އެއާޕޯޓްގެ ސަލާމަތީ ކަންކަން މިހާރަށްވުރެ ވަރުގަދަ ކުރުމާމެދު މަޝްވަރާކޮށްފި

އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓުގައި ސަލާމަތީ ކަންކަން މިހާރަށްވުރެ ވަރުގަދަ ކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ އިސްވެރ...

30 Nov 2014 | 09:35

އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓުގައި ސަލާމަތީ ކަންކަން މިހާރަށްވުރެ ވަރުގަދަ ކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ އިސްވެރިން ބައްދަލު ކުރައްވައިފި އެވެ.

ފުލުހުން ބުނީ މި ނޮވެމްބަރ މަހުގެ 26 ވަނަ ދުވަހު ހެނދުނު އެއަރޕޯޓްސް ކޮމްޕެނީގެ މައި އޮފީހުގައި އޮތް މިބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާ ކޮށްފައި ވަނީ އިބްރާހިމް އިންޓަރނޭޝަނަލް އެއާޕޯޓުގެ ސެކިއުރިޓީ މިހާރަށްވުރެ ވަރުގަދަކޮށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެ ފަރާތް ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ކަމަށާއި މީގެއިތުރުންވެސް މި ބައްދަލުވުމުގައި ފުލުހުންނާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާއެކު ބޭއްވި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކާ ބެހޭގޮތުން މަޢުލޫމާތު ހިއްސާކޮށްފައިވާކަމަށެވެ.

ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް ޗީފް ސުޕުރިންޓެންޑެންޓު އޮފް ޕޮލިސް އިސްމާއިލް ނަވީން މި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި އެއަރޕޯޓުގެ ސަލާމަތީ ކަންތައް ވަރުގަދަ ކުރުމަށް އެތަނުގައި ހުރި ސެކއުރިޓީ ޗެކް ޕޮއިންޓްތައް ދެނެގަނެމުހިންމު ކަމެއް ދީގެން ގާނޫނު ނެގެހެޓުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމާއި ހުޅުލޭގައި ހިނގާ ކަންތައް ކައިރިން ބެލުމަކީ މުހިންމުކަމެއްކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންނާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާއެކު ބޭއްވި ބައްދަލުވުމާ ގުޅޭ މަޢުލޫމާތު ހިއްސާކުރެއްވި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިބައްދަލުވުމުގައި އެއާރޕޯޓްސް ކޮމްޕެނީގެ އެމް.ޑީ ވިދާޅުވީ އެއަރޕޯޓުގެ ސެކިއުރިޓީ ކަންތައް ހަމަޖެއްސުމުގައި ފުލުހުންނަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށާއި ފުލުހުން އެދިވަޑައިގެންފައިވާ ގޮތަށް ސެކިއުރިޓީ ކަންކަން ހަރުދަނާ ކުރުމަށް މަސައްކަތްކުރަމުންދާނެކަމަށް ވިދާޅުވި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް