ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ރިޒުގު ތަނަވަސްވެ ޢުމުރުގައި ބަރަކާތް ލެއްވޭ ކަމެއް ކަމަށާއި، އެ ގުޅުން ކެނޑުމަކީ ސުވަރުގެ ޙަރާމްވެދާނެ ފަދަ ބޮޑު ފާފައެއް ކަމަށް ބަޔާންކޮށް، ޢާއިލީ ގުޅުންތައް ހަރުދަނާކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން މިއަދުގެ ހުކުރު ޚުތުބާ އިއްވައިފިއެވެ.
"ޢާއިލީ ގުޅުން ހަރުދަނާކުރުމުގެ މުހިންމުކަން" މި މައުޟޫއަށް ޚާއްޞަކުރި ޚުތުބާގައި ފާހަގަކޮށްފައިވާ ގޮތުގައި، މުޖުތަމަޢެއް ބިނާވެފައި އޮންނަނީ ޢާއިލާތައް މައްޗަށް ކަމަށް ވާއިރު، ޢާއިލާތައް ރަނގަޅު ނުކޮށް ހެޔޮ މުޖުތަމަޢެއް ބިނާ ނުކުރެވޭނެ ކަމަށެވެ. މިއަދު މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަޚްލާޤީ ފެންވަރު ދަށްވުން ކަމަށާއި، އެކަމުގެ މައިގަނޑު ސަބަބެއް ކަމުގައި ޚުތުބާގައި ފާހަގަކޮށްފައިވަނީ ކުދީން ބޮޑެތިކުރެވޭ ގޮތެވެ.
ރަސޫލާ ﷺ ގެ ހަދީސްފުޅެއްގެ އަލީގައި ޚުތުބާގައި ބުނެފައިވާ ގޮތުގައި ކޮންމެ ކުއްޖަކު ވެސް ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ސާފުކަން ކަމުގައިވާ އިސްލާމްދީނުގެ މަތީގައެވެ. އެހެންކަމުން މައިންބަފައިންނާއި ބެލެނިވެރީން ކުދީންނަށް ދީނީ ކަންކަން ދަސްކޮށްދީ، މައިންބަފައިންނަށް ކިޔަމަންތެރިވެ ކަމޭހިތުމާއި ގާތްތިމާގެ މީހުންނާ ގުޅުން ބެހެއްޓުމުގެ ސިފަ އެ ކުދީންގެ ކިބައިގައި އަށަގެންނެވުން ލާޒިމުވެއެވެ. ހަމައެހެންމެ، ރަޙިމުން ގުޅިފައިވާ ފަރާތްތަކަކީ ކޮބައިކަން ކުދީންނަށް ބުނެދޭންޖެހޭ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.
ރަޙިމުގެ ގުޅުމުގެ ނަން ﷲ ތަޢާލާގެ އިސްމުފުޅެއް ކަމަށްވާ "އައްރަޙްމާން" އާ ގުޅިފައިވާ ކަން ދެ ހަދީސެ ޤުދުސީގެ އަލީގައި ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. ޢާއިލީ ގުޅުންތައް ބަދަހިކުރެވޭނީ ދަރީން ހެޔޮ މަގުގައި ތަރުބިއްޔަތުކޮށްގެން ކަމަށާއި، އެ މަސްއޫލިއްޔަތު އުފުލާ ފަރާތްތަކަކީ އެ ކަމަށް ޤާބިލު ބަޔަކަށް ވާންޖެހޭ ކަމަށް ޚުތުބާގައި ބާރުއަޅާފައިވެއެވެ.
ޚާއްޞަ ގޮތެއްގައި ދަރީންގެ ޢުމުރުން ހަތް އަހަރުގައި ނަމާދަށް އާދަކުރުވައި، 10 އަހަރު ފުރުމުން ނަމާދު ނުކުރާ ނަމަ އަދަބު ދީގެން ވެސް ނަމާދުކުރުވުމަށް ޚުތުބާގައި އިލްތިމާސްކޮށްފައިވެއެވެ. ދީނީ އެހެނިހެން ކަންކަމަށް ވެސް ތުއްތު ޢުމުރުން ފެށިގެން ކުދީން ހޭނުވައި އަހުލުވެރިކުރުވުމުގެ މައްޗަށް ޚުތުބާގައި ވަރަށް ބޮޑަށް ބާރުއަޅައިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް