ދެކުނުގެ ބޮޑު ރޭޕް ކޭސް: ޝަރީއަތް ނިމެންދެން އެކަކު ބަންދުކޮށްފި

30 Oct 2026 | 10:59
ދެކުނުގެ ބޮޑު ރޭޕް ކޭސް: ޝަރީއަތް ނިމެންދެން އެކަކު ބަންދުކޮށްފި

ދެކުނުގެ ރަށެއްގައި 22 އަހަރުގެ އަންހެނަކު ރޭޕް ކުރުމާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން އަހުމަދު ނޫހު ނިޔާޒު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

މި މައްސަލައިގަ ނުވަ މީހަކު ހައްޔަރުކޮށް އެ މީހުންގެ ވަނަވަރު ވަނީ އާންމުކޮށްފައި އެވެ. މީގެ ތެރެއިން ނޫހު ޝަރީއަތް ނިމެންދެން ބަންދު ކުރި އިރު ބައެއް މީހުންގެ ބަންދުގެ މުއްދަތު އެކި މުއްދަތަށް ވަނީ އިތުރުކޮށްފަިއ އެވެ.

ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން މުޙައްމަދު ޞާލިޙާއި މިޝަލް އާއި ނަޖުމުﷲ އަދި ނޫހުގެ ބަންދަށް އެންމެ ފުރަތަމަ ދިނީ ފަސް ދުވަހެވެ. އެ މުއްދަތު ހަމަވެ ކޯޓަށް ހާޒިރުކުރުމުން ނޫހު ބަންދުކުރީ ޝަރީއަތް ނިމެންދެނެވެ.

ފުލުހުން ބުނީ މިޝަލްގެ ބަންދަށް 30 ދުވަސް އަދި ނަޖުމުﷲ ގެ ބަންދަށް 45 ދުވަސް ދީފައިވާ ކަމަށެވެ. މުޙައްމަދު ޞާލިޙާއި ސާނިޖުގެ ބަންދަށް ދީފައި ވަނީ ފަސް ދުވަސް ކަމަށެވެ. ދެން ހިމެނޭ މައިސަން އާއި އާޒިމަށް ފުރަތަމަ ބަންދު އަމުރުގައި 15 ދުވަސް ޖެހުމުން އެ ދެ މީހުންގެ މުއްދަތު އަދި ހަމައެއް ނުވެއެވެ. އިފްތިޝާމް އާއި ހުޒާމަށް ކުރިން 90 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފައެވެ.

މި ތަޙުޤީޤު ހިންގުމަށް މާލެއިން ޚާއްޞަ ފުލުހުންގެ ޓީމެއް އެ ރަށަށް ފޮނުވާފައިވެއެވެ.

ފުލުހުން ބުނެފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި އެ ކުދިން އެކްސްޕްލޮއިޓް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފާހަގަ ކުރެވިފައިވާ ކަމަށާއި، އެ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް