ކޮޅިގަނޑު އިތުރަށް ބާރުގަދަވެ ޑީޕް ޑިޕްރެޝަނަށް ބަދަލުވެއްޖެ، 12 ގަޑިއިރު ތެރޭގައި ތޫފާނަކަށް ބަދަލުވެދާނެ

ރާއްޖެ ސަރަހައްދުގައި އުފެދުނު ކޮޅިގަނޑު އިތުރަށް ބާރުގަދަވެ ޑީޕް ޑިޕްރެޝަނަކަށް (ވަރަށް ބާރުގަދަ ކޮޅިގަނޑަކަށް) ބަދަލުވެއްޖެއެވެ. ރާއްޖެ ލަންކާ އަދި އިންޑިއާ ގުޅޭ ކޮމޮރިން ސަރަހައްދުގައި އުފެދުނު މި ...

30 Oct 2019 | 14:25

ރާއްޖެ ސަރަހައްދުގައި އުފެދުނު ކޮޅިގަނޑު އިތުރަށް ބާރުގަދަވެ ޑީޕް ޑިޕްރެޝަނަކަށް (ވަރަށް ބާރުގަދަ ކޮޅިގަނޑަކަށް) ބަދަލުވެއްޖެއެވެ.

ރާއްޖެ ލަންކާ އަދި އިންޑިއާ ގުޅޭ ކޮމޮރިން ސަރަހައްދުގައި އުފެދުނު މި ކޮޅިގަނޑު ޑީޕް ޑިޕްރެޝަނަކަށް ބަދަލުވެފައިވާކަން އިންޑިއާގެ އާރުއެސްއެމްސީން ހާމަކޮށްފައިވަނީ ދެންމެގެ ވަގުތެއްގައެވެ. މިއާއެކު ލަކްޝަޑްވީޕް ސަރަހައްދަށް މިވަނީ ޔެލޯ މެސެޖު ނެރެފައެވެ. މި މެޖެސު ނެރެފައިމިވަނީ ސައިކްލޯން (ތޫފާން) އެލާޓާއެކުގައެވެ.

މި ކޮޅިގަނޑަށް ކުއްލި އަކަށް އައި މި ބަދަލާއެކު ތޫފާނަކަށް ބަދަލުވެދާނެ ކަމުގެ ވަގުތު މިހާރު މިވަނީ 12 ގަޑިއިރަށް ކުޑަވެފައެވެ. އެގޮތުން އާރުއެސްއެމްސީން ނިމުތު ކުރާ ގޮތުގައި ކުރިއަށް އޮތް 12 ގަޑިއިރުގެ ތެރޭގައި ބާރުގަދަ މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވާނެއެވެ. އެ ފަރާތުން އަންދާޒާ ކުރަނީ މިރޭ 12:00 ހާއިރު ތޫފާނަކަށް ބަދަލުވާނެ ކަމަށެވެ.

މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވި ނަމަވެސް ރާއްޖެއަށް މާބޮޑު ގެއްލުމެއް ލިބިދާނެ ކަމަކަށް ނުބެލެވެއެވެ. އެއީ މި ކޮޅިގަނޑު ދަތުރުކުރަމުން އަންނަނީ ރާއްޖެއާއި ދުރަށް އަރަބި ކަނޑާއި ދިމާއަށް ކަމަށްވުމުންނެވެ. އެހެންނަމަވެސް ކުރިން އަންދާޒާ ކުރި ވަރަށްވުރެ އަވަހަށް މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެދާނެ ކަމަށް ބެލެވޭއިރު ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މޫސުން ވަރަށް ގޯސްވެދާނެ ކަމަށް ލަފާ ކުރެވެއެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވި ނަމަވެސް، ދަތުރުކުރަމުންދަނީ ރާއްޖެއާ ދުރަށް ކަމުން އަންނަ ހުކުރު ދުވަހަށްފަހު ރާއްޖޭގެ އުތުރަށްވެސް މޫސުން ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ރާއްޖޭގެ މޫސުމާއިބެހޭ ގައުމީ އިދާރާއިން މިހާރުވެސް، ރާއްޖޭގެ އުތުރަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. ވަގުތަކީ މިރޭ 06:00 އިން މިރޭ 10:00 އަށެވެ. ލަފާ ކުރަނީ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށެވެ.

[contentcards url="https://dhuvas.mv/96418"]

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް