައް ކުޑަކުރެވޭ ގޮތަށް ހުރިހާ ފަރާތްތަކަކުންވެސް މަސައްކަތް ކުރުމަށް ހަނދުމަފުޅުކޮށް އަރުވާ ކަމަށާއި އަދި މޫސުން ގޯސްވާ ވަގުތުތަކުގައި ކުރާ ދަތުރުތައް ފެށުމުގެކުރިން އެދަތުރާބެހޭ މަޢުލޫމާތު ކޯސްޓްގާޑަށާއި ފުލުހުންނަށް ޙިއްސާ ކުރެއްވުމަށްވެސް ނަސޭޙަތްތެރި ވާކަމުގައިވެސް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް