އެމްއެންޔޫގެ ދަސްވެނިވުން -- ފޮޓޯ: އެމްއެންޔޫ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 2026 ވަނަ އަހަރުގެ ދެވަނަ ޓާމުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ތިން ސެޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގެ ފުރަތަމަ ސެޝަން ހެނދުނު ބޭއްވީ ސްކޫލް އޮފް ނާރސިންގްގެ ދަރިވަރުންނަށެވެ.
އެ ސެޝަން ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާއި ދުޅަހެޔޮކަމާއި މުނިފޫހިފިލުވުމާ ބެހޭ މިނިސްޓަރު ޢަބްދުﷲ ރާފިޢުއެވެ. ދެވަނަ ސެޝަނުގައި ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސް، ފެކަލްޓީ އޮފް އާޓްސް، ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީ، ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް، ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ، އަދި އެމްއެންޔޫ ބިޒްނަސް ސްކޫލުގެ ދަރިވަރުން ދަސްވެނިވެފައިވެއެވެ. އެ ސެޝަން ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
ހަވީރު ބޭއްވި ތިންވަނަ ސެޝަނުގައި ދަސްވެނިވީ ފެކަލްޓީ އޮފް އެޑިޔުކޭޝަން، ފެކަލްޓީ އޮފް ހެލްތު ސައިންސަސް، އަދި ސްކޫލް އޮފް ނާރސިންގް (މާސްޓާސް) ގެ ދަރިވަރުންނެވެ. މި ސެޝަން ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ގީލާ ޢަލީއެވެ. ތިން ސެޝަނުގައި ވެސް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީއާއި ވައިސް ޗާންސެލަރާއި އިސްވެރިންގެ އިތުރުން ދަސްވެނިވި ދަރިވަރުންގެ ބެލެނެވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމިއްޔާތު ފައްޓަވައިދެއްވަމުން ވައިސް ޗާންސެލަރ ޢާއިޝަތު ޝެހެނާޒް އާދަމް ވަނީ ދަސްވެނިންނަށް މަރުޙަބާ ވިދާޅުވެ، ފެންވަރު ރަނގަޅު ތަޢުލީމާއި އަޚްލާޤީ މިންގަނޑުތައް ދެމެހެއްޓުމާއި އިޖުތިމާޢީ ޒިންމާދާރުކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. އެކަމަނާ ވަނީ ލިބިފައިވާ ޢިލްމާއި ހުނަރު ބޭނުންކޮށްގެން ޤައުމުގެ ކުރިއެރުމަށް މަސައްކަތްކުރުމަށް ދަސްވެނިންނަށް ބާރުއެޅުއްވައިފައެވެ.
ބަދަލުވަމުންދާ ދުނިޔެއެއްގައި ފާޑުކިޔައި އަމިއްލައަށް ކަންކަން ދެނެގަތުމުގެ ޤާބިލުކަމާއި ހުޅުވާލެވިފައިވާ ވިސްނުމެއް ގެންގުޅުމާއި އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި މުޅި ޢުމުރަށް އުނގެނުމުގެ މުހިންމުކަން ވެސް ވައިސް ޗާންސެލަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް