ވާހަކަ: މަންޒިލް ތިޔޭ – ފަންސާސްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ހިނގައިގަންނަން އުޅެފައި ދުއާ ހުއްޓުނެވެ. އެނބުރި ބަލައިލި ހިނދު މީހަކު އެތަނުގައި ހުރި ބޯގަސްތަކާއި ނިވައިވެލިތަން ދުއާ އަށް ފެނުނެވެ. އެމީހާ ލައިގެން ހުރި ދިގު ހެދުމުގެ ކަންގ...

27 Oct 2022 | 15:47

ކުރީގެ އަދަދާއި ގުޅޭ...

ހިނގައިގަންނަން އުޅެފައި ދުއާ ހުއްޓުނެވެ. އެނބުރި ބަލައިލި ހިނދު މީހަކު އެތަނުގައި ހުރި ބޯގަސްތަކާއި ނިވައިވެލިތަން ދުއާ އަށް ފެނުނެވެ. އެމީހާ ލައިގެން ހުރި ދިގު ހެދުމުގެ ކަންގަނޑު ފެނުމުން އެއީ އަންހެނެއް ކަން ޔަގީންވިއެވެ. ހަލުވި ކޮށް ހިނގާފައި ގޭޓާ ދިމާލަށް ދުއާ ދާން ފެށިއެވެ. ދުއާ ގޮސް ގޭޓުން ނިކުމެ އެމީހާ ނިވައިވެލި ދިމާ ބަލައިލިއެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން ހައިރާންވިއެވެ. ހީވި ގޮތްބާއޭ ހިތަށް އެރިއެވެ. ހައިރާންވެ އަންތަރީސްވެފައި ހުރެ ދުއާ އެނބުރި އެތެރެއަށް ވަންނަން ހިނގައިގަތެވެ. ދޮރުން އެތެރެއަށް ވަދެވެންދެންވެސް އިރުއިރުކޮޅާ ފަހަތަށް ބަލަމުން ދިޔައީ އެއީ ހަމަ ހީވި ގޮތްބާއޭ ހިތަށް އަރާފައެވެ.

*************

ރަޔަންގެ ކައިވެނީގެ ރެއެވެ. ދަރުބާރުގޭގައި ކުރިޔަށް ދިޔަ ކައިވެނި ޕާޓީގައި ގިނަ އަދަދެއްގެ ބައެއް ބައިވެރިވިއެވެ. ދެފަރާތުގެ އާއިލާއާއި ރަހުމަތްތެރިންނެވެ. ރަޔަންގެ އެ ހާއްސަ ރޭގައި އުފާ ކެއަރ ހޮސްޕިޓަލްގެވެސް ގިނަ ބަޔަކު ބައިވެރިވިއެވެ. އެކައިވެންޏަށް ޓަކައި ދުބާއީއިން އަމާންގެ އާއިލާ މީހުންވެސް އައިސް ތިއްބެވެ. ގިނަ ބައެއްގެ މޫނުމަތިން އުފާވެރިކަމުގެ ކުލަވަރުތައް ފެންނަން ހުއްޓަސް އެތަނުން މަދު މީހެއްގެ ތުންފަތްމަތިން ފެންނަމުންދާ ހިނިތވުންވުމަކީ ދެއްކުންތެރިކަމުގެ ހިނިތުންވުމެވެ. ބޭރުން ހިނިތުންވެފައިވާ މޫނު ފެންނަން ހުއްޓަސް އެތެރެއިން އެމީހުންގެ ހިތް ރޮމުން ދަނީއެވެ. ލޫކަންގެ ނަޒަރު އެންމެ ހިނދުކޮޅަކަށްވެސް ރާނީއާ ވަކި ނުވެއެވެ. އެކަމާ ޖެހިލުންވެފައި ހުރި ރާނީ ލޫކަންއަށް ނުފެންނާނެހެން އުޅުނީ ފިލަ ފިލައިގެންނެވެ. މީހަކަށް އެކަން ފާހަގަ ވެއްޖެ ނަމަ ނިކުންނާނެ ނަތީޖާއަކާ މެދު ވިސްނާލާފައެވެ. އަނެއްކޮޅުން ދުއާ އާއި އާރަވްއެވެ. ލޮލުގެ ޒަރިއާއިން އެކަކު އަނެކަކާ އެތައް ޝަކުވާއެއް އެތައް ވާހަކައެއް ދައްކާ ކަހަލައެވެ. ރަފާއާއި ޔާނިޝްވެސް އެފަދަ ހާލެކެވެ. ރަފާއާ މެދު ޔާނިޝްގެ ހިތުގައިވާ އިހުސާސްތަކަށް ދޭނެ ނަމެއް އޭނާއަކަށް ނުވިސްނުނެވެ. އެނގެނީ ރަފާގެ އެ ދުރުކަން އޭނާއަށް އުނދަގޫކުރާކަމެވެ.

ދައުވަތު ދިން މީހުންގެ ތެރެއިން ޕާޓީގައި ބައިވެރިނުވީ ހަމައެކަނި ނީޒާއެވެ. އޭނާގެ ކިބުރުވެރިކަމާއި ބޮޑާކަމުގައި ކޮޓަރިންވެސް ނުނިކުންނަތާ އެތައް ދުވަހެއް ވެދާނެއެވެ. ފެންވަރައިގެން ނިކުމެ ނިދާ އެއްޗިއްސަށް ބަދަލުކޮށްލި ތަނުން ކޮޓަރީގެ ދޮރު ގައި ޓަކި ޖަހައިލި އަޑުއިވުނެވެ. ބޭރުން އިވުނު އަނޫޝާގެ އަޑަށް ނީޒާ ގޮސް ދޮރު ހުޅުވައިލިއެވެ. ރީތިވެލައިގެން ހުރި އަނޫޝާ ފެނުމުން ނީޒާގެ މޫނުމައްޗަށް ވެރިވީ ފޫހިކަމެވެ.

" މަންމަ އަޅެ ހިނގާބަލަ ޕާޓީއަށް.. މާމަ ބުނެގެން މަންމަ ބަލާ މިއައީ.. " އެތެރެއަށް ވަންނަމުން އަނޫޝާ ބުންޏެވެ.

" ހުން މަށެއް ނޫޅެން ދާކަށް.. މަށާ ވާ ބައެއް ނޫން ތިތަނުގަ ތިބީކީ.. ޔާނިޝްއާއި އަނޫޝާވެސް އެޕާޓީއަށް ދާން އަހަރެން އެއްބަހެއް ނޫން.. އެކަމަކު ތީގަ ނެތް އަހަރެންގެ ބަސް އަހާ އެކަކުވެސް.. " ބޮލުގައި ފުނާ އަޅަމުން ނީޒާ ވާހަކަ ދެއްކިއެވެ.

" މަންމަ ދެން ތިއުޅުން ދޫކޮށްލަބަލަ.... ހާޖަރު ދައްތަ ހާދަ ރަނގަޅޭ.. ރާނީ ދޮންތިއާ ދުއާ ދޮންތިވެސް އެހާ ހެޔޮ.. އަހަރެންނަށް މިހެދުން ގަނެދިނީވެސް ދުއާ ދޮންތި.. އަދިވެސް ބައިވަރު ހެދުން ގަނެދީފަ އެބަހުރި.. " އަނޫޝާ ބުންޏެވެ.

" ދޮންތިއޭ.... ކަލޭ އެއްޗިއްސަށް ދޯ މާ ދޮންތި ވެގެން ތިއުޅެނީ.. ރުޅި އައިސްގެން ހަލާކުވާވަރުވޭ މަގޭ ކުރިމަތީ އެމީހުންނަށް ތައުރީފުކޮށް ވާހަކަ ދައްކާތީ.. އެމީހުން ކުރާ ކަމެއް ކުރަންވީނޫންތަ މަގޭ ދަރިންނާ ނުބެހި.. ކިތަންމެ ހެޔޮވެގެން އުޅުނަސް މަގޭ ބޭބެ ނުމަރާލާ ކަމަކަށް ނުވާނެ އެ ހާޖަރު.. ބުނަންތަ ވާހަކައެއް އަނޫޝާ.. ކަލޭ އެމީހުންނާ ވާހަކަ ދައްކާފައި އައިސް މަށާ ވާހަކަ ދައްކަން ނުހަދާތި.. ހަމަމިހާރު ދާންއުޅޭ މިތަނުން.. " ނީޒާ އަނޫޝާ ކޮއްޕަމުން ގެންގޮސް ކޮޓަރިން ނެރެ ދޮރު ލެއްޕިއެވެ. އައި ރުޅީގައި ހަރު ފިޔަވަޅުތަކެއްގައި އަނޫޝާ ގެއިން ނިކުންނަން ދިޔައެވެ.

***********

" ދެދުވަސް ފަހުން ދުއާގެ ރަންކިއުމުގެ ހަފްލާ.. ހަފްތާއެއްފަހުން ކައިވެނި.. އަހަރެން މިހެން ހުއްޓަ ރާނީވެސް ކައިވެނި ކުރާނެ ކަންނޭނގެ.. " އެތަނުން މޭޒެއް ކައިރީގައި ތިބި ތާރާ ދުއާ އާއި ރާނީއަށް ބުނެލިއެވެ.

" ދެން ހަމަދްވެސް މިހާރު އައިސް ތާރާ ގެންދަންވެއްޖެއްނު ދޯ.. އެކޮޅުން ބިޓެއް ނެގީކަންނޭނގެއެއްނު.." ދުއާ ސަމާސަ ކޮށްލިއެވެ.

" އޭރުން އަހަރެންނަށް ވަކި ގޮތް ހުސްވާނެ ދޯ.. މިހާރު ފުއްޓަތްކެއް ޖަހާލާއިރަށް ލައިނަކަށް ހާޒިރުވާނެ އަހަރެންނާ ކައިވެނި ކުރަން ބޭނުންވާ މީހުން.. " ތާރާ ދެރަނުވާންވެގެން ބުނެލިއެވެ.

" ކަންބޮޑު ނުވޭ ތާރާ.. އަހަރެން މިހުރީނު.. އަހަރެން ކައިވެނި ކުރާނެ ދުވަހެއް އަދި ފާލަށްވެސް ނާރާ.." ރާނީ ބުންޏެވެ. ލޫކަން ނޫން މީހަކާ އިންނަން ހިތަށްވެސް ނާރައެވެ. އެހެނަސް ތަޤުދީރުގައި މިއަދު އެކަން ލިޔެވިފައި ނެތީއެވެ. ލޫކަންގެ އިންތިޒާރުގައި އުމުރު ހުސްކޮށްލުމަކީ ރާނީ ވިސްނައިގެން ހުރި ކަމެއް ނޫނެވެ. އެކަމަކު އަދި އެހެން މީހަކާއެކު އެފަދަ ގުޅުމަކަށް ދާކަށް ތައްޔާރެއް ނޫނެވެ.

" ރާނީ އަދި އަލަށްވެސް ކުއްޖަކާ ރައްޓެހިނުވަންތަ؟ ނޫނީ ޑުބާއީ ގަތަ އެސޮރު ހުރީ.. " ދުއާ އެހިއެވެ. ބޭއިޚްތިޔާރުގައި ރާނީގެ ނަޒަރު ދަތުރުކޮށްލީ ތަންކޮޅެއް ދުރުގައި ހޮސްޕިޓަލް ސްޓާފުންތަކަކާ ވާހަކަ ދައްކަން ހުރި ލޫކަންއަށެވެ. އެހިނދު ލޫކަންގެ ނަޒަރުވެސް ރާނީއަށް އަމާޒުވެފައި ހުރުމުން ރާނީ އަވަސް އަވަހަށް އިސްޖަހައިލިއެވެ.

" އަހަރެން ދާން ވެސް ޖެހިއްޖެ.. މާގިނައިރު ކާފަ މިތާކު ނުބޭންދޭނެއްނު.. ވީހާވެސް ގިނައިން ޑޮކްޓަރު އަރާމުކުރަން ބުނެފައި އޮއްވައި މިތަނަށް އަންނަން ކިޔާވަރުން ގެނައީވެސް.. " އިންތަނުން ތެދުވަމުން ދުއާ ބުންޏެވެ.

" އަހަރެންވެސް ދަންތަ ދުއާ އާ އެކު.. " ރާނީ ބޭނުންވީ އިހަށް އެތަނުން ދާށެވެ. ލޫކަންގެ ބެލުންތަކުން ސަލާމަތް ވެވޭނީ އޭރުންނެވެ.

" ނޫން އޭރުން ރަޔަން ކިހާ ދެރާވާނެ... ކާފަ އެކޮޅަށް ލާފަ ބޭސްދީފަ އަހަރެން އަންނާނަން.. " ދުއާ ބުންޏެވެ. ރާނީ ބޯޖަހައިލުމުން ދުއާ ދިޔައީ ހާޖަރު ކައިރިއަށެވެ. ހާޖަރުގެ ހުއްދަ ހޯދުމަށްފަހު ރިޒާ ގޮވައިގެން އެތަނުން ދާން ދުއާ ހިނގައިގަތެވެ.

****************

ޕާޓީއަށް ވަދެގެން އައި ފިރިހެންކުއްޖާއަށް ރަފާގެ ސަމާލުކަން ހުއްޓުނެވެ. ސާރާގެ އަތުގައި ހިފައިގެން ރަފާ އެދިމާލަށް ހިނގައިގަތެވެ.

" މަންމާ! މީ ރާއިދް.. އަހަރެން ބުނީމެއްނު.. " ރަފާ ތައާރަފް ކޮށްދިނެވެ. އަޑުއިވޭ ހިސާބުގައި ހުރި ޔާނިޝް އެދިމާލަށް ބަލައިލިއެވެ. އޭނާގެ ހިތް އަނދައިގަތީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. ރާއިދް ގޮވައިގެން ސާރާއާއި ރަފާ ހިނގައިގަތީ ރަޔަންއާއި ޔައުލާއާ ދިމާލަށެވެ. އެމީހުންނަށް މަރުޙަބާ ކިޔުމަށްފަހު އަތުގައި އޮތް މާބޮނޑި ރާއިދް އެމީހުންނަށް ދިއްކޮށްލިއެވެ. ރަފާގެ އެދުމުގެ މަތިން ރަޔަންގެ ދެމަފިރިންގެ އެއްކޮޅުގައި ރާއިދް އަނެއްކޮޅުގައި އޭނަ ހުރެގެން ފޮޓޯއެއްވެސް ނެގިއެވެ. އެކަންވީ ޔާނިޝްގެ ހިތުގައި ޖެހުނު ކަމަކަށެވެ. ރާއިދްގެ ބަދަލުގައި އެތަނުގައި ހުންނަން ޖެހޭނީ އޭނާއޭ ހިތަށް އެރީ ކީއްވެ ކަމެއް ނޭނގުނެވެ. ފޮޓޯ ނަގައި ނިމުމުން ރާއިދްގެ އަތުގައި ހިފާލައިގެން ރަފާ ދުރަށް ހިނގައިގަތެވެ. ވަކިން ހުރި މޭޒެއްގައި ދެމީހުން ތިބެ ވާހަކަ ދައްކާ ހީ ހެދިއިރު ޔާނިޝްގެ ނަޒަރު އެމީހުންނާ ވަކިނުވެއެވެ.

ކައިރިން ކަރުކެހިލި އަޑު އިވިފައި ޔާނިޝް ސިހިފައި ބަލައިލިއެވެ. ކައިރީގައި ހުރި ރާނީ ހިނިތުންވެލުމުން ޔާނިޝްވެސް ގަދަކަމުން ހިނިތުންވެލިއެވެ.

" ހާދަ ދެރަވެފައޭ ބަލަހައްޓައިގެން ތިހުންނަނީ... " ރާނީ ބުނެލިއެވެ.

" ދެރައޭ.. އަހަރެން ކީއްވެ ދެރަވާންވީ.. ތީ ރާނީއަށް ހީވާގޮތް.. " ޔާނިޝް ބުންޏެވެ.

" އަޅެ ޔާނިޝްއަށް އަމިއްލަ އިހުސާސްތައް ދެނެގަންނަން އެނގޭނީ ކޮންދުވަހަކުން.. ޔާނިޝް ރަފާއަށް ތި ބަލާ ގޮތް ފެނުނު ކޮންމެ މީހަކަށް އެނގޭނެ ތިހިތުގައި ރަފާއަށް ދެވިފައިވާ މަގާމަކީ ކޮބައިކަން.. އެކަނި ޔާނިޝްއަށް ނޭނގޭހެން ހީވަނީ.. " ރާނީ ބުނެލިއެވެ. ޔާނިޝް ވަކި އެއްޗެއް ނުބުންޏެވެ.

" ޤަބޫލުކޮށްބަލަ ޔާނިޝްވެސް ރަފާ ދެކެ ލޯބިވާކަމަށް.. ރަފާ އެމީހާ އާ އިނދެގެން ދަން ދެން ތިގޮތަށް ބަލަހައްޓައިގެން ހުންނާނީތަ؟ އަދި ވަގުތު އެބައޮތް ޔާނިޝް.. އެކަމަކު ވަގުތަކީ ފާއިތުވާނެ އެއްޗެއްކަން ޔަގީން. އޭގެ ކުރިން ތިހިތުގެ ގޮވުމަށް އިޖާބަދީ!! " މިހެން ބުނެ އެތަނާ ދުރަށް ރާނީ ހިނގައިގަތެވެ.

******************

ކާރުގައި އިން ރިޒާ އިރުއިރުކޮޅުން ދުއާގެ މޫނަށް ބަލައިލައެވެ. ވާހަކައެއް ބުނަން ބޭނުންވެގެން އުޅޭ ކަހަލައެވެ.

" ކިހިނެއްވީ ކާފާ..؟ " ދުއާ އަށް އެކަން ފާހަގަވެގެން އަހައިލިއެވެ.

" ވަރަށް ކަންތައްތައް ބަދަލުވެއްޖެހެން ކާފައަށް ހީވަނީ... " ރިޒާ ބުންޏެވެ.

" ތިބުނީ؟ " ދުއާ ހައިރާންވެފައި އަހައިލިއެވެ.

" މިބުނީ ދުއާވެސް ހީވަނީ ކޮންމެވެސް ކަމެއްވެފަ ހުންނަހެން.. މޫނުމަތީގައި ކުރިން ހުންނަ އުފާވެރި ގޮތެއް ނުހުރޭ.. ލޫކަންއާ ދެކުދިން އެކީގައި އެއްގޮތަކަށް ނުފެނެއޭ ބުންޏަސް ދޮގަކަށް ނުވާނެ.. އަނެއްކޮޅުން ލޫކްވެސް ހީވަނީ މޫނުމަތީގެ ކުލަ އޮއްސިފައި ހުންނަހެން.. ކުރިން ކާފައާ ވާހަކަ ދައްކާ ވަރަށް މިހާރު ވާހަކަވެސް ނުދައްކާ.. " އޭނާގެ ހިތުގައި ހުރި ޝަކުވާތައް ރިޒާ ބޭރުކޮށްލިއެވެ.

" ތީ ކާފައަށް ހަމަ ހީވާގޮތް.. އަހަރެންވެސް ލޫކްވެސް ހަމަ ވަރަށް ރަނގަޅު.. ލޫކް އުޅެނީ ވަރަށް ވަރަށް ބިޒީކޮށް.. އަހަރެންވެސް ވެދިޔަ ކަންތައްތަކާ ވިސްނަން ހަދައިގެން ވީގޮތް އެއީ.. އެކަމަކު މިހާރު އަހަރެން މިހިރީ އުފަލުން.. ވަރަށް ބޮޑަށް ސޮރީ ކާފައަށް އެގޮތަށް ހީވީމަ.. " ރިޒާގެ ކޮނޑުގައި ބޯ އަޅައިލަމުން ދުއާ ބުންޏެވެ. ރިޒާ ވަކި އެއްޗެއް ނުބުންޏެވެ. އޭނާގެ ސިކުނޑީގައި ވަނީ ބޮޑު ހައިޖާނެއް އުފެދިފައެވެ.

*************

ޕާޓީ ނިމެން ގާތްވެފައި ވަނިކޮށް ރާއިދް ދާން ވެގެން ތެދުވިއެވެ. ރަފާ އާ ސަލާމް ކުރުމަށްފަހު އޭނާ ދިއުމުން ހާޖަރުމެން ކައިރިއަށް ދާން ރަފާ އެނބުރުނު ވަގުތު ކުރިމައްޗަށް އައިސް ހުއްޓުނު ޔާނިޝް ފެނި ސިހުމެއް ލިބުނެވެ.

" އަހަރެން ބޭނުން ވާހަކަ ދައްކާލަން.. " ޔާނިޝް ބުންޏެވެ.

" ކޮންވާހަކައެއް.. ކޭކު ފަޅަންވެގެން ކަންނޭނގެ އެއުޅެނީ.. ފަހުން ދޯ.. " މިހެން ބުނެ ހިނގައިގަންނަން ރަފާ އުޅުނެވެ. ނަމަވެސް އެވަގުތު ޔާނިޝް ރަފާގެ އަތުގައި ހިފަހައްޓައިފިއެވެ.

" މިވަގުތު ވާހަކަ ދައްކަން ބޭނުމީ.. ހިނގާ އަހަރެންނާއެކު... " ޔާނިޝް ރަފާގެ އަތުގައި ހިފައިގެން އެތަނުން ނިކުންނަން ހިނގައިގަތެވެ.

" ތިދެން ކޮންކަމެއް ޔާން.. އަހަރެން މީ ޔާން ބޭނުން ގޮތަކަށް ކުޅެން ހުރި ބުދެއް ނޫނޭ.. " ވަކި ހިސާބަކަށް ދެވުނުތަނާ ރަފާ ބުނެލައިފިއެވެ. އެހިނދު ޔާނިޝް ހުއްޓުނެވެ. ރަފާ އަތުން ދޫކޮށްލުމަށްފަހު އޭނާއަށް ބަލައިލިއެވެ.

" އަހަރެން ކޮންއިރަކު ބޭނުންގޮތަކަށް ކުޅުނީ... އަބަދުވެސް ރަފާއަށް އަހަރެން އިހްތިރާމް ކުރިން. ރަފާ ތީ އަހަރެންގެ އެންމެ ގާތް މީހެއްގެ ގޮތުގައި ދެކުނީ.. އެކަމަކު ރަފާ އަހަރެންގެ މުޅިން ދުރުކޮށްލައިފި. " ޔާނިޝް ޝަކުވާ ކޮށްލިއެވެ.

" އަހަރެން ދުރުވާން މަޖުބޫރުކުރީ ޔާން.. އަހަރެންގެ ހިތުގައި މިފަދަ އިހުސާސްތަކެއް ވަނިކޮށް ޔާންއާ އެހާ ގާތްކޮށް އުޅުނީމާ ވޭނާ ކެކުޅުން ލިބެނީ އަހަރެންގެ ހިތަށް.. އަހަ.... " ރަފާ ބުނަން އުޅުނެވެ. އެހިނދު ޔާނިސް ކުއްލި ހަރަކާތަކާއެކު ރަފާ ކައިރިއަށް ޖެހިލާ އޭނާގެ ތުންފަތުގައި އިނގިލި ހުރަސްކޮށްލައިފިއެވެ. އެހިނދު ރަފާގެ މުޅި ހަށިގަނޑު ހީބިހި ނަގައިގެން ދިޔައެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 30 އޮކްޓޯބަރ ވާ އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް