މާލެއިން ފުރައިގެން މާލެ އަތޮޅު ތާޖު ކޮރަލް ރީފަށް މުދާ ހިފައިގެން ދަތުރުކުރި ދޯންޏެއް އަޑިއަށް ހިނގައްޖެ އެވެ.
އެމްއެންޑީއެފުން ހާމަކޮށްފައިވާގޮތުގައި މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ މިއަދު ހެނދުނު 10:10 ގަ އެވެ. މި ހާދިސާ ހިނގާފައިވަނީ ތާޖު ކޮރަލް ރީފަށް ދަތުރުކުރި "ޒޯރޯ 4" ނަމަކަށް ކިޔާ ދޯނި މޫސުން ގޯސްވުމުގެ ސަބަބުން ތާޖު ކޮރަލް ރީފް ކައިރީގައި އޮތް ދޮންވެލި ގަނޑަށް ބީހުމުން ކަމުގައިވެސް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން އިތުރަށް ބުނެފައިވަނީ މި ހާދިސާ ހިނގި އިރު އެ ދޯނިން ދިވެއްސަކާއި ދެ ބިދޭސީއަކު ދަތުރު ކުރި ކަމަށާއި އެ ރިސޯޓަށް މި ހާދިސާގެ މައުލޫމާތު ލިބިމާއެކު ރިސޯޓުން ފޮނުވި ލޯންޗެއްގެ އެހީގައި މީހުން ސަލާމަތް ކޮށް ރިސޯޓަށް ގެންގޮސްފައިވާކަމަށެވެ.
ކަނޑުމަތީގެ މި ހާދިސާ ހިނގާފައިވާއިރު ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފް އަދި މޫސުމާއި ބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް