ބަޔަކު ވަނީ ފެން ހިންދާ ނިޒާމަށް ގެއްލުންތަކެއްދީ ހަލާކު ކޮށްލާފައިކަމުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓްތަކެއްގައެވެ.
އެގޮތުން ފުރަތަމަ ޓްވީޓްގައި މިނިސްޓަރު ވިދާޅުވެފައިވަނީ ސްޓޯމް ވޯޓަރ ސިސްޓަމްގެ ގިނަ ޕަމްޕްސްޓޭޝަން ތަކުގެ ޕެނަލް ބޯޑަށް ވަނީ ގެއްލުންދީ ހަލާކުކޮށްލާފައި ކަމަށެވެ.
"ބައެއް ޕަމްޕްސްޓޭޝަންތަކުގެ ކަރަންޓު ސަޕްލައި ވަނީ ކަނޑާލާފަ، މިކަންކަން ކުރި ފަރާތްތަކުގެ ނާތަހުޒީބު އަމަލު ކުށްވެރި ކުރަން އަދި ރައްޔިތުންނަށް ދިމާވާ އުނދަގުލަށް މާފަށް އެދެން" މުއިއްޒުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އޭގެ ފަހުން ކެއްވި ޓްވީޓްގައި މުއިއްޒު ވިދާޅުވެފައިވަނީ ސްޓޯމް ވޯޓަރ ސިސްޓަމް ޑިޒައިން ކުރެވިފައިވަނީ ވާރޭ ހުއްޓާލާތާ ތިން ގަޑިއިރު ތެރޭ ފެންގަނޑު އެއްކޮށް ހިނދޭ ގޮތަށް ކަމަށެވެ. ސިސްޓަމަށް އެއްވެސް ސަބަބަކާހުރެ ދިމާވާ ގެއްލުމަކުން ނުވަތަ މައްސަލައަކުން މި ނަތީޖާ ހާސިލެއް ނުވާނެ ކަމަށާއި އަދިވެސް ރައްޔިތުންގެ ކިބައިން އެމަނިކުފާނު އިހްލާސްތެރި ކަމާއެކު މާފަށް އެދޭކަމުގައި ވިދާޅުވެފައިވެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު ރޭ ކުރި ވިއްސާރައިގާ މުޅި މާލޭގައި ވަނީ ފެންބޮޑުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް