އިސްލާމް ދީނަށް ލޯބިކުރާ ބަޔަކު ކަމުގައި ދިވެހިން ވުމަށް ރައީސް އިލްތިމާސް ކުރައްވައިފި

މާތްވެގެންވާ އިސްލާމް ދީނަކީ، އެންމެ ފުރިހަމަ ދީންކަމަށާއި، ދިވެހިންނަކީ މި މަތިވެރި ހިދާޔަތުގައި ދެމިތިބެ، އިސްލާމީ ރިސާލަތު ފަތުރާ، އިސްލާމް ދީނަށް ލޯބިކުރާ ބަޔަކުކަމުގައިވުމަށް ރާއްޖޭގެ ރައްޔިތުންނ...

30 Nov 2017 | 03:57

މާތްވެގެންވާ އިސްލާމް ދީނަކީ، އެންމެ ފުރިހަމަ ދީންކަމަށާއި، ދިވެހިންނަކީ މި މަތިވެރި ހިދާޔަތުގައި ދެމިތިބެ، އިސްލާމީ ރިސާލަތު ފަތުރާ، އިސްލާމް ދީނަށް ލޯބިކުރާ ބަޔަކުކަމުގައިވުމަށް ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ، ކީރިތި ރަސޫލުﷲ صـلّى الله علـيـه وسـلّمގެ ޢީދު މިލާދުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި މިފަދަ މުނާސަބަތެއް އިޙްތިފާލު ކުރުމުގެ އެންމެ ބޮޑު ބޭނުމަކަށް ވާންޖެހޭނީ، އެކަލޭގެފާނުގެ ޙަޔާތްޕުޅުން ޢިބުރަތް ލިބިގަތުމަށާއި، އެ މަތިވެރި ގޮތްތަކާއި އުޞޫލުތައް ދަސްކޮށް، އެކަލޭގެފާނު ދެއްކެވި މާތް ހިދާޔަތުގައި ދެމިތިބުމަށްކަމަށާއި، އަޅުގަނޑުމެން ކުރިއަރައިދާނީ، އިސްލާމީ ރިވެތި އުޞޫލުތަކުގައި ހިފަހައްޓައިގެން، އެ މާތް ނަބިއްޔާ ދެއްކެވި މާތް ހިދާޔަތުގައި ދެމިތިބެގެން ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

އަދި މާތްﷲގެ ރިސާލަތު މީސްތަކުންގެ ތެރޭގައި ފެތުރުއްވުމުގައި ކީރިތި ރަސޫލުﷲ صلّى اللّــه عليه وسلّم އަށް ކިތަންމެ ދަތިތަކަކާއި އުނދަގޫތަކެއް ތަޙަންމުލު ކުރައްވަން ޖެހިވަޑައިގެންނެވިނަމަވެސް، އެކަލޭގެފާނު އެ ދެއްކެވި ހިތްވަރުފުޅުގަދަކަމާއި ކެތްތެރިކަމުގެ ނަމޫނާއިން އަޅުގަނޑުމެންނަށް ދަސްކޮށްދެއްވީ ޢިބްރަތްތެރި ފިލާވަޅުތަކެއްކަމަށާއި، އޭގެ ނަތީޖާއަކަށްވީ، އިސްލާމީ އުންމަތަކީ މުޅިދުނިޔޭގެ އެންމެން ޤަދަރުކުރާ، އިޙުތިރާމުކުރާ، ޢިލްމީގޮތުންނާއި، ހުރިހާ ގޮތަކުންވެސް ދުނިޔޭގެ އެންމެ ޝަރަފުވެރި، އެންމެމާތް އުންމަތަށް ވެގެންދިއުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް