ބޫޓާންގެ ގަނޑުފެނުގެ ކޯރެއް ކުއްލިގޮތަކަށް ފަޅައިގެން ދިއުން، އިންޑިއާގެ ބައެއް ސަރަހައްދުތަކަށް އެލާޓު ނެރެފި

30 Oct 2026 | 04:10
ބޫޓާންގެ ޝިންތާޕޫ ކޯރު --

ބޫޓާންގެ ޝިންތާޕޫ ކޯރު --

ބޫޓާނުގެ އުތުރުގައި އޮންނަ ގާސާ ޑިސްޓްރިކްޓުގެ ޝިންތާޕޫ ކޯރު ކުއްލިއަކަށް ފަޅައިގެން ގޮސްފައިވާތީ ފެން ބޮޑުވެދާނެ ކަމުގެ ބިރު އޮތުމުން އިންޑިއާގެ ސްޓޭޓްތައް ކަމަށްވާ ވެސްޓް ބެންގާލާއި އައްސާމުގެ ކަމާ ބެހޭ ފަރާތްތަކުން ކުއްލި ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

އިއްޔެ ހަވީރު ހިނގި މި ހާދިސާގައި ބޫޓާނުގެ ލާޔާ ސަރަހައްދުގެ ވާކީލާ ފަރުބަދައިގެ ތިރީގައި އޮންނަ ޝިންތާޕޫ ކޯރުން ކުއްލިއަކަށް ބޭރުވި ފެންގަނޑު މޯ ޗޫ ކޯރުގެ ނިޒާމު ތެރެއިން ތިރިއަށް ދެމިގެން ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ބޫޓާނުގެ އެ ކޯރުގެ ނިޒާމު ގުޅިފައި އޮންނަނީ އިންޑިއާގެ ސަންކޮޝް ކޯރާއެވެ.

މި ހާދިސާއާ ގުޅިގެން ވެސްޓް ބެންގާލުގެ ފޮރެސްޓް މިނިސްޓަރު އަދި ކުމާރުގްރާމް އެމްއެލްއޭ މަނޯޖް ކުމާރު އޮރައޮން ވީޑިއޯ މެސެޖެއް މެދުވެރިކޮށް، އާލީޕުރްޑުއާރު ޑިސްޓްރިކްޓުގެ ސަންކޮޝް ކޯރު ކައިރީ ދިރިއުޅޭ ރައްޔިތުންނަށް އެތަން ދޫކޮށް ދިނުމަށް އަންގާފައިވެ އެވެ. އަދި އެހެން ސަރަހައްދެއްގައި ދިރިއުޅޭ ދަނޑުވެރިންނާއި އެ ސަރަހައްދުގައި ދިރިއުޅޭ މީހުން އެއް ގަޑިއިރާއި ދޮޅު ގަޑިއިރުގެ ތެރޭގައި ފެންގަނޑު އެ ސަރަހައްދަށް ފޯރައިފާނެ ކަމަށް ބުނެ، އުސް ތަންތަނަށް ދިޔުމަށް އިލްތިމާސްކުރި އެވެ.

ކަމާ ބެހޭ ފަރާތްތަކުން ވަނީ ސައިރެން ޖަހައި، ލައުޑް ސްޕީކަރުން އިޢުލާންކޮށް، ފެންގަނޑު ބޮޑުވަންދެން މަޑުނުކޮށް ދުރާލައި ރައްކާތެރި ތަންތަނަށް ބަދަލުވުމަށް ރައްޔިތުންނަށް އިރުޝާދު ދީފައެވެ. ބޫޓާނުގައި ވެސް އަސަރު ކުރި ސަރަހައްދުތަކުގެ ރައްޔިތުން ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައިވެއެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ ބޫޓާންގެ އާންމުންނަށް މިހާދިސާގައި މާބޮޑު ގެއްލުމެއް ވިކަމެއް އަދި ނޭނގެ އެވެ. ނަމަވެސް އެ ސަރަހައްދުގައި ހުރި ސޯލާ ޕެނަލްތަކަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެ އެވެ.

މި ހާދިސާގައި ކޯރުން ބޭރުވި ފެނުގެ މިންވަރު އަދި ސާފެއް ނޫން ކަމަށްވެ އެވެ. ބޫޓާނުގެ ނެޝެނެލް ސެންޓާ ފޮ ހައިޑްރޮލޮޖީ އެންޑް މީޓިއޮރޮލޮޖީ (އެންސީއެޗްއެމް) ގެ އޮފިޝަލަކު ބުނެފައިވާ ގޮތުގައި ފުރަތަމަ ރިޕޯޓުތައް ލިބުނު ވަގުތު ޓެކްސީމާޚާންގް މޮނިޓަރިން ސްޓޭޝަނުން އެލާޓެއް ނެރެފައި ނުވާ ކަމަށެވެ.

ޝިންތާޕޫ ކޯރަކީ ބޫޓާނުގައި ނުރައްކާ ވެދާނެ ކަމަށް ފާހަގަކޮށްފައިވާ 17 ގަނޑުފެން ކޯރުގެ ތެރެއިން އެއް ކޯރެވެ. ފިނިހޫނުމިން މައްޗަށް ދިޔުމާ އެކު އިރުމަތީ ހިމާލަޔާގެ ގަނޑުފެން ކޯރުތަކުގައި ފެން ޖަމާވެ، ކުއްލި ގޮތަކަށް ފެޅުމުގެ ނުރައްކާ ބޮޑުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް