ރައީސް ނަޝީދު ބަލާ އިންތިހާބީ ރައީސް އިބޫ ލަންކާއަށް

ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަންނަވާއިރު އެކުގައި ވަޑައިގެންނެވުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) މާދަމާ ސްރީ ލަންކާއަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ. އިބޫ...

30 Oct 2018 | 10:37

ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަންނަވާއިރު އެކުގައި ވަޑައިގެންނެވުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) މާދަމާ ސްރީ ލަންކާއަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.

އިބޫ މިގޮތަށް ނިންމަވާފައިވާކަން މިއަދު ހާމަކުރެއްވީ އެމަނިކުފާނުގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ އެވެ.

މާރިޔާ ވިދާޅުވީ ނުރަސްމީ ދަތުރުފުޅެއްގައި އިބޫ މާދަމާ ލަންކާއަށް ވަޑައިގަންނަވާނެ ކަމަށެވެ. އެ ދަތުރުފުޅުގެ ބޭނުންފުޅަކީ ހަމައެކަނި ރައީސް ނަޝީދާއެކު ރާއްޖެ ވަޑައިގަތުން ކަމުގައި މާރިޔާ ވިދާޅުވިއެވެ.

ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަށް ނިންމަވާފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަސް ކަމުގައިވާ ބުރާސްފަތި ދުވަހުއެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާއިރު އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެމްޑީޕީން އަންނަނީ ތައްޔާރުވަމުންނެވެ.

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާއިރު އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމާއި ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ދައުލަތުގެ މައްޗަށް އަމުރެއް ކޮށްފައެވެ. އެހެންކަމުން ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމުގައި މިހާރު އެއްވެސް ހުރަހެއް ނެތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް