ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވެފައިވާ ވަޒީފާ ހޯދުމުގެ މައްސަލައަށް ހައްލެއް ގެންނާނަން: ރައީސް

30 Oct 2026 | 05:04
"ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

"ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ފަހިކޮށް، މުޖުތަމަޢުގައި އެ ފަރާތްތައް ބައިވެރިކުރުވުމުގެ ޤައުމީ ބޮޑު މަޝްރޫޢެއް އަންނަ އަހަރު ފެށުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ކޮންމެ ބުރާސްފައްޗެއްގައި ގެނެސްދޭ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރައީސް އެ ކަން ހާމަކުރެއްވީ، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތެއް ހުށަހެޅި ކަންބޮޑުވުންތަކަކަށް ޖަވާބު ދެއްވަމުންނެވެ. އެ ޕްރޮގްރާމުގައި ބައިވެރިވި ފަރާތުން ފާހަގަކުރީ، ޚާއްޞަ އެހީ ފޯރުކޮށްދޭ މަރުކަޒުތައް ޖާގައިގެ ގޮތުން ދަތިވެފައި، އަތޮޅުތެރޭގައި އެ ފަދަ މަރުކަޒުތައް މަދުވުމުގެ މައްސަލައެވެ. އޭގެ އިތުރުން މަތީ ތަޢުލީމު ޙާޞިލުކޮށްގެން ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ހޯދުމުގައި ކުރިމަތިވާ ހުރަސްތައް ވެސް އެ ފަރާތުން ފާހަގަކުރިއެވެ.

"އަޅުގަނޑު ދިޔައިން ބައިވަރު ތަންތަނަށް އިންޓަވިއުއަށް ވެސް، އިންޓާންޝިޕަށް ވެސް ދިޔައިން އެމްއޭސީއެލް ކަހަލަ ތަންތަނަށް، އެހެން ނަމަވެސް އިންޓަވިއުއަށް ފަހު އެއްވެސް ކަހަލަ ޖަވާބެއް ވެސް ނުދެއްވާ އިންޓާންޝިޕްގެ ފުރުސަތުތައް ވެސް ނުލިބޭކަން ފާހަގަކޮށްލަން ބޭނުން،" އެ މީހާ ކިޔައިދިނެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ވިދާޅުވީ ހުރިހާ ފަރާތްތަކަށް ހަމަހަމަކަމާ އެކު ވަޒީފާ ހޯދައިދިނުމަށް ސަރުކާރުން އިސްކަންދެއްވާ ކަމަށެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ނުލިބޭ މައްސަލައަށް ކުރިއަށް އޮތް ތާނގައި ޙައްލެއް ގެންނަވާނެ ކަމުގެ ޔަޤީންކަން ވެސް ރައީސް ދެއްވިއެވެ.

"މިހާރު ވެސް އަޅުގަނޑު ވާނީ ހުރިހާ އެމްޕީސްއިންނަށް ވެސް ދަންނަވައިފައި އަދި މިނިސްޓަރުންނަށް ވެސް ދަންނަވައިފައި ވާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ފުރުސަތުތައް ވީ އެންމެ ރަނގަޅަކަށް ފަހިކޮށްދީ ފަހި މާހައުލެއް ވަޒީފާ އަދާކުރާނެ ގޮތްތަކެއް ހަމަޖައްސައިދޭން،" އެމަނިކުފާނު ވިދާޅުވިއެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފުތަރުގައި މިހާރު 15,885 މީހުން ހިމެނޭއިރު، އޭގެ ތެރެއިން 263 މީހުންނަކީ މިދިޔަ މަހު އަލަށް ދަފުތަރުވި ފަރާތްތަކެވެ. މިދިޔަ ސެޕްޓެމްބަރު މަހު އެ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 59 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް