ލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑު މިހާރު އޮތީ ކޮލޮމްބޯގެ ހުޅަނގުން 300 ކިލޯ މީޓަރު ދުރުގައި ކަމަށާއި ކުރިއަށް އޮތް މަދު ގަޑިއިރުތަކެއްގެ ތެރޭގައި މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމަކީ ހަމަ އެކަށީގެންވާކަމެއް ކަމުގައި ލަންކާގެ މެޓް އޮފީހުން ބުނެފި އެވެ.
ލަންކާގެ މެޓް އޮފީހާ ހަވާލާދީ މިކަން، ލަންކާގެ ނޫހެއް ކަމުގައިވާ ހިރޫ ނިއުސް އިން ވަނީ ރިޕޯޓް ކޮށްފަ އެވެ.
މީގެ އިތުރުން މި ކޮޅިގަނޑުގައި ވައި ގަޑިއަކު 100 މޭލަށް ގަދަވުމަކީ އެކަށީގެންވާ ކަމެއް ކަމުގައިވެސް ރިޕޯޓް ކޮށްފައި ވެ އެވެ.
މި ކޮޅިގަނޑާއިމެދު ރާއްޖޭގެ މެޓް އޮފީހުން ބުނެފައިވަނީ މި ކޮޅިގަނޑާއި ގުޅިގެން ކުރިއަށް އޮތް 12 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަކޮށް ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެ އެވެ. ހަމައެއާއެކު ވައިގަދަވެ ކަނޑުތައްވެސް ގަދާނެކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވާ ކަމަށެވެ.
“އަދިވެސް އިތުރަށް ބާރުގަދަވަމުންދާ މި ކޮޅިގަނޑުގެ މިސްރާބު ހުރީ ސްރީލަންކާ، ދެކުނުއިންޑިއާގެ ހުޅަނގުއުތުރުން އަރަބި ކަނޑަށް ދަތުރުކުރާ ގޮތަށެވެ.” މެޓް އޮފީހުން ބުނެފައި ވެ އެވެ.
މެޓް އޮފީހުން އިތުރަށް ބުނެފައިވަނީ ވީމާ ހާއްސަކޮށް ދަތުރުވެރިންނާއި މަސްވެރިން ކަނޑުތަކަށް ނުކުތުމުގައި ވަރަށްބޮޑަށް ސަމާލުވެ މޯލްޑިވްސް ކޯސްޓް ގާޑް އަދި މެރިން ޕޮލިސްގެ ލަފާ ހޯއްދަވައިގެން ދަތުރު ކުރެއްވުމަށް ދަންނަވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް