"ކްލައިމެޓް ޗޭންޖް ޕޮލިސީ ފްރޭމްވަރކް" މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތުތަކުގެ މައްޗަށް އެކުލަވާލައްވާފައިވާ "ކްލައިމެޓް ޗޭންޖް ޕޮލިސީ ފްރޭމްވަރކް" ރައީސުލްޖުމްހޫ...

30 Nov 2015 | 11:28

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތުތަކުގެ މައްޗަށް އެކުލަވާލައްވާފައިވާ "ކްލައިމެޓް ޗޭންޖް ޕޮލިސީ ފްރޭމްވަރކް" ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުވައިފިއެވެ.

އެމަނިކުފާނަށް މިފޮތް އެރުވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމެވެ. މިފޮތުގައި، ތިމާވެށީގެ އެކިއެކި މައްސަލަތަކާމެދު ހުރި ރާއްޖޭގެ ކަންބޮޑުވުންތަކާއި، ފްރާންސްގެ ޕެރިހުގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 21 ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ހުށަހެޅުމަށް ހަމަޖެހިފައިވާ މައްސަލަތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.

މިބައްދުލުކުރެއްވުމުގައި، ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ އެކިއެކި މައްސަލަތަކާ ބެހޭގޮތުންނާއި، އެކަންކަން ޙައްލުކުރެއްވުމަށްޓަކައި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް މަޝްވަރާ ކުރެއްވި  ކަމަށް ރައީސް އޮފީހުން ވިދާޅުވި އެވެ. މިގޮތުން، ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 21 ވަނަ ބައްދަލުވުމުގައި ރާއްޖެއިން ހުށައެޅުމަށް ހަމަޖެހިފައިވާ ކަންކަމާ ބެހޭގޮތުން މިނިސްޓަރ ޠާރިޤް، ރައީސުލްޖުމްހޫރިއްޔާއަށް މަޢުލޫމާތު ދެއްވި ކަމަށާއި އަދި، މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި ރާއްޖޭގެ ފެންވަރުގައާއި، ބައިނަލްއަޤްވަމީ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ހޯއްދަވަމުން ގެންދަވާ ކާމިޔަބީތައް ފާހަގަ ކުރައްވައި، އެކަމަށްޓަކައި އެންވަޔަރަންމަންޓް މިނިސްޓަރ ޝުކުރު އަދާ ކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް