"އަހަރެން ކޮންއިރަކު ބޭނުންގޮތަކަށް ކުޅުނީ... އަބަދުވެސް ރަފާއަށް އަހަރެން އިހްތިރާމް ކުރިން. ރަފާ ތީ އަހަރެންގެ އެންމެ ގާތް މީހެއްގެ ގޮތުގައި ދެކުނީ.. އެކަމަކު ރަފާ އަހަރެންގެ މުޅިން ދުރުކޮށްލައިފި. " ޔާނިޝް ޝަކުވާ ކޮށްލިއެވެ.
" އަހަރެން ދުރުވާން މަޖުބޫރުކުރީ ޔާން.. އަހަރެންގެ ހިތުގައި މިފަދަ އިހުސާސްތަކެއް ވަނިކޮށް ޔާންއާ އެހާ ގާތްކޮށް އުޅުނީމާ ވޭނާ ކެކުޅުން ލިބެނީ އަހަރެންގެ ހިތަށް.. އަހަ.... " ރަފާ ބުނަން އުޅުނެވެ. އެހިނދު ޔާނިޗް ކުއްލި ހަރަކާތަކާއެކު ރަފާ ކައިރިއަށް ޖެހިލާ އޭނާގެ ތުންފަތުގައި އިނގިލި ހުރަސްކޮށްލައިފިއެވެ. އެހިނދު ރަފާގެ މުޅި ހަށިގަނޑު ހީބިހި ނަގައިގެން ދިޔައެވެ.
" ކީއްތިކުރަނީ ޔާން.. ޕްލީޒް ދުރަށް ދޭ.. އަހަރެންގެ އިހުސާސްތަކާ ތިގޮތަށް ނުކުޅެ.." އެހެން ހުރެ ރަފާ ބުނެލިއެވެ. ޔާނިޝް ދުރަށްލާނެ ހާ ހިތްވަރެއް ރަފާއަކަށް ނުލިބުނެވެ. ކުޑަމިނުން އޭނާގެ ތުންފަތުގައި ހުރަސްކޮށްފައިވާ ޔާނިޝްގެ އިނގިލިވެސް ދުރަށް ނުލެވުނެވެ.
" މީގެ ފަހުން އެމީހާއާ ވާހަކަ ދައްކައިގެން ނުވާނެ.. " އަމުރުވެރި ރާގެއްގައި އިނގިލި ތިރިކޮށްލަމުން ޔާނިޝް ބުންޏެވެ.
" އެއީ ކީއްވެ؟ " ޔާނިޝްގެ ލޮލަށް ބަލަހައްޓައިގެން ހުރެ ރަފާ އެހިއެވެ.
" އެއީ.. އެއީ... އަހަރެން... " ޔާނިޝް ބުނަން މަސައްކަތް ކުރިއެވެ. އިސްޖަހައިލަމުން އޭނާ ރަފާގެ ދެއަތްތިލައިގާ ހިފަހައްޓައިލިއެވެ.
" ޔާން..... " ރަފާއަށް ގޮވައިލެވުނެވެ. މިވަނީ ކިހިނެއް ކަމެއް ނޭނގި އޭނާއަށް ލިބިފައިވަނީ ހައިރާންކަމެކެވެ. އެހެން ހުއްޓާ ޔާނިޝް އިސް އުފުލާ ބަލާލައިފިއެވެ. އޭނާ ރަފާއާ ހަތަރުކަޅި ހަމަކުރި ހިނދު ރަފާގެ ހިތް އަވަސްވެލިއެވެ.
" އަހަރެން.... އަހަރެންނަށް ހީވަނީ... މިބުނީ ޔަގީން ކަންނޭނގެ.. ނޫން.. ހަމަ ޔަގީން.. " ޔާނިޝްއަށް ކިޔޭ އެއްޗެއް އޭނާއަށްވެސް ނޭނގޭ ކަހަލައެވެ.
" ކީކޭތަ ތިކިޔަނީ ޔާން..؟ "
" އަހަރެން... ވެސް... ރަފް ދެކެ ލޯބިވޭ.. ކަންނޭނގެ.." ޔާނިޝް ބުނެލިއެވެ. ރަފާގެ ހިތަށް ލިބިގެން ދިޔައީ ބަޔާން ނުކުރެވޭ ފަދަ ފިނިކަމެކެވެ. ދެލޮލުން ކަރުނަ ނީރާލަން އުޅުމުން އޭނާ އިސްޖަހައިލިއެވެ.
" ޔަގީނެއް ނޫން ދޯ..؟ " ޔާނިޝްއާ ދިމާކޮށްލުމުގެ ގޮތުން ރަފާ ބުނެލިއެވެ.
" ޔަގީން..... " އެހެން ބުނި ހިނދު ޔާނިޝްއަށް ހެވިއްޖެއެވެ. ލަދުވެތިކަމެއް އެކުލެވޭ ގޮތަށް ރަފާވެސް ހޭން ފެށިއެވެ. ޔާނިޝްއަކީ ފިރިހެނަކަށްވީނަމަވެސް އެވަގުތު އޭނާގެ މޫނުމަތިންވެސް ލަދުވެތިކަމެއް ފެންނަން ހުއްޓެވެ. ރަފާއާ އެއްވަރަށް އޭނާވެސް ހެނީއެވެ. ހުނުމުގެ ތެރެއިން ރަފާ ގެނެސް އޭނާގެ މޭގައި ޖައްސާލިއެވެ. ހިތުގެ ހާލު ބަޔާންކޮށްދެވުމުން ޔާނިޝްއަށް ލިބިފައިވާ އުފާވެރިކަން އިންތިހާއެވެ.
" އެނގޭތަ އަހަރެންނަށް ރަފާ ދެކެ ލޯބިވާކަން އިހުސާސް ކޮށްދިނީ ކާކުކަން.. " ޔާނިޝް އެހިއެވެ.
" ކާކު؟ "
" ރާނީ!! ރާނީ އަހަރެންނަށް ވިސްނައި ނުދިންނަމަ އަދިވެސް އަހަރެން ހުންނާނީ އަހަރެންގެ އިހުސާސްތަކާ މެދު އޮޅުންބޮޅުންވެފައި... " ޔާނިޝް ބުންޏެވެ.
" އެނގޭތަ މިރޭ އަހަރެން ރާއިދްއަށް އިންވައިޓް ކުރީ ކީއްވެކަން.. ؟ އަހަރެން ކައިވެންޏަށް ނޫނެކޭ ބުނީ.. އަހަރެން ހިތް އޮތް ގޮތް އޭނާއަށް ބުނެދިނީ.. ބުނީ އަހަރެން ލޯބިވަނީ ޔާން ދެކެއޭ.. " ރަފާ ކިޔައިދިނެވެ. އެހިނދު ޔާނިޝްއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ.
" އެހެންނޫނަސް ރަފް އޭނާއާ ކައިވެނި ކުރިޔަ ނުދިނީމުސް.. " ސަމާސާ އެކުލެވިފައިވާ ރާގެއްގައި ޔާނިޝް ބުންޏެވެ.
*****************
ކައިވެނީގެ ހަފްލާ ނިމި ތަނުގައި ތިބީ ހަމައެކަނި ދެފަރާތުގެ މަދު އާއިލާ މިހުންނެވެ. ރަޔަންގެ ދެމަފިރިން އެތަނުން ދިޔައީ އެއަރޕޯޓަށެވެ. ދެދުވަސް މާމުއި ހަނދުގައި ހޭދަކުރުމަށްފަހު ދެދުވަސް ފަހުން އެމީހުން އެނބުރި އަންނާނެއެވެ. ދުއާގެ ރަންކިޔުމުގެ ހަފްލާގައި ބައިވެރިވުމަށެވެ. ރާނީއާއި ދުއާ އެއްފަރާތެއްގައި ވާހަކަ ދައްކަން ތިއްބެވެ. އަމާންއާއި ހާޖަރު އަމާންގެ އާއިލާ މީހުންނާއެކު ވަކި މޭޒެއްގައި ކާން ތިއްބެވެ. ކާނެ ފުރުސަތު އެމީހުންނަށް ލިބުނީ އަދިކިރިޔާއެވެ. އެހެން މޭޒެއްގައި ސާރާ، ޔާނިޝް ، ރަފާ އަދި އަނޫޝާ އިންއިރު ޔައުލާގެ އާއިލާ މީހުންނާ ވާޙަކަ ދައްކަން ބަދޫރާއާއި ހާރުން ތިއްބެވެ.
ކުއްލި އެތެރެއަށް ވަދެގެން އައި މީހަކު ފެނުމާއެކު އެންމެންގެ ސަމާލުކަން އެދިމާލަށް ހުއްޓުނެވެ. އަތްދިގު ޓީޝާޓަކާއި ޖިންސެއްގައި ހުރި ނީޒާގެ މޫނުމަތިން ފެންނަނީ ހިތްހަމަނުޖެހުމުގެ ކުލަވަރުތަކެވެ. އެންމެންނަށް ވަކިވަކި ނަޒަރެއް ދިނުމަށްފަހު ނީޒާގެ ނަޒަރު ހުއްޓުނީ ދުއާ އާއި ރާނީއާ ދިމާލަށެވެ.
" ނީޒާ!! ކީއްކުރަން މިތަނަނަށް ތިއައީ.. ހަމަ މިހާރު ހިނގާ ދާން މިތަނުން.. " ނީޒާ ކައިރިއަށް އައިސް ހުއްޓި އޭނާގެ އަތުގައި ހިފާލަމުން ހާރޫން ބުންޏެވެ. ނީޒާ ހާރޫންގެ އަތް ފޮޅުވައިލިއެވެ.
" ނުދާނަން.." ނީޒާ ބުނެލިއެވެ.
" ނީޒާ... " ބަދޫރާގެ އަޑު ބާރުވެގެން ދިޔައެވެ. ބޭރުބައެއްގެ ކުރިމަތީގައި އެގޮތަށް ޒުވާބުކޮށް ހެދުމަކީ އޭނާއަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. " ހަމަމިހާރު މިތަނުން ދާން އުޅޭ.."
" މިބުނީނު ނުދާނަމޭ... މިހާރު ދެން މާ ހެޔޮވެގެން އުޅުނަސް އޭރު މަންމަވެސް ހާޖަރާ އޭނާގެ ދަރިންނަށް ހެދީ ހަދާނެ ގޮތެއް.. ހާޖަރަށް އެކަނިއެއް ނޫން.. އަހަރެމެން އެންމެންގެ ދިރިއުޅުން ނަރަކައަކަށް ހެދި މީހަކީ ތީ.. އަދި ކުއްލިއަކަށް މާ ރަނގަޅުވާން ވެގެން އެބައުޅެއެއްނު. މިވީހާ ދުވަހު ގޭ މީހުން މުށުތެރެއަށް ލައިގެން ހަދާނެ ގޮތެއް ހެދީ.. އަހަރެމެން ހެދުން އަޅަންވީ ހިސާބުން ފެށިގެން ކާންވީ ގޮތާ ހަމައަށް ހުރިހާ ކަމެއް ކުރަން ޖެހޭނީ ކަލޭ ބުނާގޮތަށް.. ގޭ މީހުންނަށް ވާހަކަވެސް ދެއްކެނީ ކަލޭގެ ރުހުން ލިބިގެން.. ހާޖަރު އެނބުރި އައި ފަހުން އެހުރިހާ ކަމެއް ބަދަލުވެއްޖެ.. ހަޤީޤަތަކީ ތިވެސް ދެއްކުންތެރިކަމެއް ހުންނަ މީހެއް ކަން.. ހާޖަރާ އޭނާގެ މުއްސަނދި ފިރި އައިމަ މިހާރު ތިއުޅެނީ އެމީހުންނާ ގުޅުން ބަދަހި ކުރާނެ ގޮތެއް ނޭނގިގެން.. މުސްކުޅިވެ ގައި ބާރުދެރަވީމަ ކޮންމެވެސް ގޮތެއް ހޯދަންވާނެއްނު.. އެނގޭވިއްޔާ ކަލޭގެ އިޝާރާތައް އަހަރެމެން ނަށަން ނުތިބޭނެކަން.. " ނީޒާގެ އެބަސްތައް އެންމެން ހައިރާންކޮށްލައިފިއެވެ. އެންމެން އިޚްތިރާމްކުރާ ބަދޫރާއާ ދިމާލަށް ނީޒާ އެގޮތަށް ހަޅޭއްލެވުމުން އެންމެން ތިބީނ އަޖައިބު ވެފައެވެ. ރުޅިއާއި ހިތްދަތިކަން އެކުވެ ބަދޫރާގެ ދެލޯ ފެންކަޅިވިއެވެ. ހާރޫންގެ ކެތްތެރިކަން ކޮޅުންލީ އެހިސާބުންނެވެ. ނީޒާގެ ކަންފަތްމަތީގައި އަތުގައި ހުރި ބާރެއް ލާފައި ޖަހައިފިއެވެ. އާއިލީ މައްސަލައެއްކަން އެނގި ޔައުލާގެ އާއިލާ މީހުން އެތަނުން ނިކުންނަން ހިނގައިގަތެވެ. އަމާންގެ އެދުމުގެ މަތިން އޭނާގެ އާއިލާ މީހުންވެސް އެތަނުން ނިކުތެވެ.
" އަހަރެންނަށް ކެތްކުރެވިއްޖެ.. ކަލޭމެންނާ ނުބެހި އަހަރެންވެސް ކޮޓަރީގަ މަޑުމަޑުން އޮތީމެއްނު.. އެކަމަކު މިހާރު ދެން ވާވަރު ވެއްޖެ.. ހާޖަރާ އޭނަގެ ދަރިން އައިސް އަހަރެން އަތުން ހުރިހާ އެއްޗެއް ފޭރިގަނެއްޖެ.. ނުވީތާކަށް އަހަރެންގެ ފިރިމީހާއާއި އަހަރެންގެ ދަރިންކޮޅުވެސް އަހަރެންނާ ދުރުކޮށްފި.. ކަލޭމެން ދެމީހުން ކީކޭ ހިތަށް އަރައިގެންތަ ތިއުޅެނީ..؟ " ދުއާއާއި ރާނީއާ ދިމާލަށް އޭނާ ހިނގައިގަތެވެ. މިމަންޒަރު ފެނި ހާޖަރު ފުންމައިގެން ތެދުވިއެވެ. ވައިސޫރިއެއް ހެން އޭނާ އައިސް ނީޒާގެ ކުރިމައްޗަށް އެރިއެވެ.
" ހަބަރުދާރު ނީޒާ...! މަގޭ ދަރިންނަށް ވައިވެސް ނޭޅޭތި!! " ހާޖަރު އިންޒާރު ދިނެވެ.
" އެހެންވީމަ ކަލޭގެ ދަރިން ކައިރީގައި ބުނެބަލަ ކޮންމެހެން މަގޭ ދަރިންގެ ބޮލަށް އެރޭނެ ކަމެއް ނެތޭ.. މިތިބަ ދެމީހުންނާ ނުޖެހޭނެ ކޮންމެހެން އަނޫޝާއަށް އަގު ބޮޑެތި އެއްޗެހި ގަނެދީގެން އޭނާގެ ބޮލަށް އެރޭކަށް.. މާ ދުއްތުރާ ބޮޑުވަންޏާ އުފާ................ " ނީޒާ ބުނަން އުޅެފައި ހުއްޓުނެވެ. ބުނެވެން އުޅުނީ ކީކޭކަން އިހުސާސްވެ އޭނާ ވާހަކަ ވަގުތުން ބަދަލުކޮށްލިއެވެ.
" މާ ދުއްތުރާ ބޮޑުވަންޏާ އަހަރެންވެސް ކަލޭމެން އުފަލުގަ އުޅުނަ ނުދޭނަން.. " ނީޒާ ބުންޏެވެ.
" ތިއެއް ނޫނޭއްނު ބުނަން އުޅުނު އެއްޗަކީ ނީޒާ.. ބުނެބަލަ... އުފާއަށް ހަދާލި ގޮތް ހަދާލާނަމޭ ދޯ ބުނަން އުޅުނީ.. ބުނެބަލަ ނީޒާ.. ކަލޭ ދޯ މަގޭ އުފާ މަރާލީ.. ބުނެބަލަ... " އުފާގެ ނަން އަޑުއިވުމުން ހާޖަރުގެ ރުޅި ހަމައިން ނައްޓައިފިއެވެ. އެހިނދު އަމާން އައިސް ހާޖަރު ގައިގައި ހިފަހައްޓައިލިއެވެ. ހާޖަރު އަމާން އަތުން ވީއްލިގަނެގެން ގޮސް ނީޒާ ލައިގެން ހުރި ޓީޝާޓުގެ ގިރުވާނުގައި ހިފައިގަތެވެ.
" ކަލޭ ހާދަ ރަޙުމްކުޑައޭ.. އަހަރެންގެ ކުޑަ ކުޑަ އުފާގެ ކޮންކުށެއް އޮވެގެން ކަލޭ އޭނާ މަރާލީ.. ބުނޭ..!! ކަލޭ ދޯ އަހަރެންގެ އުފާ މަރާލީ.. ބުނާށޭ!! " ފަހަރަކަށްވުރެ ފަހަރެއް ހާޖަރުގެ އަޑު ބާރުވަމުން ދިޔައެވެ. ނީޒާ ގަދަކަމުން ހާޖަރުގެ އަތް ނައްޓުވާ ފަހަތަށް ކޮއްޕައިލިއެވެ. ހާޖަރު ވެއްޓެން ދިޔަ ހިނދު ރާނީއާއި ދުއާއަށް އެދިމާލަށް ދެވުނީ ބޭއިޚްތިޔާރުގައެވެ. ބަދޫރާއަށް ވެސް އަތް އުފުލައިލެވިއްޖެއެވެ. ހުށިޔާރުވެ ހުރެ ހާޖަރު ގައިގައި ވެއްޓުނަ ނުދީ ހިފެހެއްޓީ އަމާން އެވެ. ނީޒާއާ ދިމާލަށް އަމާން ބަލައިލީ އަލިފާނުގެ ބެލުމަކުންނެވެ.
" ކަލޭ ކޯންޗެއް ތިބަލަނީ...؟ އާނ އުފާ މަރާލީ އަހަރެން... އަހަރެން އުފާ މަރާލީ.. " ނީޒާގެ ބަހާއެކު ހާރޫނަށް ދެލޯ މަރައިލެވުނެވެ. ސިއްރުތައް ހާމަވަމުން އެދަނީ އޭނާ ބޭނުންވި ގޮތަކަށް ނޫނެވެ. ލިބުނު ސިހުމުގައި ދުއާއާއި ރާނީއަށް އަނގަމަތީގައި އަތް އަޅައިލެވުނުއިރު އަނޫޝާ އާއި ޔާނިޝް ތިބީ ކުޑަވަރެއްގެ ޝޮކެއްގައެވެ. ރަފާއާއި ސާރާއަށްވެސް ލިބުނީ ސިހުމެކެވެ. ބަދޫރާވެސް ދެލޯ ބޮޑުވެ އަނގަ ހުޅުވުނެވެ. އެނގިގެން އެދިޔައީ އޭނާއަށްވެސް ނޭނގޭ ހަޤީޤަތަކެކެވެ. މިވީހާ ދުވަހު އޭނާއަށް ހީވެފައި އޮތީ އުފާގެ މަރުގެ ފަހަތުގައި ވަނީ ހާރޫންގެ އަތެއްކަމުގައެވެ. ހާޖަރަށް ހަޅޭއްލަވައިގަނެވުނީ ބޭއިޚްތިޔާރުގައެވެ. ކުއްލިއަކަށް ގެނައި ހަރަކާތަކާއެކު އޭނާ ގޮސް ނީޒާގެ ކަރުގައި ހިފައިފިއެވެ.
" ކަލޭ މަގޭ އުފާ މަރާލީ އޭނަގެ ކޮށްކުށެއް އޮވެގެން.. ކަލޭ އަހަރެންގެ މުޅި ދިރިއުޅުން ބަރުބާދުކޮށްލީ.. އަހަރެންގެ ހަޔާތުގެ އެންމެ މުހިންމު ދުވަސްތައް އަހަރެން އަތުން ފޭރިގަތީ.. އަހަރެން ކަލޭ މަރާލާނަން.. " ހާޖަރު ހަޅޭއްލަވަމުން ދިޔައެވެ. އަމާންއަށް ހާޖަރު ނުހިފެހެއްޓޭނެހެން ހީވުމުން ދުއާ އާއި ރާނީގެވެސް އެހީއާއެކު ހާޖަރު ނީޒާ އާ ދުރުކުރުވިއެވެ. މައިނޭވާ އަޅަމުން ކެއްސަމުން ދިޔަ ނީޒާ ވެއްޓެން ދިޔައެވެ. މާދުރުނޫން ހިސާބެއްގައި ހުރި ފާރުގެ އެހީ ހޯދަމުން އޭނާ އިންތިހާއީ ނަފްރަތުގެ ބެލުމަކުން ހާޖަރަށް ބަލައިލިއެވެ.
" ކަލޭ ހީކުރީ އެއީ އަހަރެން އެކަނިން ރާވައިގެން ކުރި ކަމެއް ކަމަށްތަ؟ އެކަމުގަ ބައިވެރި މީހުން ކަލެއަށް ކިޔައިދިނިއްޔާ ޤަބޫލުކުރާނަންތަ؟ އެނގޭތަ އަހަރެންނަށް އެކަން ކުރަން ބާރު އެޅީ ކާކުކަން.. އަދި އެކަން ސިއްރުކުރަން އަހަރެންނަށް އެހީތެރިވެދިނީ ކާކުކަން؟ " ނީޒާ މޮޔައެއް ފަދައެވެ. ކިޔޭ ނުކިޔޭއެއްވެސް އޭނާއަކަށް ނޭނގެއެވެ. " ކަލޭގެ ކުރީގެ ފިރިމީހާ.. ކަލޭގެ ތިން ދަރިންގެ ބަފާ ޒިލާލް.."
ހާޖަރަށް ޤަބޫލެއް ނުކުރެވުނެވެ. ދެފަރާތަކަށް ބޯހޫރައިލެވުނެވެ. ޒިލާލްއަށް އަމިއްލަ ދަރި މަރާލަން ބުނަން ކެރިދާނެ ހެއްޔެވެ؟ ދުއާއަށް ލިބުނުނ ސިހުމުގައި ރާނީގެ އަތުގައި ހިފަހައްޓައިލެވުނެވެ.
" އޭނަ އަހަރެންނަށް ހުށައެޅި އެގު އެނގުނިއްޔާ ކަލޭ ހައިރާންވެ އަންތަރީސްވާނެ.. އެކަމަކު އަހަރެން އެލާރީގަ ނުހިފަން.. އެކަމަކު އެކަން ކުރަން ލޮލުން ބޮލުން ތައްޔާރުވިން.. އަހަރެންގެ ބޭބެއަށްޓަކައި.. މިސްބާހަށް ޓަކައި.. ފަންކާއިން އެލިފައިވާ އޭނާ ހަށިގަނޑު މިހާރުވެސް އަހަރެންނަށް ފެންނަ ކަހަލަ... އޭނަ ކުރީ ކޮން ކުށެއް؟ ހާޖަރުދެކެ އިންތިހާއަށް ލޯބިވުންތަ؟ ހާޖަރު އޭނާއަށް ދިން ހިތާމައަށް ކެތްނުވެގެން އޭނާ މިދުނިޔެ ދޫކުރީ.. ކަލޭގެ ދަރި އެވަޅަށް ވައްޓައިލިއިރު އެލިބުނު ހިތްހަމަޖެހުން ބަޔާންކުރަންވެސް ދަތި.. ހަހަހަ.. " ނީޒާ ހޭން ފެށިއެވެ. ހާޖަރު ކުރިއަށް ޖެހިލިއެވެ. ބަލާކަށް ނުހުރެ ނީޒާގެ ކަންފަތްމަތީގައި އެތިފަހަރެއް އަޅުވައިލިއެވެ. އެވަރަކުން އޭނާއަށް ނުފުދުނެއެވެ. ފުލުފުލުގައި ތިން ހަތަރު ފަހަރު ޖެހިއެވެ. އެކަކުވެސް ހާޖަރު ހުއްޓުވާކަށް ނޫޅުނެވެ. ޔާނިޝްވެސް އެނބުރުނީ އަނެއް ފަރާތަށެވެ. އެތާ ހުންނަން ކެތްނުވެގެން އަނޫޝާ ދުވެފައި ބޭރަށް ނިކުތެވެ. އޭނާގެ ފަހަތުން ރަފާ ދުއްވައިގަތެވެ. އަނޫޝާގެ މިވަގުތު ހާލަތު ހުންނާނެ ގޮތް އެނގޭތީއެވެ.އެންމެ ފަހުން އަނބުރައިގަނެ ނީޒާ ތިރިއަށް ވެއްޓުނެވެ. އެހެން އޮތީ ކުޑަހިނދުކޮޅަކުއެވެ. އުނދަގުލާއެކު ތެދުވެ ފާރުގައި ލެގިލައި ބޮލުގައި ހިފަހައްޓައިލިއެވެ.
މައިނޭވާ އަޅައަޅާ ހުރި ހާޖަރު އެނބުރުނީ އިސްޖެހިފައި ހުރި ހާރޫންއާ ދިމާލަށެވެ. ނީޒާ ނުބުންޏަސް އޭނާއަށް އެކަން ކުރަން އެހީތެރިވެދިން މީހަކީ ހާރޫންކަން ހާޖަރަށް އެނގުނެވެ. އެވީހާއިރު ހާރޫން އިސްޖެހިފައި ހުރި ގޮތުންނެވެ.
" ކީއްވެ ބޭބޭ.. އެކުޑަ ކުޑަ ކުއްޖާ އޮތީ ކޮންކުށެއް... އެކުއްޖާގެ ދުވަސް ދުއްވާލި މީހާއަށް އެހީތެރިވެދިނުމުގެ އިތުރުން ދެން ހުރި ކުއްޖާއާވެސް އަހަރެން ދުރުކުރީ.. ކޮބާ އަހަރެމެންގެ ކުށަކީ.. އެވަރުގެ ބޮޑު ނިކަމެތި ކަމެއް އަހަރެންނަށް ދިންއިރު އެންމެ ފަހަރަކުވެސް ހިތަކަށް ނާރާތަ އަހަރެންމީ ހުރި އެންމެ އަންހެން ކޮއްކޮއޭ.. އަހަރެން ދުވަހަކުވެސް ކަލޭމެންނަށް މައާފެއް ނުކުރާނަން.. ދުވަހަކުވެސް ނުކުރ....... " ހާޖަރުގެ ހިތްވަރު އެލި ރޮވެން ފެށުނެވެ. އެހިނދު ހާޖަރާ ގާތްވެލީ އޭނާގެ ދެދަރިންނެވެ. އޭރު ދުއާ އާއި ރާނީއަށްވެސް ރޮވެނީއެވެ.
" އަހަރެންނަށް މާފުކުރޭ ހާޖަރު!! ނީޒާ އެކަން ކުރިކަން އެނގި ހުރެ އަހަރެން ހަނުހުރީ އަހަރެންގެ ތުއްތު ދަރިފުޅު ޔާނިޝްއަށްޓަކައި.. އެކުއްޖާ މުސްތަޤުބަލު އަނދިރިވާން ނޭދޭތީ.. ހާޖަރާ ދެކޮޅަށް އަހަރެން ކޯޓުގައި ހެކިބަސް ދިނީ ފައިސާގެ ދަހިވެތިކަމުގައި.. ކުންފުންޏަކަށް އަހަރެން ދަރާފައި އޮތް ބޮޑު ދަރަންޏެއް އަދާކުރަން ޖެހުމުން.. މަންމައަށް އެނގި ދާނެތީ ޖެހިލުންވީ.. އަހަރެންނަށް އެފައިސާ ދިނީ ޒިލާލް.. އޭނަ ބުނެގެން އަހަރެން އެގޮތަށް ހެކިބަސް ދިނީ.. ކުރެވުނީ ކިހާ ބޮޑު ފާފައެއްކަން އޭރު އަހަރެންނަށް އިހުސާސް ނުވީ.. އެކަމަކު މިހާރު ކުރެވުނު ކަންތަކާ އިންތިހާއަށް ދެރަވޭ.. ތައުބާވެސް ވެއްޖައިން.. ދުއާ!! ބޮޑުބެއަށް މާފުކުރޭ.. ދުއާ އާއި ހާޖަރަށް ދެވުނު ނިކަމެތިކަމަށްޓަކައި ހިތުގެ އެންމެ ފުންމިނުން މައާފަށް އެދެން.. " ހާޖަރުގެ ކުރިމަތީގައި ދެއަތް ޖޯޑުކޮށްގެން ހުރެ ހާރޫން ބުންޏެވެ.
ބަދޫރާ މަޑުމަޑުން ހާޖަރާ ދިމާލަށް ދާން ފެށިއެވެ. އޭނާ ކައިރިއަށް ހުއްޓުމަށްފަހު ބޮލާއި މޫނުގައި ފިރުމާލައިފިއެވެ. ގިސްލަމުން ދިޔަ ހާޖަރު ހައިރާންވެފައި ބަލައިލިނަމަވެސް އެބެލުމުގައި ރުޅިވެރިކަމެއް ފެންނަން ހުއްޓެވެ.
" މަގޭ ދަރިފުޅާ!! " ބަދޫރާއަށް އިތުރަށް ކެތެއް ނުކުރެވުނެވެ. ހާޖަރު ގެނެސް އޭނާގެ މޭގައި ޖައްސާލައިފިއެވެ. ކީއްވެ ކަމެއް ނޭނގުނެވެ. ހާޖަރަށް ބަދޫރާއާ ދުރަކަށް ނުދެވުނެވެ. މައިވަންތަ ލޯތްބަކީ ކިތަންމެ ބޮޑުވި ނަމަވެސް ކިތަންމެ ރުޅިއައިސްފައި ހުރިނަމަވެސް އެލިބުމުން ދުރަށް ނުލެވޭނެ އެއްޗެކެވެ. ހާޖަރަށް އިތުރަށް ރޮވުން ނޫން ކަމެއް ނުކުރެވުނެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، އެކެއް ނޮވެމްބަރު ވާ ހޯމަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް