ބަންގުލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ޤައުމު ދޫކޮށް ދިޔަ މަންޒަރު ދައްކުވައިދޭ ވީޑިއޯ އާންމުކުރި ކަމަށް ބެލެވޭ، އެގައުމުގެ ވައިގެ ސިފައިންގެ ކުރީގެ އޮފިސަރެއް ކަމަށްވާ ކޭ.އެމް ތަހުސީފް ސޫރީ ކޯރެއްގެ ތެރޭގައި މަރުވެފައި އޮއްވަ ފެނިއްޖެ އެވެ.
އުމުރުން 28 އަހަރުގެ ތަހުސީފް ގެއްލިގެން އާއިލާއިން ރިޕޯޓުކުރީ މިމަހުގެ 28 ވަނަ ދުވަހު އެވެ. ރިޕޯޓުތައް ބުނާގޮތުގައި އޭނާގެ ހަށިގަނޑު ފެނުނީ ވެރިރަށް ޑާކާގެ އުއްތަރުޚާން ސަރަޙައްދުގައި އޮންނަ ރާޖާބާރީ ޣާޓް ކައިރީގައި އޮންނަ ކޯރެއްގެ ތެރެއިންނެވެ.
ކޯރު ޕެޓްރޯލް ފުލުހުންނަށް ހަށިގަނޑު ފެނުނީ ޤައުމީ އެމެޖެންސީ ހެލްޕްލައިން މެދުވެރިކޮށް ލިބުނު މަޢުލޫމާތެއް ބެލުމުގެ ތެރޭގައި، އިއްޔެ ހަވީރު ކަމަށްވެ އެވެ.
ތަހުސީފުގެ އާއިލާއިން ބަންގުލަދޭޝް މީޑީއާގައި ބުނީ ތަހުސީފު ގެއްލުނީ އޭނާ މަންމައާ އެކު ވިޔަފާރިކޮށް ނިމިގެން ހަވީރު ގާތް އެކުވެރިއެއްގެ ފޯނު ކޯލެއް ލިބިގެން ގެއިން ނުކުތް ފަހުން ކަަމށެވެ. އެއަށް ފަހު އެތައް ފަހަރަކު ގުޅުމުންވެސް ފޯނަށް ޖަވާބު ނުދޭކަމަށާއި ދަންވަރު 1:35 ހާއިރު ތަހުސީފް މަންމައަށް ގެއަށް ދާ ކަމަށް ބުނެ މެސެޖެއް ފޮނުވި ނަމަވެސް، އެނބުރި އައިސްފަ ނުވާ ކަމަށް ބުނެފައިވެ އެވެ.
ތަހުސީފާ އެކު ބޭރަށް ދިޔަ އެކުވެރިޔާ ބުނީ ދެ މީހުން އެކުގައި ރޭގަނޑުގެ ކެއުން ކައި ނިންމުމަށް ފަހު ތަހުސީފް ގެ ކައިރިއަށް ލައިދީފައި ދިޔައީ ކަމަށެވެ. ތަހުސީފުގެ ބައްޕަ އިނާޔަތު ކަރީމް ބުނީ، ހަށިގަނޑު ފެނުނު ހިސާބަށް ދާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ފުލުހުން މަރުގެ ސަބަބު ޔަގީންކޮށް ނުދިން ނަމަވެސް، ތަހުސީފުގެ ދެބެއިންގެ ދެ ދަރި ކޮއްކޮ މޮޝްފެކާ ޖަހާން ފޭސްބުކުގައި ބުނީ ޝައިޚް ހަސީނާގެ ވީޑިއޯގެ ސަބަބުން ތަހުސީފް މަރައިލީ ކަމަށެވެ.
އެގޮތަށް ޝައްކު ކުރީ ހަސީނާގެ ވީޑިއޯ އާންމު ކުރި ފަހުން މިހާތަނަށްވެސް އޭނާއަށް އެކި ގޮތްގޮތުން މީހުން އިންޒާރު ދެމުންދާތީ ކަމަށެވެ.
ފުރަތަމަ ހަށިގަނޑު ނެގުނީ ވަކި ނުވާ މީހެއްގެ ގޮތުގައެވެ. ޖީބުގައި އޮތް އައިފޯނެއް މެދުވެރިކޮށް ތަހުސީފުގެ ޝަޚްސިއްޔަތު ކަށަވަރުކުރެވުނު އިރު، އަތުގައި ގަޑިއެއް ވެސް އޮތެވެ. ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ޑާކާގެ ޝަހީދު ސުހްރާވަރުދީ މެޑިކަލް ކޮލެޖު ހޮސްޕިޓަލަށް ވަނީ ފޮނުވައިފައެވެ.
2024 ވަނަ އަހަރުގެ އޮގަސްޓް ފަސް ވަނަ ދުވަހު ބަންގުލަދޭޝްގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ޝައިޚް ހަސީނާ ސިފައިންގެ ހެލިކޮޕްޓަރެއްގައި އިންޑިއާއަށް ގެންދެވު މަންޒަރު ވީޑިއޯކޮށް އާންމު ކުރީ ތަހުސީފު ކަމަށް ބުނެ އެވެ. މި މައްސަލަ ބޮޑުވުމުން އާއިލާއިން ވަނީ އޭނާ ވީޑީއޯ ހިއްސާ ކުރީ އާންމު މީހެއްގެ ހައިސިއްޔަތުން ކަމަށެވެ.
އޭގެ ފަހުން ބަންގްލަދޭޝްގެ ޖަމާޢަތެ އިސްލާމީއާ ގުޅިފައިވާ "އަމާރް ދޭޝް" ނޫހުން ތަހުސީފަކީ އިންޑިއާގެ ޖާސުސީ އިދާރާ ރޯ ގެ ޖާސުސެއް ކަމަށް ތުހުމަތުކޮށް ޖެހި ހަބަރަކާއި ގުޅިގެން އޭނާ ވައިގެ ސިފައިންގެ ވަޒީފާއިން ވަކިކޮށް ދެ އަހަރަށް ޕާސްޕޯޓު ހިފެހެއްޓިއެވެ.
މީގެ ދެތިން މަސް ކުރިން ތަހުސީފް ސޯޝަލް މީޑިއާގެ ޕޮޑްކާސްޓެއްގައި އެ ނޫހާ ދެކޮޅަށް ސީދާ ވާހަކަ ދެއްކި ނަމަވެސް، ހާމަނުކުރާ ވާހަކަތަކެއް ހުރި ކަމަށް އިޝާރާތްކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް