އެއިޑްސް ނުވަތަ އެޗްއައިވީ ވައިރަސް އިންސާނެއްގެ ގައިގާ ހުރިތޯ ޔަގީންކުރަން އާންމުކޮށް ކުރާ ޓެސްޓަކީ އެންޓި ބޮޑީ ޓެސްޓް ކަމުގައިވާއިރު އެންޓި ބޮޑީ ޓެސްޓުން ނުދައްކާ އެއިޑްސް ވައިރަސް އެއް ޗައިނާ މީހެއް ގައިން ފެނިއްޖެ އެވެ.
މިކަން ހާމަކޮށްފައިވަނީ ޗައިނާގެ ޕެކިންގް މެޑިކަލް ކޮލެޖް ހޮސްޕިޓަލުގެ ޑަކުޓަރުންނެވެ. އެ ޑަކުޓަރުން ބުނެފައިވަނީ 2011 ވަނަ އަހަރު ހުން އައިސް ނޭވާ ލާން އުނދަގޫވެ ކަރުން ލޭ އަންނާތީ 46 އަހަރުގެ މީހަކު ޑޮކްޓަރަށް ދެއްކުމުން އެ އަލާމާތް ތަކަކީ އެޗްއައިވީ ކަމަށް ބެލެވޭ އަލާމާތްތައް ކަމުގައި ބެލެވޭތީ އެންޓި ބޮޑީ ޓެސްޓެއް ކުރި ކަމަށެވެ. ނަމަވެސް އެ ޓެސްޓު ވީ ނެގަޓިވް ކަމަށް އެ ޑަކުޓަރުން ބުނެފައި ވެ އެވެ.
އެ ޑަކުޓަރުން ބުނެފައިވަނީ ނަތީޖާއަށް ރިއާޔަތްކޮށް ދެން އޭނާއަށް ދޭންފެށި ފަރުވާއަކީ މޭގައި އިންފެކްޝަނެއް ހުރި ކަމަށް އަންދާޒާކޮށް ދިން ފަރުވާއެއް ކަމަށެވެ. ނަމަވެސް އެކަމުން އެއްވެސް ލުޔެއް ނުލިބުނު ކަމަށެވެ.
ޑަކުޓަރުން އެއަށްފަހު ބެލި ބެލުމުން އޭނާގެ މެއިން ޓިއުމަރެއް ފެނުމުން، އެފަދަ ޓިއުމަރަކީ އެޗްއައިވީ ޕޭޝަންޓުންގެ މެދުގައި އާންމު ޓިއުމަރަކަށް ވާތީ އެޗްއައިވީތޯ ކަށަވަރު ކުރުމަށް ނިއުކްލެއިކް އެސިޑް ޓެސްޓެސް ހެދި ކަމަށާއި އެ ޓެސްޓުން އޭނާއަށް އެޗްއައިވީގެ އަސަރު ކޮށްފައިވާކަން ކަށަވަރު ކުރެވުނު ކަމަށް ބުނެފައި ވެ އެވެ.
އެ ޑަކުޓަރުން ބުނެފައިވަނީ ނިއުކްލެއިކް އެސިޑް ޓެސްޓަކީ ފިސާރި އަގުބޮޑު ޓެސްޓެއް ކަމުން އެ ޓެސްޓަކީ އެއިޑްސް ހުރިތޯ ބަލަން އާންމުކޮށް ހަދާ އުޅޭ ޓެސްޓެއް ނޫން ކަމަށެވެ. އަދި އެ ޓެސްޓް ހަދަނީ މަދު ހާލަތްތަކެއްގައި ކަމަށެވެ.
ކޮންމެއަކަސް މި މައުލޫމާތުތައް އެ ޑަކުޓަރުން ހާމަކޮށްފައިވާއިރު ގިނަ ބަޔަކު އަންނަނީ މިކަމާ ބަހުސް ކުރަމުންނެވެ. އެއީ އެއިޑްސްގެ އައު ވައްތަރެއް އުފެދުނީތޯ ކުރެވޭ ބަހުސާއި އެހެންކަމަށްވާނަމަ އާދައިގެ އާންމު ރައްޔިތު މީހާ އަށް މި ޓެސްޓު ހެދުމުގައި މާލީ ގޮތުން ދިމާވާނެ ގޮންޖެހުންތަކާއިމެދު ކުރެވޭ ބަހުސެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް