މާފުށީ ޖަލުގައި އިއްޔެ ތިން މީހަކު ވެގެން މީހަކަށް ރަހުމް ކުޑަ އަނިޔާތަކެއް ދިނުމުން އެމަޖެންސީ ހާލަތުގައި އެމީހާ މާލެ ގެނެސްފި އެވެ.
މިކަމާ ބެހޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާރާމާރީއެއް ހިނގިކަން ރިޕޯޓް ކޮށްފައިވާކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފަކު ދުވަހަށް މައުލޫމާތު ދެމުން ބުނީ ތިން މީހަކުވެގެން ރަހުމް ކުޑަ އަނިޔާތަކެއް ދިނީ އއ.މަތިވެރި އާދަމް ޝަރީފް ކިޔާ މީހަކަށް ކަމަށެވެ.
"އޭނަގެ ލޮލަށް، ބޮލަށް އަދި ކޮލަށާއި ބުރަކަށްޓަށް ދަނގަނޑު އެއްޗެއް ހެރި، އިނގިއްޔެއް ވެސް ބިންދާލާފައި ހުރީ، އެއްތަން 2 އިންޗިއަށްވުރެ ބޮޑަށް އަދި އަނެއްތަން އިންޗިއަކަށްވުރެ ބޮޑަށް ފަޅާލާފައި ހުރީ، ތަލަ މަތިންނާ ބޮލުގެ މަތިން ހުރީ ފަޅާލާފަ، ކަނާއަތުގެ ޝަހާދަތް އިނގިލި ޗަސް އަރުވާލާފަ ،ހަމަލާ ދޭން ބޭނުން ކުރީ ކައްކަން ގެންގުޅޭ އުނދުޅިއެއް ތޫނުކޮށްގެން ކަމަށް ބެލެވެނީ" ނަން ހާމަ ނުކުރުމަށް އެދި އޭނާ ކިޔައި ދިނެވެ.
ކަރެކްޝަނަލްގެ މުވައްޒަފު އިތުރަށް ބުނީ އެކަން ހިނގީ 3:45 ހާއިރު ޖަލުގެ "ޕެންޓަގަން" ބައިގާ ކަމަށާއި އެމަޖެންސީގައި އާދަމް ޝަރީފް މާލެ ގެނައީ ރޭ 07:45 ހާއިރު ކަމަށެވެ.
"އަސްލު ވާ ގޮތަކީ އާދަމް ޝަރީފަކީ ޖަލުގެ ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރާ މީހެއް، ބައެއް ފަހަރު ކަރެކްޝަނަލް މުވައްޒަފުންގެ މައްސަލަވެސް އޭނާ ޖައްސާނެ، އެހެންވެ އެންމެންވެސް އޭނަދެކެ ނައްޓާނެ، ޖަލުގެ ގައިދީން ގޯސްކަމެއް ކުރާކަން އޭނައަށް އެނގުނަސް ރިޕޯޓްވެސް ކުރާނެ" މައުލޫމާތު ދިން މީހާ އިތުރަށް ކިޔައިދިނެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އާދަމް ޝަރީފް މާލެ ގެނެސް ގެންދިޔައީ މާލޭ ޖަލުގައި އިންނަ މެޑިކަލް ސެންޓަރަށެވެ. މިކަމާ ގުޅޭގޮތުން ކަރެކްޝަނަލް ސާވިސްގެ އޮފިޝަލް ބަހެއް އަދި ލިބޭގޮތެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް